ޗައިނާ

ޗައިނާގެ ސައިންޓިފިކް ރިސާޗް އުޅަނދެއް ރާއްޖެއަށް!

ޗައިނާގެ ސައިންޓިފިކް ރިސާޗް އުޅަނދެއް ކަމަށްވާ "ޒިއަން ޔަން ހޮންގް 1" އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޗައިނާ އެމްބަސީއިން މިއަދު ބުނީ އެ އުޅަނދު އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބަނދަރުކުރާނެ ކަމަށެވެ. އަދި އެ ދުވަހު އެ އުޅަނދުގައި އޯޕަންޑޭއެއް ބޭއްވުމަށް އެ އެމްބަސީއިން ނިންމާފައިވާ ކަމަށެވެ. އުޅަނދަށް އަރައި ބަލާލުމުގެ ފުރުސަތު އެންމެންނަށް ވެސް ލިބޭނެ ކަމަށް ބުންޏެވެ.

ޗައިނާ އެމްބަސީން ބުނީ އެ އުޅަނދު ދައްކާލުން ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން 9:30 އަށް ކަމަށެވެ. އެ ވަގުތުގައި އެ އުޅަނދުގައި މަސައްކަތްކުރިއަށްދާ ގޮތާއި އޭގެ ސާމާނުތައް އެ އުޅަނދުގައި މަސައްކަތްކުރާ ފަރާތްތަކުން ދައްކާނެ ކަމަށެވެ. ޕްރެޒެންޓޭޝަންތައް ވެސް ދައްކާލާނެ ކަމަށް އެމްބަސީއިން ބުންޏެވެ.

އެމްބަސީއިން ބުނި ގޮތުގައި، އެ އުޅަނދަށް އަރަން ބޭނުންވާ ފަރާތްތަކުން ހޮނިހިރު ދުވަހުގެ 8:50 އަށް މާލޭ ޕޯޓް ސަރަހައްދަށް ދިޔުމަށް އެދޭ ކަމަށެވެ. އެ ސަރަހައްދުގައި ޗައިނާ އެމްބަސީގެ މުވައްޒަފުން ތިބޭނެ ކަމަށެވެ.