ޗެމްޕިއަންސް ލީގްގެ ގުރޫޕް ސީގައި ސެލްޓިކް ކޮޅަށް ލިއޮނަލް މެސީ ޖެހި ދެ ލަނޑާއެކު 2-0 ގެ ނަތިޖާއަކުން މޮޅުވެ ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ބާސެލޯނާ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ސެލްޓިކްގެ ޕާކްހެޑް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި މެސީގެ ޖެހި ދެ ލަނޑުގެ ތެރެއިން ފަހު ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ކާމިޔަބު ކުރީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން 10 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީންނެވެ.
ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި މި ދެޓީމު ކުޅުނު ފުރަތަމަ ލެގް މެޗްގައި ބާސާއިން ސެލްޓިކް ކޮޅަށް ހަތް ލަނޑު ޖެހިއިރު މެސީ ވަނީ ހެޓްރިކް ހަދާފަ އެވެ.
ލިވަޕޫލްގެ ކުރީގެ ކޯޗް ރޮޖާސްގެ ކޯޗް ކަމުގެ ދަށުން މި ސީޒަންގައި ކުޅެމުންދާ ސެލްޓިކުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗްގައި ބާސާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.
މީގެ ހަތަރު އަހަރު ކުރިން ސެލްޓިކް ދަނޑުގައި ބާސާއާ ދެކޮޅަށް ސެލްޓިކް ވަނީ 2-1 ނަތީޖާއަކުން މޮޅުވެފަ އެވެ. މި ސީޒަންގައި ސަޕޯޓަރުންގެ އަޑުތަކުން ދުނިޔޭގެ ސަމާލުކަން ހޯދި ސެލްޓިކްގެ ސަޕޯޓަރުން އުންމީދު ކޮށްގެން ތިބީ އެ ނަތީޖާ އަލުން ޕާކްހެޑްގައި ތަކުރާރުވާނެ ކަމަށެވެ. ނަމަވެސް އެޓީމަށް ގުރޫޕްގެ ފުލުން ޖާގަ ލިބުމުން މުބާރާތުން ވަނީ ކަޓާފައެވެ.
މެން ސިޓީ ވެސް ދެ ވަނަ ބުރަށް
މި ގުރޫޕްގައި ހިމެނޭ އަނެއް ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީވެސް ވަނީ ބްރޫޝިއާ މޮންޗެން ގްލެބާކްއާ އެއްވަރުވި ނަމަވެސް ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދާފައެވެ.
ސްޓޭޑިއަމް ބުރޫޝިއާ ޕާކްގައި ކުޅުނު މެޗްގެ ފުރަތަމަ ލަނޑު ޖެހީވެސް ގްލެބާކުންނެވެ. އެޓީމުގެ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރަފޭލް އެވެ. މެން ސިޓީ އަށް އެއްވަރު ކޮށްދިނީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޑޭވިޑް ސިލްވާއެވެ.
ރޭގެ މެޗްގައި ދެޓީމުގެ ކުޅުންތެރިޔަކަށްވެސް ވަނި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މެޗްގެ 51 ވަނަ މިނެޓްގައި ގްލެބާކްގެ ލާސް ސްޓިންޑީއަށް ދެ ވަނަ ރީނދޫ ކަޑަކާއެކު ރަތް ކާޑު ދެއްކިއިރު އޭގެ 12 މިނެޓް ފަހުން މެން ސިޓީ ފެނާންޑިނިއޯއަށް ވެސް ވަނީ ދެ ވަަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.