ވިޔަފާރި

ބޯޓިން އެވޯޑު: ލޭމްގެ ލައިފް ޓައިމް އެވޯޑު ހަމީދަށް

Nov 26, 2016

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ އިން ދޭ ބޯޓިން ޕާސަނަލަޓީ އޮފް ދި އިޔާގެ އެވޯޑު، އަބްދުﷲ ހަމީދު އަލީ އަށް ލިބިއްޖެ އެވެ.

ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ލޭމް އިން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިރޭ ބޭއްވި، މޯލްޑިވްސް ބޯޑިން އެވޯޑު 2016 ގައި ހިމެނޭ، ބޯޓިން ޕާސަނަލެޓީ އޮފް ދި އިޔާގެ އެވޯޑު ލިބިލެއްވި ނ. ވެލިދޫ އަށް އުފަން ހަމީދަކީ ސަފާރީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެވި ބޭފުޅެކެވެ. ހަމީދު އަށް މި އެވޯޑު ހަވާލުކޮށްދެއްވީ މި ރޭ ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރުމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް އެވެ.

ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ އުފައްދަވައި، އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ އެގްޒެކެޓިވް މެންބަރުގެ މަގާމު ވެސް ހަމީދު ފުރުއްވާފައިވެ އެވެ. އަދި އޭނާ މި ދާއިރާ އަށް ކޮށްދެއްވާފައިވާ ބައެއް ހިދުމަތްތަކުގެ ތެރޭގައި ހާއްސަ ފޮތެއް ނެރުއްވައި ދެއްވުން ހިމެނެ އެވެ.

ލޭމްގެ ބޯޓިން އެވޯޑު 25 ދާއިރާ އަކުން ދީފައިވެ އެވެ. މި އެވޯޑު އިންތިޒާމުކޮށްފައިވަނީ ޔުނިކާ އިންނެވެ. އަދި މި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.