ހަބަރު

އެއާޕޯޓުން ފުރާ މީހުން އަތުން 25 ޑޮލަރު ނަގާ ބިލް ބަލައިގެންފި

ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސަންޖަރުންގެ އަތުން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ ގޮތުގައި 25 ޑޮލަރު ނަގާ ގޮތަށް ހުށަހެޅި ބިލު ރައްޔިތުން މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ސަރުކަރު ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު މިއަދު ހުށަހެޅި މި ބިލު ބަލައިގަތީ 53 މެންބަރުންގެ ވޯޓުންނެވެ. އަދި އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 22 މެންބަރުން ވޯޓު ދެއްވި އިރު ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ މެންބަރަކު އިންނެވި އެވެ. އެގޮތުން އެ އިސްލާހު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ރިޔާސަތުން ވަނީ ފޮނުވާފައެވެ.

އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން ޓެކްސްއާ ފީ ނެގުމާ ބެހޭ ބިލުގައި ބުނެފައި ވަނީ މިހާރު ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖުގެ އިތުރުން ޑިވަލޮޕްމަންޓް ޗާޖުގެ ގޮތުގައި ކޮންމެ ފަސިންޖަރެއް އަތުން 25 ޑޮލަރު ނަގަން ޖެހޭ ކަމަށެވެ. -- ސާވިސް ޗާޖުގެ ގޮތުގައި މިހާރު ނަގަމުން އަންނަނީ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ. --

މި ގާނޫނުގައި އިތުރަށް ބުނެފައި ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ޕާސްޕޯޓު ގެންގުޅޭ ފަރާތްތައް މި އޭޑީސީ ނެގުމުން އިސްތިސްނާވާނެ ކަމަށެވެ. އަދި ދެން ތިބި ރައްޔިތުންނާއި ބިދޭސީންއަތުން އެ ފައިސާ ނެގުމުގެ ޒިންމާ އަދާކުރަން ޖެހޭނީ އެއާލައިންތަކުންނާއި އެއާޕޯޓުން ކަމަށާއި އެ ފައިސާ މީރާއަށް ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.

މި ބިލާ ގުޅޭގޮތުން ބަހުސް ކުރެއްވި އިދިކޮޅު މެންބަރުން ޗާޖު ނެގުމާ މެދު ދެކޮޅު ހެއްދެވި އެވެ. ނަމަވެސް ޕީޕީއެމް މެންބަރުންގެ ވިސްނުން ހުރީ އެއާޕޯޓު ތަރައްގީ ކުރުމަށް އޭޑީސީ ޗާޖު ނެގުމަށެވެ. އެގޮތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާޙިމް ދީދީ ވިދާޅުވީ ޖީއެމްއާރު އަތުގައި އެއާޕޯޓު އޮތް އިރު ދިވެހިން އަތުން ބޮޑު ޓެކްސްއެއް ނަގަން އުޅުން އިރު އިދިކޮޅު މެންބަރުން މައްސަލައެއް ނުޖައްސާ ކަމަށާއި ނަމަވެސް ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރުމަށް ޓެކްސް ނަގަން އުޅުމުން މައްސަލަ ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އޭޑީސީއަކީ ދުނިޔޭގެ ގިނަ ގައުމުތަކުންވެސް ނަގަމުން އަންނަ ޓެކްސްއެއް ކަމަށާއި ތަރައްގީ ކުރަން ބޭނުންނަމަ ރައްޔިތުންވެސް ހަރަދު ކުރަން ޖެހޭނެ ކަމަށް ދީދީ ވިދާޅުވި އެވެ.

"ދުނިޔޭގެ ހުރިހާ ގައުމުތަކުންވެސް ހުރިހާ ހިދުމަތަކުން ޓެކްސް ނެގޭނެ. ނަމަވެސް ރާއްޖެއިން މިފަދަކަމެއް ތައާރަފްކޮށްފިއްޔާ މި ވަނީ ރައްޔިތުން ހަނާ ކުރުމަށް ކުރާ ކަމެއް. ރައްޔިތުން ހޭދަ ކުރަން ޖެހޭނެ ޑީވަލޮޕްމަންޓަށް މިއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އަމަލު ކުރާ ގޮތް. އަޅުގަނޑުމެންގެ އެއްވެސް އިންވޯލްމަންޓެއް ނެތި ކިހިނެތްތޯ ގައުމު ތަަރައްގީ ކުރާނީ. އެހެންވެ މިހާރު މި ނަގަން ނިންމާފައި މިވާ ޓެކްސްއަކީ އެ އުސޫލުން ނަގާ ޓެކްސްއެއް،" ދީދީ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ވެސް ވިދާޅުވީ އޭޑީސީ ޓެކްސް ނެގުމަކީ ގަބޫލު ކުރާ އުސޫލެއް ކަމަށެވެ. ނަމަވެސް އެފަދަ ޓެކްސްއެއް ނެގުމުން ގިނަ ބަޔަކަށް ދަތިވާނެ ކަމަށާއި އެހެންކަމުން އެއާޕޯޓު ތަރައްގީކޮށް ނިމުމަށް ފަހު ޓެކްސް ނެގުން ރަނގަޅުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަދެއްކެވި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ހުރިހާ ރައްޔިތުން އަތުން ޗާޖު ނަގާއިރު ޑިޕްލޮމެޓިކް ޕާސްޕޯޓު އޮންނަ ފަރާތްތަކަށް އެ ޗާޖު ދައްކަން ނުޖެހޭތީ ކަނބޮޑުވާ ކަމަށެވެ. އަދި އެފަދަ ޗާޖެއް ނެގުމުގައި ހަމަ ހަމަ އުސޫލެއް އޮންނާނެ ގޮތަކަށް ކޮމިޓީއިން ނިންމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

"މި މައްސަލައަކީ ބަޖެޓު ކޮމިޓީއާއި ބަހުސްގަވެސް މަޖިލީހުގެ ހުރިހާ މެންބަރުން ދެކޮޅު ހެއްދެވި ކަމެއް. އެހެންކަމުން އެގޮތަށް އަދިވެސް ވާހަކަ ހުންނާނެ ކަމަށް އުންމީދު ކުރަން. އަޅުގަނޑުމެން ވިސްނުމަކީ ފަގީރުންނާ ފުދުންތެރިންނާ ދޭތެރޭ އޮތް ފަރަގު ކުޑަކުރުން. އަޅުގަނޑުމެންގެ ތެރެއިން 10،000 ރުފިޔާ މުސާރަ ލިބޭ މީހުން މި ޖެހެނީ މި ދައްކަން އެކަމަކު ޑިޕްލޮމެޓިކް ޕާސްޕޯޓު އޮންނަ ބޮޑު މުސާރަ ލިބޭ ފަރާތްތަކުގެ އަތުން ނުނަގާ ގޮތަށް. މިއީ އެއްގޮތަކަށްވެސް ތާއީދު ނުކުރެވޭ ކަމެއް،" އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ