ބޮލީވުޑް

"ތަގްސް އޮފް ހިންދޯސްތާން" ގެ ބަތަލާ އަކަށް ޓީވީ ތަރި މުރްނާލް

Nov 27, 2016
1

މެގަސްޓާ އަމީތާބް ބައްޗަން އާއި ސުޕަސްޓާ އާމިރް ޚާން އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމު "ތަގްސް އޮފް ހިންދޯސްތާން" ގެ މަސައްކަތް ފެށުމުގެ ކުރިން ފިލްމުގެ ލީޑް ބަތަލާއަކަށް ހަމަޖައްސާ ތަރިއަކާ ގުޅިގެން އާމިރް އާއި ފިލްމު އުފައްދާ ޔާޝް ރާޖްގެ ވެރިޔާ އަދިތްޕޔަ ޗޯޕްޅާއާ ދެމެދު މައްސަލަތަކެއް ޖެހިގިެން އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

މި ފިލްމުގެ ބަތަލާ އަކަށް އާމިރް އާލިއާ ބަޓް ހަމަޖައްސަން ބޭނުންވި ނަމަވެސް އަދިތްޔަ ބޭނުންވީ އޭނާ އެންމެފަހުން ޑައިރެކްޓްކުރި ފިލްމު، "ބޭފިކްރޭ" ގެ ބަތަލާ ވާނީ ކަޕޫރަށް މިފިލްމުގެ ބަތަލާގެ ރޯލު ހުށަހަޅާށެވެ. ފިލްމުގެ ބަތަލާއަކަށް ހަމަޖައްސާނެ ތަރިއަކާ ގުޅގެން އާމިރް އާއި އަދިތްޔަގެ ދެމެދުގައި ހިޔާލުތަފާތުވެފައިވާއިރު، އެރޯލު އެންމެފަހުން ޓީވީ ތަރިއެއް ކަމަށްވާ މުރްނާލް ޓާކުރަށް ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއް މިވަނީ އަރާފަ އެވެ.

ޒީ ޓީވީއިން ދައްކާ ޓީވީ ސީރީޒް "ކުމްކުމް ބާގްޔާ" އިން ބުލްބުލްގެ ރޯލުން ފެނިގެން ގޮސްފައިވާ މުރްނާލަށް މިފިލްމުގެ ބަތަލާގެ ހުށަހަޅާފައިވާ ކަމަށްވެ އެވެ. މުރްނާލަށް މިރޯލު ލިބިފައިވަނީ މިފިލްމުގެ ބަތަލާގެ ވާނީ ހަމަޖައްސަން ނިންމި ނިންމުމާ އާމިރް ގަޔާނުވުމުން ރޯލު މުޅިން އާ މޫނަކަށް ދޭން ޕްރޮޑިއުސަރު އަދިތްޔަ ނިންމުމުން ކަމަށްވެ އެވެ.

ޑައިރެކްޓަރު ވިޖޭ ކްރިޝްނަ އަޗާރްޔާ ޑައިރެކްޓްކުރާ މިފިލްމުގެ ބަތަލާގެ ރޯލު ކުޅެން މުރްނާލް ހަމަޖެއްސިކަން އަދި ޔާޝް ރާޖްސްއިން ހާމަނުކުރި ނަމަވެސް ބޮލީވުޑްގެ ނޫސްތަކުގައިވާ ގޮތުން އޭނާ ބަތަލާގެ ރޯލަށް ހަމަޖައްސައި ވަނީ ލުކް ޓެސްޓް ވެސް ހަދާފަ އެވެ.

މީގެކުރިން ވެސް މުރްނާލް ސަލްމާން ޚާންގެ "ސުލްތާން" އިން ބޮލީވުޑަށް ތައާރަފުވާން އުޅޭ ކަމުގެ އަޑުތަކެއް އެރި ނަމަވެސް އެންމެފަހުން އެރޯލު ކުޅެފައިވަނީ އަނުޝްކާ ޝަރްމާ އެވެ.

ބަތަލާ އާލިއާ އަށް މިފިލްމުން ހުށަހެޅުން ލިބުނު ނަމަވެސް އެހެނިހެން ފިލްމުތައް ވަގުތުދޭން ޖެހޭތީ އަންނަ އަހަރު އޭނާ އަށް މިފިލްމަށް ވަގުތު ދެވެން ނެތުމުން ލިބުނު ހުށަހެޅުން ވަނީ ދޫކޮށްލާފަ އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.