ބޮލީވުޑް

ރޭޕްއާ ދެކޮޅަށް އުފެއްދި ފިލްމު "ޕިންކް" އދ ގައި ދައްކާލަނީ

Nov 27, 2016
1

އަނިރުދާ ރޯއި ޗައުދަރީ ޑައިރެކްޓްކޮށް މެގަސްޓާ އަމީތާބް ބައްޗަން ވަކީލެއްގެ ރޯލުން ފެނިގެންދާ ފިލްމު "ޕިންކް" އަކީ އިންޑިއާގެ ރޭޕް ކަލްޗާއާ ދެކޮޅަށް އުފައްދާފައިވާ ފިލްމެކެވެ.

އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ވަރުގަދަ އިޖްތިމާއީ މެސެޖެއް ފޯރުކޮށްދޭ މިފިލްމު ސެޕްޓެމްބަރުގައި ރިލީޒްކޮށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު އަމީތާބްގެ އިތުރުން މިފިލްމުގައި ފެނިގެންދަނީ ތަޕްސީ ޕަނޫ އާއި އެންޑްރިއާ ޓެރިއަންގް އާއި ކިރްތީ ކުލާރީ އެވެ.

އިންޑިއާގެ އިޖުތިމާއި އެންމެ ބޮޑު އެއް މައްސަލައިގެ މައްޗަށް އުފައްދާފައިވާ މިފިލްމު އދ ގައި ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އަމީތާބް ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެވެ. އަމީތާބްގެ ޓްވީޓްގައި ވަނީ ނިއުޔޯކްގައި ހުންނަ ޔޫއެންގެ ހެޑްކުއާޓަރުގައި މިފިލްމުގެ ހާއްސަ ސްކްރީނިންއެއް ދާއްކާލަން ނިންމާފައިވާ ކަމަށާއި އަދ ގެ ސެކެޓްރީ ޖެނެރަލް ވެސް މިފިލްމުގެ ސްކްރީނިންގައި ބައިވެރިވާނެ ކަމަށް ލިޔެފަ އެވެ.

ކޯޓްރޫމް ޑްރާމާ މިފިލްމުގައި ފެނިގެންދަނީ ޖިންސީ ފުރައްސާރަ އާއި އަނިޔާގެ ޝިކާރައަކަށްވާ ތިން އަންހެން ކުދިންގެ ވާހަކަ އާއި ހުންގެ ދިފާއުގައި އަމީތާބު ވަކާލާތުކޮށް ކޯޓުގައި ކުރިއަށް ގެންދާ ހޫނު ބަހުސްތަކާއި އަސަރުގަދަ މަންޒަރުތަކެކެވެ. ރޭޕް ކަލްޗާ ދިފާއުވާގޮތަށް އިންޑިއާގައި އެކުލަވާލާފައިވާ ސިޔާސަތުތަކާއި ގަވާއިދުތަކުގެ މައްސަލަތައް މި ފިލްމުގައި ވަރަށް ބޮޑަށް ހައިލައިޓްކޮށްދެ އެވެ.