ބޮލީވުޑް

މަނީޝްގެ އުފަންދުވަސް ކެޓްރީނާ އާއެކު ރާއްޖޭގައި

Nov 27, 2016

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއެކު މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރާ ވަނީ ހުކުރު ދުވަހު ފޮޓޯ ޝޫޓަކަށް ރާއްޖެ އައިސްފަ އެވެ.

ހާޕާ ބާޒާރް ބްރައިޑް އިންޑިއާ މެގަޒިން އަށް ނަގާ ފޮޓޯ ޝޫޓް ރާއްޖޭގައި ނަގަމުން އަންނަނީ އަނަންތަރާ ކިހަވަތް ރިސޯޓުގަ އެވެ. އެރިސޯޓުގައި ނަގަމުން އަންނަ ފޮޓޯ ޝޫޓްގެ ތެރެއިން މަނީޝް އިންސްޓަގްރާމްކޮށްފައިވާ ފޮޓޯއެއްގައި ވަނީ އެމީހުން ތިބީ އެރިސޯޓުގައި ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގައި އެ މަޖައްލާގެ ފޮޓޯ ޝޫޓެއް ނެގުމުގެ އިތުރުން މަނީޝް މިވަނީ އޭނާގެ 50 ވަނަ އުފަންދުވަސް ވެސް ރާއްޖޭގައި ފާހަގަކޮށްފަ އެވެ. އަންނަ މަހުގެ 5 ވަނަ ދުވަހު 50 އަހަރު ފުރޭ މަނީޝް އޭނާގެ އުފަންދުވަސް ރޭ އަނަންތަރާގައި ފާހަަގަކުރާ ވީޑިއޯއެއް އިންސްޓަގްރާމަށް ލާފައިވާއިރު އޭނާ ވަނީ އުފަންދުވަސް ރާއްޖޭގައި ފާހަގަކުރަނީ ނުވަ ދުވަސްކުރިން ކަމަށް ބުނެފަ އެވެ. އަދި އޭނާގެ އުފަންދުވަސް ރާއްޖޭގައި ފާހަަކުރީތީ ވަނީ ހާޕާ ބާޒާރް މެގަޒިންގެ އިންޑިއާ ޓީމަށް ޝުކުރު އަދާކޮށްފަ އެވެ.

މަނީޝް އާންމުކޮށްފައިވާ ވީޑިއޯގައި އޭނާ ކޭކް ފެޅުމަށްފަހު މެގަޒިންގެ ކްރޫއަކަށް ކޭކް ކާންދިނުމަށްފަހު ކެޓްރީނާ އަށް ވެސް ކޭކް ކާންދޭތަން ފެނިގެންދާއިރު، ކޭކު ވަރަށް މީރު ކަމަށް ބުނެ ކެޓްރީނާ ކޭކު ކާންވެގެން ވަކިން ތަށްޓެއް ނަގައި ކޭކް އަޅާތަން ފެނިގެންދެ އެވެ.

ރާއްޖޭގައި ހާޕާ ބާޒާރު މެގަޒިން އަށް ނެގި ފޮޓޯތައް އަންނަ މަހުގެ ތެރޭގައި ނެރޭ އެމެގަޒިންގެ މަޖައްލާއިން ފެނިގެންދާނެ ކަމަށް ބޮލީވުޑްގެ ނޫސްތަކުގައިވެ އެވެ.

މަނީޝް އާއި ހާޕާ މެގަޒިންގެ ޓީމާއެކު އެމެގަޒިންގެ އަންނަ އަދަދުގެ ޝޫޓިން ކެޓްރީނާ ނިންމާލުމަށް ފަހު އޭނާ އިންޑިއާ އަށް އެނބުރި ދާނީ ރާއްޖޭގައި ޗުއްޓީއެއް ވެސް ހޭދަކުރުމަށްފަހު ކަމަށްވާއިރު އޭނާގެ ފޭސްބުކް ޕޭޖުގައި މަދުުން ނަމަވެސް އަންނަނީ ރާއްޖޭގައި ނަގާ ފޮޓޯ އާންމުކުރަމުންނެވެ. އެގޮތުން މިއަދު ހެނދުނު ކޯމަސްތަކެއްގެ ފޮޓޯ ކެޓްރީނާ އޭނާގެ ފޭސްބުކްއަށް ލީ އެކަމާ އެކްސައިޓްވެގެންނެވެ. އޭނާގެ ފޭސްބުކް ޕޭޖްގައި މިހާރު އިއުލާންކޮށްފައިވާ ގޮތުގައި އެފްބީ ލައިވް މެދުވެރިކޮށް ކެޓްރީނާ މިއަދު ހަވީރު 5:30 ގައި އޭނާގެ ފޭނުންނާ ބައްދަލު ކުރާނީ ރާއްޖޭގެ ހިތްގައިމު މާހައުލުންނެވެ. އެހެން ވީމާ އިންތިޒާރު ކޮށްލާށެވެ!