ބޮލީވުޑް

ކަރީނާ ވިހާނީ އަންނަ މަހުގެ 20 ގައި

Nov 28, 2016
1

ފުރަތަމަ ދަރިފުޅަށް ބަލިވެއިން ބަތަލާ ކަރީނާ ކަޕޫރު ބަލިވެއިންކަން އިއުލާންކުރި ހިސާބުން ފެނިގެންދަނީ ކުރިއަށްވުރެން ހަރަކާތްތެރިކޮށެވެ.

ބޮލީވުޑްގެ އެކި ހަފްލާތަކުންވެސް ބަނޑުބޮޑުވިފަހުން ކަރީނާ ފެންނަލެއް ގިނަވެފައިވާއިރު ވިހަން ބްރޭކެއް ނެގުމުގެ ކުރިން އޭނާ އަންނަނީ ކުޅޭ އެކި އިޝްތިހާރުތަކާއި ފޮޓޯ ޝޫޓްތަކުގެ މަސައްކަތް ނިންމަމުންނެވެ.

ބަލިވެއިން ފަހުން ވެސް ކަރީނާ ވަނީ އެކިފަހަރު މަތިން ދަރިއަކު ލިބުމަކީ ފިލްމީ ކެރިއަރު ދޫކޮށްލަންޖެހޭ ވަރުގެ ކަމެއް ނޫންކަމަށާއި އޭނާ އަދިވެސް ކުރިއަށް ވުރެން ގިނަ ފިލްމުތައް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ބަލިވެއިންކަން ފިރިމީހާ ސައިފް އަލީ ޚާން އާއި ކަރީނާ ނެރުނު ސްޓޭޓްމަންޓެއްގައި ހާމަކޮށްފައިވަނީ ޖޫން މަހުގެ ތެރޭގަ އެވެ. ކަރީނާ ފުރަތަމަ ދަރިފުޅަށް ބަލިވެއިން ކަރީނާ އާއި ސައިފް ހާމަކުރި ނަމަވެސް ކަރީނާ ވިހާ ދުވަހެއް އެދެތަރިން ހާމަކޮށްފައެއްނުވެ އެވެ.

މިހާތަނަށް ކަރީނާ ޑިސެމްބަރުގެ މެދު ތެރޭގައި ވިހާނެ ކަމަށް އެކި ވާހަކަތައް ދެކެވެމުން އައި ނަމަވެސް އެދެތަރިން ކުރެ އެކަކުވެސް އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ. އެންމެފަހުން ކަރީނާގެ ބައްޕަ އަދި ކުރީގެ އެކްޓަރު ރަންދީރު ކަޕޫރު މިވަނީ ހާމަކޮށްފަ އެވެ.

ރަންދީރު ބުނެފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވާ ގޮތުން ކަރީނާ ވިހާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ތާރީހަކީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ.

ރަންދީރު އިތުރަށް ވަނީ ދަރިފުޅު ކަރީނާގެ ހާލުވެސް ވަރަށް ރަނގަޅު ކަމަށާއި އަދި އޭނާގެ ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެފަ އެވެ.

"ބަނޑުބޮޑުވިފަހުން ކަރީނާ ފެނުނީ ކުރިއަށް ވުރެން ވެސް ހަރަކާތްތެރިކޮށް އުޅުނުތަން. އެކަމާ އަހަރެން ވަރަށް އުފާވޭ. އަހަރެންގެ މުޅި އާއިލާ ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން މިދަނީ ކަރީނާގެ ތުއްތު ދަރިފުޅު އުފަންވާނެ ދުވަހަކަށް" ރަންދީރު ބުނެފައިވެ އެވެ.

ބަނޑުބޮޑުވިއިރު ކަރީނާ އައީ ބަތަލާ ސޯނަމް ކަޕޫރާއެކު "ވީރް ދި ވެޑިން" ކުޅެން ތައްޔާރުވަމުންނެވެ. ނަމަވެސް ޝެޑިއުލްކުރި ތާރީހަށް ފިލްމުގެ ޝޫޓިން ނުފެށި ލަސްވުމާއި ކަރީނާ ބަނޑު އިނގޭ ވަރަށް ބޮޑުވެފައިވާތީ މިފިލްމުގެ ޝޫޓިން ފަށާނީ އަންނަ އެޕްރީލް މަހުގެ ތެރޭގަ އެވެ.

އެފިލްމުގެ އިތުރުން ކަރީނާ މީގެކުރިން ފެނިގެން ގޮސްފައިވާ ކޮމެޑީ ފިލްމު ކަމަށްވާ "ގޯލްމާލް" ސިލްސިލާގެ ހަތަރު ވަނަ ފިލްމު "ގޯލްމާލް 4" ބަތަލާގެ ރޯލު އޭނާ އަށް ގެއްލި ވަނީ ޕަރިނީތީ ޗޯޕްޅާ އަށް ލިބިފަ އެވެ.