ބޮލީވުޑް

"ގޯލްމާލް 4" ޕަރިނީތީ އަށް ލިބުނީ ޝްރަދާގެ އަގުބޮޑު ވުމުން

Nov 28, 2016

ކަރީނާ ކަޕޫރުގެ ބަދަލުގައި މަޝްހޫރު ކޮމެޑީ ސިލްސިލާ ފިލްމުގެ ހަތަރު ވަނަ ފިލްމު، "ގޯލްމާލް 4" ގެ ބަތަލާގެ ރޯލު މިވަގުތު ބޮލީވުޑްގައި ތިބި ނަން މަޝްހޫރު ބަތަލާއިންނަށް ހުށަހެޅި ނަމަވެސް ލިބިފައިވަނީ ޕަރިނީތީ ޗޯޕްޅާ އަށެވެ.

މިފިލް ުގެ ޝޫޓިން ވީހާވެސް އަވަހަކަށް ފެށުމުން ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި ލީޑް އެކްޓަރެއްގެ ގޮތުގައި ފެނިގެންދާ އަޖޭ ދޭވްގަން ތައްޔާރުވަމުން އަންނައިރު ކަރީނާގެ ބަދަލުގައި ބަތަލާގެ ރޯލަށް ރޯހިތު އާއި އަޖޭ ހަމަޖައްސަން ބޭނުންވީ "އާޝިގީ 2" ގެ ތަރި ޝްރަދާ ކަޕޫރެވެ.

ޝްރަދާ އަށް މިފިލްމުގެ ބަތަލާގެ ރޯލުގެ ހުށަހެޅުން ލިބުމުން އޭނާ ވަނީ މިފިލްމު ކުޅެދެވޭނީ 1.5 ކްރޯޑުގެ އަގަކަށް ކަމަށް ބުނެފަ އެވެ. އަދި އެއަގު ފިލްމު އުފައްދާ ފަރާތަށް މާބޮޑު ކަމަށް ޝްރަދާ އަންގައި އެމީހުން ވަނީ ފިލްމުގެ ބަތަލާގެ ރޯލު ކުޅޭ ތަރިއަކަށް އެންމެ ގިނަވަގެން ދެވޭނެ އަގަކީ 1 ކްރޯޑް ކަމަށް ބުނެފަ އެވެ.

ފިލްމު އުފައްދާ ފަރާތުން ބަތަލާ އަށް ދޭން ނިންމާފައިވާ އަގު ބުނުމުން ޝްރަދާ ވަނީ ރޯހިތު ކުރެން އޭނާ އަށް ވިސްނާފައި ޖަވާބެއްދޭން ވަގުތު ދިނުމަށް އެދިފަ އެވެ. ޝްރަދާ އަށް ރޯހިތު އާއި އަޖޭ އަށް އަވަހަށް ޖަވާބެއް ދެވިފައި ނުވުމުން އެކަމާ ހިތްހަމަނުޖެހިގެން ރޯހިތު އާއި އަޖޭ ވަނީ ބަތަލާގެ ރޯލަށް އެހެން ތަރިއަކު ހޯދަން ފަށާފަ އެވެ.

ރޯހިތު އާއި އަޖޭ މިފިލްމުގެ ބަތަލާގެ ފަރާތުން ބޭނުންވާ ހުރިހާ ޝަރުތެއް ފުރިހަމަވާ ތަރިއަކަށް އެންމެފަހުން ފެނުނީ ޕަރިނީތީ އެވެ. ކަރީނާ ގޮތަށް ޕަރިނީތީ އަކީ ވެސް ވަރަށް ސަކަ މިޒާޖުގެ ތަރިއަކަށްވީއިރު ފިލްމު އުފައްދާ ފަރާތުގެ ބަޖެޓަށް ވެސް އޭނާ ފިލްމު ކުޅެދޭނެ ނިންމި އަގު ފެތޭ ކަމަށްވެ އެވެ.

ޕަރިނީތީގެ ފިލްމެއް ރިލީްނުވާތާ އަހަރަކަށްވުރެން ގިނަ ދުވަސްވެފައިވާއިރު "ގޯލްމާލް" ފަދަ ބޮޑެތި ކާމިޔާބީ ހޯދާފައިވާ ފިލްމެއް އޭނާގެ ކެރިއަރަށް ވަރަށް މުހިންމެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ "ގޯލްމާލް 4" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރުގެ ތެރޭގަ އެވެ.