މިދިޔަ އާދީއްތަ ދުވަހު ރާއްޖެ ވަޑައިގެންނެވި އޭއެފްސީގެ ރައީސް ބަހްރެއިންގެ ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލަފީ ރާއްޖެއަށް ވަޑައިގެންނެވުމުން ރާއްޖެއިން ވަނީ ބައެއް ކަންކަމަށް އެދިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިނީ ދަނޑުތަކެއް އެޅުމާއި ރާއްޖެއިން ހުށަހަޅާ ކަންކަން އަވަހަށް ނިންމައި ދިނުމާއި އޭއެފްސީގެ އިތުރު ޕްރޮޖެކްޓްތައް ރާއްޖޭގައި ހިންގައި ދިނުން ހިމެނެ އެވެ.
އޭއެފްސީގެ ރައީސް ވަނީ ރާއްޖެއިން ހުށަހަޅާ ކަންކަން ކޮށްދެއްވާނެ ކަމުގެ ފެހި ސިގުނަލް ދެއްވާފަ އެވެ.
"އަޅުގަނޑުމެންނާއެކު ބޭއްވި ބައްދަލުވުމުގައި [ރާއްޖެއިން] ހުށަހެޅި ކަންކަމަށް ވަރަށް ޕޮޒިޓިވް ރެސްޕޯންސެއް ދެއްވި ވިދާޅުވި ހުރިހާ ކަމެއްވެސް ކޮށްދެއްވާނެމޭ އެކަމަކު ތިމަންނަގެ އޮތީ ހަމަ އެންމެ އެދުމެކޭ،" ޔޫތު މިނިސްޓްރީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވި އެވެ.
ޝައިހް ސަލްމާންގެ އެދިވަޑައިގަތުމަކީ އެފްއޭއެމްއަށް އަލަށް އިންތިހާބުވި އެކްސްކޯ ހަމަޖެހުމާއެކު ދައުރު ފުރިހަމަ ކުރަން ފުރުސަތު ދިނުމެވެ. އަދި އެފްއޭއެމްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެއްބާރުލުން ދިނުމަށް ވެސް އެދި ވަޑައިގެންނެވި އެވެ.
"ވިދާޅުވި ތިމަންނައަށް މައްސަލައެއް ނެތޭ ކޮންމެ މީހަކު އެފްއޭގެ ރައީސް އަކަށް ހުއްޓަސް އެކަމަކު ހަމަޖެހުމާއެކު ގެންދަން ފުރުސަތު ދޭން އެދި ވަޑައިގަތް،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ އެފްއޭ ހަމަޔަކަށް ނޭޅި ވޭތުވެދިޔަ ތިން އަހަރު ފާއިތުވިއިރު އެކަމަކީ އޭއެފްސީ އަށްވެސް ކުރިމަތިވި ގޮންޖެހުމެއް ކަމަށް ސަލްމާން ވަނީ ފަހަގަ ކުރައްވާފަ އެވެ.