ހަބަރު

ޔޫތް ސިޓީގެ 5،000 ފްލެޓަށް 3.9 ބިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ

ހުޅުމާލޭގައި ފްލެޓު އެޅުމަށް 252.5 މިލިއަން ޑޮލަރު (3.89 ބިލިއަން ރުފިޔާ)ގެ ސޮވިއެންޓް ގެރެންޓީއެއް ސަރުކާރުން ތުރުކީ ކުންފުންޏަކަށް ދީފި އެވެ. ފިނޭންސް މިނިސްޓްރީއިން ވަނީ އެކަމާ ގުޅޭ ލިޔުންތައް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެކަމާ ގުޅިގެން މިއަދު ހެނދުނު ބޭއްވި ކޮމީޓީ ބައްދަލުވުމުގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 5000 ސޯޝާލް ހައުސިން ޔުނިޓުގެ އެޅުމަށް ތުރުކީގެ ކުންފުންޏެއް ކަމަށްވާ އޮޒްޓާކް ހޯލްޑިންސްއަށް ސޮވަރިން ގެރެންޓީއެއް ދީފައިވާ ކަމަށް ބުނެ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ހުށަހެޅި ލިޔުންތައް ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

އެ ކޮމިޓީގައި އެ މައްސަލައިގައި މިއަދު މާ ބޮޑު ބަހުސެއް ނުކުރެ އެވެ. ގިނަ މެންބަރުން ވިދާޅުވީ ހައުސިން މަޝްރޫއުތަކަށް ލޯނު ދޫކުރަން ޖެހޭ ކަމަށެވެ. އެ ކަމާ ގުޅިގެން ކޮމިޓީގެ މެންބަރުން މާ ގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެ އެވެ.

އަދި ކޮމިޓީ ނިމުމަށް ފަހު ނިހާން ނޫސްވެރިންގެ މައުލޫމާތަށް ޓަކައި ވިދާޅުވީ ތުރުކީ ކުންފުންޏަށް ސޯވިއަން ގެރެންޓީގެ ގޮތުގައި ދީފައި ވަނީ 252.5 މިލިއަން ޑޮލަރު ކަމަށެވެ. މާލިއްޔާތު ކޮމިޓީއަށް ހުށަހެޅޭ ސޮވެރިން ގެރެންޓީގެ ކަރުދާސްތަކާ މެދު އެ ކޮމިޓީއިން ގޮތެއް ނިންމާކަށް ނުޖެހެއެވެ. އެއީ މެންބަރުންގެ މައުލޫމާތަށް ޓަކައި ހުށަހެޅި ހުށަހެޅުމެކެވެ.

އޮޒްޓާކުން ހިންގާ 5000 ހައުސިން ޔުނިޓްތަކުގެ މަޝްރޫއާ ބެހޭ މައުލޫމާތެއް އިތުރަށް ލިބިފައި ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ މަޝްރޫއާ ގުޅޭ އެއްބަސްވުންތަކުގައި އަދި ސޮއިކޮށްފައެއް ނުވެއެވެ.