ހަބަރު

ޕީޕީއެމްގެ ސުޖާއު އާއި ސައުދު ހުށަހެޅި އިސްލާހުތައް ބާތިލުކޮށްފި

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުތައް ބާތިލުކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ސުޖާއު ހުށަހެޅި އިސްލާހު ބާތިލުވީ 65 މެންބަރުންގެ އިއްތިފާގުންނެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުވެސް ބަލައިގަތުމަށް ނުފެންނަ ކަމަށް 67 މެންބަރުން ވޯޓު ދެއްވި އެވެ.

އެ ދެ އިސްލާހުގައި ވެސް މައިގަނޑުގޮތެއްގައި ބުނެފައި ވަނީ އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ކައުންސިލް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށެވެ. ސުޖާއު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް 65 އަހަރުން މަތީ މީހުންނަށް ކުރިމަތި ނުލެވެނީ ކަމަށް ވަނީނަމަ އެހެން އިންތިހާބުތަކުގައި ވެސް 65 އަހަރުން މަތީ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ.

"ވެރިކަމަށް ކުރިމަތިލެވޭނީ 65 އަހަރުން ނުފުރޭ މީހެއް ކަމަށްވާ ނަމަ ކައުންސިލްތަކަށްވެސް ލެވެން ޖެހޭނީ 65 އަހަރުން ދަށުގެ މީހުންނަށް. އަދި އެހެންމެ ގާނޫނު ހަދާ މަޖިލީހުގެ ދައުރަކީ އަންލިމިޓެޑްކޮށް އޮތް ދައުރަކަށް ވީ ހިނދު އަޅުގަނޑުމެން ބޭނުންވީ މަޖިލީހުގެ ދައުރަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ދައުރާ އެއްވަރަށް ތިރިކުރަން،" ސުޖާއު ވިދާޅުވި އެވެ.

ނަމަވެސް މި އިސްލާހަށް ޕީޕީއެމް އަދި އެމްޑީޕީގެ މެންބަރުންވެސް ދެކޮޅު ހަދާފައިވެއެވެ. އެ މެންބަރުން ފާހަގަ ކުރާ ގޮތުގައި ސިޔާސީ މަސައްކަތުގައި 65 އަހަރުން މަތީ މީހުން މިހާރުވެސް އަދާ ކުރާ ދައުރު ބަލައިގަންނަން ޖެހޭ ކަމަށާއި އަދި އެކަން ދަމަހައްޓަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އިމާރާތް ކުރުމުގެ ގާނޫނަށް ސައުދު ހުށަހެޅި އިސްލާހު، ގައުމީ ސަލާމަތުގެ ކޮމިޓީއިން ދިރާސާ ކުރެއްވި ރިޕޯޓާމެދު ގޮތެއް ނިންމެވުމަށް ވެސް ވޯޓަށް އެހިއެވެ. ނަމަވެސް އެ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް މަޖިލީހަށް ހާޒިރުވީ 70 މެންބަރުން އިއްތިފާގުވި އެވެ. އެގޮތުން އެ އިސްލާހުވެސް ބާތިލުވެފައިވާ ކަމަށް ރިޔާސަތުން ނިންމި އެވެ.