ބޮލީވުޑް

ރަންބީރާއި ސޯނަމް 10 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެނީ

Nov 26, 2016

މީގެ ދިހަ އަހަރުކުރިން 2007 ވަނަ އަހަރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިޔާ" އިން ވަނީ ރަންބީރު ކަޕޫރާއި ސޯނަމް ކަޕޫރު ބޮލީވުޑަށް ތައާރަފުވެފަ އެވެ.

ފުރަތަމަ ފިލްމު ރިލީޒްވިތާ ދިހަ އަހަރުފަހުން މިދެތަރިން އަލުން އެކުގައި ޖޯޑެއްގެ ގޮތުގައި މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި ފެނިގެންދާނެ ކަމަށްވެ އެވެ.

ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުން ރަންބީރާއި ސޯނަމް އެކުގައި ފެނިގެންދާނަމަ، މިއީ "ސާވަރިޔާ" އަށް ފަހު ދިހަ އަހަރު ފަހުން މިދެތަރިން އެކުގައި ފެނިގެންދާނެ ދެވަނަ ފިލްމެވެ.

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އުފައްދާ މިފިލްމުގައި ރަންބީރު ސަންޖޭގެ ރޯލުން ފެނިގެންދާއިރު، ސޯނަމް ފެނިގެންދާނީ ނުވަދިހައިގެ އަހަރުތަކުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅުނު މަޝްހޫރު ބަތަލާއެއްގެ ރޯލުންނެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ މިފިލްމުގައި ސޯނަމް ކުޅޭ ރޯލަކީ ބޮލީވުޑްގެ ވަކި ބަތަލާއެއް ނިސްބަތްނުވާ ރޯލެއް ކަމަށާއި އޭނާ ކުޅޭ ރޯލަކީ އެދުވަސްވަރު ސަންޖޭއާ ބައެއް ބަތަލާއިންނާ އޮތް ލޯބީގެ ގުޅުން ދައްކާލުމެވެ. ސޯނަމް މިފިލްމުން ފެނިގެންދާނެކަން ޑައިރެކްޓަރު ހިރާނީ ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

މިފިލްމަށް ތައްޔާރުވުމުގެ ގޮތުން ރަންބީރުގެ ސިފައަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ބުނެވޭއިރު، އޭނާގެ ކުރީގެ އަންހެނުން ރިޗާ ޝަރްމާ އާއި މިހާރުގެ އަންހެނުން މާންޔަތާގެ ރޯލު ކުޅޭނެ ބަތަލާއިން އަދި ހަމަޖައްސާފައެއްނުވެ އެވެ.

ސޯނަމްގެ އިތުރުން މިފިލްމުގައި ނޫސްވެރިއެއްގެ ރޯލުން ބަތަލާ އަނުޝްކާ ޝަރްމާ ވެސް ފެނިގެންދާނެ އެވެ.