ވިޔަފާރި

އެލައިޑްގެ އާ އިންޝުއަރެންސްތައް އަންހެނުންނާއި ތައުލީމަށް

Nov 27, 2016

ރާއްޖޭގެ މައި އިންޝްއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސުން އަންހެނުންނާއި، ސެކަންޑްރީ ތައުލީމަށް ހާއްސަ ދެ އިންޝުއަރެންސް ހިދުމަތެއް މިރޭ ތައާރަފުކޮށްފި އެވެ.

"އެލައިޑް ސްޕެޝަލް އިވެންޓްސް" ގެ ނަމުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މުޅިންއާ ދެ އިންޝުއަރެންސް ހިދުމަތް ތައާރަފުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރެންސުގެ ހިދުމަތް ދެމުން ގެންދާ އެލައިޑުން އަންހެނުންނަށް ހާއްސަކޮށްގެން ތައާރަފުކުރި ވިވެންސް އެންޕަވާމަންޓް ޕްލޭން، "ކަމަނަ" އިންޝުއަރެންސް ޕްލޭންގެ މައުލޫމާތު ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖަރު ލައިފް އިންޝުއަރެންސް ޝްރިނާވަޝަން ވިދާޅުވީ މި އިންޝުއަރެންސް ޕްލޭން ފަރުމާކޮށްފައިވަނީ ހިދުމަތްތެރި އަންހެނުންނަށް އެންމެ ފައިދާކުރާނެ ގޮތް ބަލައިގެން ކަމަށެވެ.

"ރާއްޖޭގެ ކޮންމެ ދާއިރާއެއް ބަލައިލި ނަމަވެސް މި ފެންނަނީ ހިދުމަތްތެރި އަންހެނުންގެ ހިދުމަތްތައް. އެހެންވެ މި ހިދުމަތް ތައާރަފު ކުރުމުން މި ކަނބަލުންގެ ހިދުމަތްތައް ބެލިގެން ފަރުމާކޮށްފައިވާނީ. މާކެޓި ރިސާޗް ހެދިގެން މި ހިދުމަތް މި ތައާރަފު ކުރަނީ،" ޝްރިނާވަޝަން ވިދާޅުވި އެވެ.

"ކަމަނަ" އިންޝުއަރެންސް ޕްލޭންގައި ވަޒީފާ ގެއްލުމާއި ވަޒީފާއިން ވަކިވުމަށްފަހު މި އިންޝްއަރެންސްގެ ބައިވެރިންނަށް ބަދަލު ނަގައިދެ އެވެ. އަދި މި ޕްލޭންގެ ދަށުން ބޮޑެތި ބަލިތަކަށް ފަރުވާ ކުރުން ވެސް ހިމެނިފައިވެ އެވެ. މީގެެތޭގައި ގުނަވަނެއް ބަދަލު ކުރަން ޖެހުން ފަދަ ހާލަތްތެއް ދިމާވުން ފަދަ ހާލަތްތަކުގައި ވެސް ބަދަލު ނަގައިދެ އެވެ.

އެލައިޑުން މިރޭ ތައާރަފުކުރި އަނެއް އިންޝުއަރެންސް ޕްލޭންއަކީ "ސެކަންޑްރީ ސްކޫލް އެޑިއުކޭޝަނަލް އެކްސްޕެންސަސް ޕްލޭން" އެވެ.

މި އިންޝައަރެންސް ހިދުމަތް ނަގާ މީހުންނަށް ދަރިފުޅަށް ފަސް އަހަރު ވުމުގެ ކުރިން ބައިވެރިވާން ޖެހެ އެވެ. އަދި 13 އަހަރުން ފެށިގެން މި އިންޝުއަރެންސުގެ ހިދުމަތް ލިބޭނެ އެވެ. އަދި 18 އަހަރުވުމުން ބޯނަސް އަކާއެކު ބަދަލު ނަގައިދެ އެވެ.