ބޮލީވުޑް

ޑިއާ ޒިންދަގީ: ޝާހްރުކާއި އާލިއާ މޮޅަސް ފިލްމު މޮޅެއް ނޫން

Nov 26, 2016

ގިނަބަޔަކު އިންތިޒާރުކުރަމުން އައި ޝާހްރުކް ޚާން އާއި އާލިއާ ބަޓް އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ޑިއާ ޒިންދަގީ" މިވަނީ އިއްޔެ ރިލީޒްކޮށްފަ އެވެ.

"އިންގްލިޝް ވިންގްލިޝް" އަށް ފަހު ޑައިރެކްޓަރު ގޯރީ ޝިންދޭ ޑައިރެކްޓްކުރި "ޑިއާ ޒިންދަގީ" ވަނީ އިއްޔެ އިންޑިއާގެ 1200 ސްކްރިނާއި ބޭރު ދުނިޔޭގެ 600 ސްކްރީނެއްގައި ރިލީޒްކުރި މިފިލްމަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 8.5 ކްރޯޑް (850 މިލިއަން ރުޕީޒް) އެވެ.

ތިރީސް ކަރޯޑުގެ ބަޖެޓަކުން އުފައްދާފައިވާ މިފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ ހިއްސާކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝްކުރި ޓްވީޓެއްގައި ވަނީ ފިލްމުގެ ފެށުން ރަނގަޅު ކަމަށް ބުނެފަ އެވެ. މިފިލްމުގެ ސެޓެލައިޓް ރައިޓްސް އާއި މިއުޒިކް ރައިޓްސް ވިއްކައިގެން 35 ކްރޯޑް ލިބި، ފިލްމު އުފައްދަން ކުރި ހަރަދު ފޫބެދިފައިވާއިރު ކުރިއަށް އޮތް ތަނުގައި މިފިލްމަށް ލިބޭ ކޮންމެ އާމްދަނީ އަކީ ފައިދާގެ ގޮތުގައި ލިބޭނެ ލާރި އެވެ.

އާލިއާ ޝާހްރުކް އާއެކު ކުޅުނު ފުރަތަމަ ފިލްމު ކަމަށްވާ މިފިލްމަށް ފުރަތަމަ ދުވަހު ގާތްގަނޑަކަށް 11 ކްރޯޑް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް އިންޑިއަން ރުޕީޒްގެ 500 އާއި 1000 ނޫޓް ކުއްލިއަކަށް އުވާލުމުން އެކަމުގެ ނޭދެވޭ އަސަރުން ސިންގަލް ސްކްރީންތަކަށް ފިލްމު ބަލަން އަންނަ މީހުން އަދިވެސް ވަރަށް މަދެވެ. އެހެންނަމަވެސް މީގެކުރީ ދެހަފްތާގައި ރިލީޒްވި "ރޮކް އޮން 2" އާއި ފޯސް 2" ގެ އިތުރުން "ތުމް ބިން 2" އަށް ވުރެން މިފިލްމުގެ ފެށުން ރަނގަޅެވެ.

މިފިލްމާއެކު އިތުރު ފިލްމެއް ރިލީޒްވެސް ނުވުމާއި، ހޮލީވުޑް ފިލްމެއް ވެސް ރިިލީޒްނުކުރާތީ ކުރިއަށް އޮތް ހަފްތާ އެއްކޮށް ބޮކްސް އޮފީސް ފަތަހަކުރުމުގެ ފުރުސަތު މިފިލްމަށް އެބަލިބެ އެވެ.

ހަމައެހެންމެ މިފިލްމާ ގުޅޭގޮތުން ކްރިޓިކްސް އާއި ބެލުންތެރިން ދައްކަމުން އަންނަ ރަނގަޅު ވާހަކައިގެ ސަބަބުން މިފިލްމު ބަލަން ކުރިއަށް އޮތް ދުވަސްތަކުގައި ގިނަބަޔަކު ސިނަމާތަކަށް ވަންނާނެ ކަމަށް ލަފާކުރެވެ އެވެ. ފިލްމުގެ މޮޅު ވާހަކަ އާއި އެއްވަރަށް މިފިލްމުގެ ވާހަކަ އެއްވެސް ތާކުންތާކު ނުޖެހޭ ކަމަށް ވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން ފިލްމުގެ ގެނެސްދީފައިވާލެއް މޮޅު ނަމަވެސް ފިލްމުގެ ވާހަކައިގެ އެއްވެސް އޮއްޓަރެއް ނެތް ކަމަށްވެ އެވެ.

މިފިލްމަށް ތައުރީފުކުރަމުން ކްރިޓިކްސްއިން ވަނީ މިއީ އާލިއާ މިހާތަނަށް ކުޅުނު އެންމެ މޮޅު ފިލްމު ކަމަށާއި މިފިލްމުން އޭނާގެ އެކްޓިން ވަރަށް ރަނގަޅަށް މިފިލްމުން ހާމަވެގެންދާ ކަމަށް ވަނީ ލިޔެފަ އެވެ.

ޝާހްރުކް މިފިލްމުގައި ފެނިގެންދަނީ ކުޑަ ރޯލަކުން ނަމަވެސް ފިލްމުގެ ރޫހަކީ އޭނާ ކަމަށް ގިނަ ކްރިޓިކްސް އިން ފާހަގަކޮށްފަ އެވެ.

"ޑިއާ ޒިންގަދީ" ގައި އާލިއާ ފެނިގެންދަނީ ގޮތް ހުސްވެފައިވާ ޒުވާން ސިނެމެޓޯގްރާފަރެއްގެ ރޯލުންނެވެ. އާލިއާގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭ ސައިކެޓްރިސްޓެއްގެ ރޯލަކުން ޝާހްރުކްގެ ފެނިގެންދާއިރު، އަލީ ޒަފަރް، ކުނާލު ކަޕޫރު އަދި އަންގަދް ބޭދީ ފެނިގެންދަނީ އާލިއާގެ ލޯބިވެރިންގެ ގޮތުގަ އެވެ.