ހަބަރު

ހަ މަސް ފަހުން ހެލްތު މިނިސްޓަރު ކަމަށް ކަސްޓަމްސްގެ ކޮމިޝަނަރު

Mar 10, 2015

ހެލްތު މިނިސްޓަރަކު ނެތި ހަ މަސް ދުވަސް ދިއުމަށްފަހު މިނިސްޓަރު އޮފް ހެލްތުގެ މަގާމަށް އަހުމަދު ޒުހޫރު ރައީސް ހަމަޖައްސަވައި އިއުލާން ކުރައްވައިފި އެވެ.

މިއަދު ވަޒީރު ކަމަށް ޒުހޫރު ހަމަޖެއްސެވި އިރު އޭނާ މިވަގުތު ވެސް އޭނާ ހުންނެވީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމުގަ އެވެ. ކޮމިޝަނާ ޖެނެރަލްގެ މަގާމް ޒުހޫރަށް ދެއްވާފައި ވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރުގެ މަހުގެ 9 ގައެވެ.

ކުރިން ހެލްތް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މަރިޔަމް ޝަކީލާ މަގާމުން ވަކި ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އޯގަސްޓް 11 2014 ގައެވެ. އެ ދުވަހު އެ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާ ހަވާލު ކުރެއްވި ނަމަވެސް ރައީސް އޮފީހުން ބުނެފައި ވަނީ ހެލްތު މިނިސްޓްރީ ހިންގަނީ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޒުހޫރަށް ވަޒީރު ކަމުގެ ހުވާ ލައި ދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރެވެ. 

ޡުހޫރު ވަނީ އޮސްޓްރޭލިއާއިން އެކައުނޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓްގެ ރޮނގުންނާއި، ބިސްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ކިޔަވާވިދާޅުވެފައެވެ. އަދި ސްވީޑަންގެ ވަރލްޑް މެރިޓައިމް ޔުނިވަރސިޓީއިން މާސްޓަރ އޮފް ސައިންސް ޑިގްރީއެއް ޙާސިލްކުރައްވާއިފާވެ އެވެ.