ބޮލީވުޑް

"ރައީސް" ގެ ޓްރެއިލާ އެންމެފަހުން އަންނަ މަހު 7ގައި ރިލީޒްކުރަނީ

Nov 28, 2016

ރިލީޒްކުރުން ލަސްކުރި ޝާހްރުކް ޚާންގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު، "ރައީސް" ގެ ޓްރެއިލާ އަންނަ މަހުގެ 7 ދުވަހު ރިލީޒްކުރަން ނިންމައިފި އެވެ.

ސަލްމާން ޚާންގެ "ސުލްތާން" އާ ކުރިމަތިލުމަކަށް ނުދާންވެގެން ރިލީޒްކުރިން ލަސްކުރި "ރައީސް" ގެ ޓްރެއިލާ ރިލީޒްކުރުން ވެސް އެކި ފަހަރު މަތިން ލަސްވެފައިވާއިރު، އަންނަ މަހުގެ 7 ވަނަ ދުވަހު ޓްރެއިލާ ރިލީޒްކުރާނެކަން މިފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ކުރި ތްވީޓެއްގައި ވަނީ ޔަގީންކޮށްދީފަ އެވެ.

ރިތޭޝް ކުރި ޓްވީޓުގައި ވަނީ މފިލްމުގެ ޓްރެއިލާ ބެލުމަށް ކުރަމުން އައި އިންތިޒާރު ޑިސެމްބަރު 7 ގައި ނިމޭނެ ކަމަށް ބުނެފަ އެވެ.

"ރައީސް" ގެ ޓްރެއިލާ ރިލީޒްކުރަން މިފިލްމުގެ ޓީމުން ނިންމާފައިވަނީ އިންޑިއާގެ އެކި ސްޓޭޓްތަކުގައި ޝާހްރުކްގެ ފޭނުންނާ އެކު އެވެ. އެގޮތުން މިފިލްމުގެ ޓީމުން ވަނީ އިންޑިއާގެ ނުވަ ސިޓީއެއްގައި މިފިލްމުގެ ޓްރެއިލާ ރިލީޒްކުރާނެ އެވެ. ޓްރެއިލާ ރިލީޒްކުރުމަށް އެކި ސްޓޭޓްތަކަށް ކުރާ ދަތުރުގައި ޝާހްރުކް އާއެކު ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ ނަވާޒުއްދީން ސިއްދީގީ ވެސް ބައިވެރިވާނެ އެވެ.

ކުރިން ޝާހްރުކްގެ އުފަންދުވަސް ކަމަށްވާ މިމަހުގެ 2 ވަނަ ދުވަހު "ރައީސް" ގެ ޓްރެއިލާ ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އެންމެފަހު ވަގުތު ވަނީ އެދުވަހު އެފިލްމުގެ ޓްރެއިލާ އެދުވަހު ރިލީޒްނުކުރާކަން ހާމަކޮށްފަ އެވެ.

އަންނަ ޖެނުއަރީ 26 ވަނަ ދުވަހު ރިތިކް ރޯޝަންގެ "ގާބިލް" އާއެކު ރިލީޒްކުރާ "ރައީސް" ގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ މަސްރާހު ހޫނުވެ އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން އިންޑިއާގައި ޕާކިސްތާނުގެ ތަރިންނަށް ހަރަކާތްތެރި ނުވެވޭނެ ކަމަށް ބުނެ އެގައުމުން ބޭރުކޮށްލާފައިވާއިރު މިފިލްމުގެ ބައެއް މަންޒަރުތައް އަދި ނަގައިވެސް ނުނިމޭ ކަމަށްވެ އެވެ.

މިފިލްމުގެ ނުނިމި ހުރި މަންޒަރުތައް ދުބާއީ ގައި ނެގުމަށް ފިިލްމު އުފައްދާ ފަރާތުން ނިންމާފައިވާ ކަމަށް ވެސް ވެ އެވެ.