ވިޔަފާރި

ވަޒީފާގެ ބާޒާރު މިހާ ތިޔާގިވި ދުވަސް ވަރެއް އަދި ނާދެ: ސައީދު

Nov 27, 2016
1
  • ސަރުކާރުން އެޅި ފިޔަވަޅުތަކުން އެކަނި ހާހެއްހާ ވަޒީފާ
  • އަންނަ އަހަރު ހުޅުވާ ރިސޯޓުތަކުން ގިނަ ވަޒީފާތަކެއް
  • ވަޒީފާޔަށް މީހުން ތަމްރީން ކުރަން ޕްރޮގްރާމްތަކެއް

ވަޒީފާ ބާޒާރަށް މިއަށްވުރެ ތިޔާގިކަން އައި ދުވަސްވަރެއް ދުވަހަކު ވެސް ނާންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ސަރުކާރުން ގެންނަ ބަދަލުތަކާއެކު، ވަޒީފާތައް އުފެދިފައިވާ ކަމަށާއި އިތުރު ވަޒީފާތައް އަދިވެސް އުފެދެމުން އަންނަ ކަމަށެވެ. އަދި އެވަރަށް ވަޒީފާތަކެއް އުފެދުނީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާގެ ގޮތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ފޮޓޯ ނެގުން އަދި ވޯޓާ ސްޕޯޓްސްގެ ވިޔަފާރިތަކަށް ބޭރު މީހުންނަށް ވިސާ ނުދިނުން ފަދަ ފިޔަވަޅުތައް ސަރުކާރުން އެޅި ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއަހަރުވެސް ގިނަ ރިސޯޓްތަކެއް ހުޅުވުމާ އެކު ގިނަ އަދަދެއްގެ ވަޒީފާތަކެއް ހުޅުވިގެން އަންނާނެ އެވެ. އަދި އަންނަ އަހަރު ވެސް 30 ރިސޯޓެއް ހުޅުވޭ އިރު އޭގެ ސަބަބުން އެތައް ހާސް ވަޒީފާތައް އުފެދޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް އަތޮޅުން 30 ރިސޯޓު އަންނަ އަހަރު ހުޅުވާނެ. މިނިސްޓްރީން އަޅުގަނޑުމެން ސިޔާސަތެއް ކަނޑައެޅިން ކުންފުނިތަކުގެ ސެކްރެޓަރީންއަކީ ދިވެހިންނަށް ވާންޖެހޭނެއޭ. މިއީ 900 އެއްހާ ވަޒީފާ. މީގެ ކުރިން މި ވަޒީފާތަކުގައި ތިބީ ބިދޭސީން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ވަޒީފާތަކެއް އުފެއްދުމުގެ ގޮތުން އެއާލައިންތަކާއި އޮޑިޓް ފާމްތަކާ ވެސް ވާހަކަ ދައްކަމުންދާ ކަމަށެވެ.

"އޮޑިޓް ފާމްތަކާއި އެއާލައިން އޮފީސްތަކާ ވާހަކަ ދައްކަމުން މިދަނީ ހުސް ބިދޭސީން ތިބުމުގެ ބަދަލުގައި ދިވެހިން ވެސް މި ވަޒީފާތަކަށް ނަގަން. މީގެ ކުރިން އޮޑިޓްފާމްތަކުގައި ހުސް ބިދޭސީން ތިބޭ. ނަމަވެސް ދިވެހި ކުދިން ރަނގަޅު ނަތީޖާ ހޯދާ. މި ބޭފުޅުންތައް ވަޒީފާ ހޯދައި ދިނުމަށް ޕޮއިންޓް ބްލޭމްކޮށް މަސައްކަތް މި ކުރަނީ. މިގޮތަށް މަސައްކަތް ކުރުމުން ވަޒީފާތަކަށް ވެސް ނުކުމޭ،" ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ މީގެ އިތުުރުން އަންނަ އަހަރު ޕޮޓޯގްރަފަރުންނާއި ބޯޓު ދަތުރުކުރަން ދާން ބޭނުންވާ ޒުވާނުން ތަމްރީން ކުރާނެ ކަމަށެވެ.

"ކެމެރާ ދީފައި 1000 ފޮޓޯ ގްރާފަރުން ތަމްރީންކުރަން އަންނަ އަހަރު ފަށާނެ. މީގެ އިތުރުން 1000 ސީމަނުން ތަމްރީން ކުރުންވެސް ހިމެނޭ،" ސައީދު ވިދާޅުވި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދަކީ 94،000 ވަޒީފާ އުފެއްދުމެވެ.