އެލައިޑް އިންޝުއަރެންސުގެ އާމްދަނީ ތިން އަހަރު ތެރޭ 69 ޕަސެންޓް އިތުރުވެ، އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމެއްގައި އޮތް އެންމެ ބޮޑު އިންޝުއަރެންސް ކުންފުނީގެ ގޮތުގައި އެލައިޑް ހިމެނިއްޖެ އެވެ.
އެލައިޑުން އާ ދެ ހިދުމަތެއް ތައާރަފު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ މީގެ ތިން އަހަރު ކުރިން އެ ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީއަކީ 70 މިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް މިހާރު ކުންފުނީގެ ގާބިލްކަން 120 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި މި ކާމިޔާބީގެ ސިއްރަކީ ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ އިރުޝާދުގެ ދަށުން އެ ކުންފުނިން ކުރި މަސައްކަތުންކަން އަމީލް ފާހަގަ ކުރެއްވި އެވެ.
"އެލައިޑް ތަރައްގީ ކުރަން ރައީސް ވަރަށް އިރުޝާދު ދެއްވި. އިންޝުއަރެންސް ކުންފުންޏެއްގެ އެންމެ ބޮޑު ކާމިޔާބީއަކީ ރީ-އިންޝުއަރެންސް ކުންފުނިތައް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއެކު. މީގެ ނަތީޖާއެއްގެ ދަށުން ނަތީޖާއަކީ ކެޕޭސިޓީ 120 މިލިއަން ޑޮލަރު. މިއީ އަޅުގަނޑު އެމްޑީގެ މަގާމާ ހަވާލުވި، މީގެ ތިން އަހަރު ކުރިއާ ބަލާއިރު، 70 މިލިއަން ޑޮލަރުގައި ހުރި އަދަދު. މި ބޮޑު ބަދަލަކީވެސް ވިޔަފާރީގެ ކުރި އެރުމުގެ ނަތީޖާ،" އަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އެލައިޑް އިންޝުއަރެންސް ކުންފުންޏަކީ މިހާރު އިންޑިޔާ ކަނޑުގެ ގައުމެއްގައި އޮތް އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށެވެ.
"މިހާރު އެއީ މޮރިޝަސް، ނޫނީ ސީޝެލްސް ނުވަތަ ސްރީލަންކާ އަށް ބެލިކަމުގައިވިޔަސް. އެންމެ ކައިރިއަށް ބަލާއިރު ސްރީލަންކާގެ ކެޕޭސިޓީއަކީ 40 މިލިއަން ޑޮލަރު. މިއީ މި ކާމިޔާބީއަކީ،" އަމީލް ވިދާޅުވި އެވެ.
ކާމިޔާބީގެ އުސްއަލިތައް
- އިންޝްއަރެންސް ކެޕޭސިޓީ 120 މިލިއަން ޑޮލަރަށް
- ވިޔަފާރިއަށް 70 ޕަސެންޓްގެ ކުރިއެރުން
- ކުންފުނީގެ އާމްދަނީ 69 ޕަސެންޓް އިތުރު
- އިންޝްއަރެންސް ކްލައިމްއަށް ފައިސާ ދޫކުރުން 30 ޕަސެންޓް އިތުރު
އޭނާ ވިދާޅުވީ ތިން އަހަރު ތެރޭގައި ހިދުމަތް ފުޅާ ކުރުމުގެ ގޮތުން، އެ ކުންފުނިން ކޮންސްޓްރަކްޝަން ދާއިރާއަށް ހާއްސަކޮށްގެން "ބޮންޑް އިންޝުއަރެންސް" ގެ ހިދުމަތް ތައާރަފު ކޮށްފައިވާ ކަމަށެވެ.
"ކޮންސްޓްރަކްޝަން ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް އެނގޭނެ ބޮންޑް އިންޝުއަރެންސް. އެ ބޭފުޅުން ކޮންސްޓްރަކްޝްން ދާއިރާގައި އުޅުއްވާއިރު ޕާފޯމަންސް ބޭނުންވާނެ. މިހާރު މި ދެނީ އެޝުއަރެންސެއް. މީގެ ސަބަބުން ވޯކިން ކެޕިޓަލްސް އަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ. މި އިންޝުއަރެންސް މާކެޓު ނުކުރި ނަމަވެސް ތިން އަހަރު ތެރޭގައި 70 ޕަސެންޓުގެ ގްރޯތެއް ވަނީ ލިބިފައި،" އަމީލް ވިދާޅުވި އެވެ.
އެލައިޑުން ވޭތުވެދިޔަ ތިން އަހަރު ތެރޭގައި މާކެޓަށް ނެރުނު އާ ޕްރޮޑަކްޓްތަކުގެ ތެރޭގައި "ސެކްޓް ގޯލްޑް" ހިމެނެ އެވެ. އަދި މީގެ އިތުރުން ބިދޭސީންނަށް ހާއްސަ އިންޝުއަރެންސްގެ ހިދުމަތް ވެސް ހިމެނެ އެވެ. މި އިންޝުއަރެންސްގެ ހިދުމަތް 96،613 ބިދޭސީން ވަނީ ނަގާފަ އެވެ. އަދި އިސްލާމިކް ވިންޑޯ "ތަކަފުލް" ގެ ހިދުމަތް ވެސް ހިމެނެ އެވެ.
އަމީލް ވިދާޅުވީ ވަރަށް ކައިރި މުސްތަގުބަލުގައި ތަކަފުލް ވަކި ކުންފުންޏަކަށް ބަދަލު ވެގެންދާނެ ކަމަށެވެ.
"ހައްޖު އެންޑް އުމްރާ އިންޝުއަރެންސް ވެސް ވާނީ ތައާރަފުކޮށްފައި. މި އިންޝުއަރެންސް އިންޓަނޭޝަނަލް މާކެޓުގައިވެސް ވިއްކާ،" އަމީލް ވިދާޅުވި އެވެ.
ހަފްލާގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވެސް ވިދާޅުވީ، ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން އެލައިޑަށް ހީވެސް ނުކުރާވަރުގެ ކުރި އެރުން މިހާރު ލިބިފައިވާ ކަމަށެވެ. އަދި އިގްތިސާދީ މަސައްކަތްތައް އިތުރުވުމުގެ ސަބަބުން އެލައިޑްގެ ވިޔަފާރީތައް ފުޅާވާތަން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކާމިޔާބު ތިން އަހަރު ފާހަގަ ކުރުމަށް އެލައިޑް ނޫނަސް ސަރުކާރުގެ އެކި ކުންފުނިތަކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން އެމްޓީސީސީ، އެސްޓީއޯ، ފެންކުންފުނި، ސްޓެލްކޯ، އެޗްޑީސީ ހިމެނެ އެވެ. އެމްޓީސީސީ އިން ވެސް މިއަދު ހާމކުރި ގޮތުގައި އެ ކުންފުނީގެ ފައިދާ މިއަހަރު ނިމޭ އިރު 50 މިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.