ބޮލީވުޑް

ހީކުރިވަރަށް ވުރެން އަވަހަށް "ސަރްކާރް 3" ރިލީޒްކުރަނީ

Nov 27, 2016

ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާގެ ޕޮލިޓިކަލް ކްރައިމް ތްރިލާ ފިލްމު "ސަރްކާރް 3" ހީކުރި ވަރަށް ވުރެން އަވަހަށް ރިލީޒްކުރާނެކަން މިވަނީ އާންމުކޮށްފަ އެވެ.

އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު މިފިލްމު ރިލީޒްކުރާނެކަން ފިލްމު އުފައްދާ ފަރާތުން ހާމަކޮށްފައިވާއިރު، މިފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ މިސިލްސިލާގެ ކުރީ ދެފިލްމުގެ ވެސް ލީޑްރޯލުން ފެނިގެން ގޮސްފައިވާ އެކްޓަރު މެގަސްޓާ އަމީތާބް ބައްޗަން އެވެ.

އަމީތާބްގެ އިތުރުން "ސަރްކާރް 3" ގައި މަނޯޖް ބަޖްޕާއީ އާއި ޔާމީ ގޯތަމް އަދި ޖެކީ ޝްރޮފް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

މިސިލްސިލާގެ ތިންވަނަ ފިލްމުގެ ގޮތުގައިގައި އުފައްދާ "ސަރްކާރް 3" ގެ ވާހަކަ ލިޔެފައިވަނީ ވެސް ރާމް ގޯޕާލް ވަރްމާ އެވެ.

"ސަރްކާރް" ގެ ފުރަތަމަ ބައި އަދި ދެވަނަ ބައިގައިވެސް ފެނިގެން ގޮސްފައިވަނީ އަމީތާބް އެވެ. އަދި ކުރީގެ ދެފިލްމުގައި ވެސް އަމީތާބް އާއެކު ދަރިފުޅު އަބީޝެކް ބައްޗަން ވެސް ފެނިގެން ގޮސްފައިވާއިރު، ދެވަނަ ބައިގައި ދަނބި ދަރިފުޅު އައިޝްވާރިޔާ ރާއީ ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

ދެހާސް ފަސް ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ މިސިލްސިލާގެ ފިލްމުތަކަކީ އިންޑިއާގެ ސިޔާސީ މަސްރަހުގައި ހިނގާ ޖަރީމާތަކަށް އަލިއަޅުވާލައިގެން އުފައްދާފައިވާ ފިލްމުތަކެކެވެ.

"ސަރްކާރް 3" ގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މުމްބައިގެ އިތުރުން ލަންޑަންގަ އެވެ.

މިފިލްމުގެ ޝޫޓިން މުމްބައިގައި ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.