ބޭރު ކުޅިވަރު

ލަނޑު އޮފްސައިޑް ކަމަށް ނިންމުމުން ބާސާ ސަލާމަތް ވެއްޖެ

Nov 28, 2016
1

ސްޕެނިޝް ލީގްގައި ރޭ ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗްގައި ރެއާލް ސޮސިއަދާދުގެ ހުއާންމީ ޖެމިނޭޒް މެޗްގެ 79 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑު އޮފްސައިޑް ކަމަށް އެސިސްޓެންޓް ރެފްރީ ނިންމުމުން ބާސާ މެޗުން ބަލި ނުވެ ސަލާމަތް ވެއްޖެއެވެ.

މެޗް 1-1 ން އެއްވަރުވެފައި ވަނިކޮށް މެކްސިކޯގެ ކާލޯސް ވެލާ ދުރުން ފޮނުވާލި ހަމަލާ ބާސާގެ ކީޕަރު އެންޑްރޭ ޓާސްޓެގަން އަތުގައި ލައްވައި ނުލައި ދިޔަ ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ. ޓާސްޓެގަން އަތް ދަށުން ބޯޅަ ސަލާމަތް ވިޔަސް ގޯލް ދަނޑިން ސަލާމަތް ނުވުމުން ބޯޅަ ރީބައުންސް ވެގެން ވެއްޓުނީ ގޯލް ލައިން މައްޗަށެވެ. އެވަގުތު ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރި ޖެމީނޭޒް ވަނީ އެބޯޅަ ވަގުތުން ގޯލް ތެރެއަށް ފޮނުވާލާފައެވެ.

ނަމަވެސް އެސިސްޓެންޓް ރެފްރީ އޮފްސައިޑް ދިދަ ނެގުމުން ރެފްރީ ޖިލް ޖީސަސް ނިންމީ ގޯލެއް ނޫން ކަމަށެވެ. ނަމަވެސް އެ ބޯޅަ ޖަހަން ދިޔައިރު ޖެމިނޭޒް ހުރީ އޮފްސައިޑްގައި ނޫން ކަން ސާފުކޮށް އެނގެއެވެ.

ރިޕްލައިން ފެންނަ ގޮތުގައި ވިލޭ ފޮނުވާލި ބޯޅަ އަށް ޖެމިނޭޒް ހަރަކާތް ކުރިއިރު އޭނާ ހުރީ ޖެރާޑް ޕީކުޔް އަށް ވުރެ ފަހަތުގައެވެ.

ސޮސިއަދާދުގެ ދަނޑުގައި ކުޅުނު މެޗްގެ ފުރަތަމަ ލީޑް ނެގީވެސް ސޮސިއަދާދުންނެވެ. މެޗްގެ 53 ވަނަ މިނެޓްގައި އެޓީމަށް ލަނޑު ޖަހައިދިނީ ވިލިއަން ޖޯޒްއެވެ. އޭގެ ހަ މިނެޓް ފަހުން ބާސާއަށް އެއްވަރު ކޮށްދިނީ ލިއޮނަލް މެސީއެވެ.

މެޗްގެ 41 ވަނަ މިނެޓާ ހަމަޔަށް ސޮސިއަދާދުގެ ޕެނަލްޓީ އޭރިއާއާ ހަމަޔަށް ބާސާއަށް ބޯޅަ ގެންދެވިފައެއް ނުވެއެވެ.

ދެހާސް ހަތް ވަނަ އަހަރުގެ ފަހުން ބާސާއަށް ސޮސިއަދާދުގެ ދަނޑުގައި އެޓީމު އަތުން މޮޅުވެވިފައެއް ނުވެއެވެ.

މެޗު އެއް ވަރުވުމުން އެއްވަނައިގައި އޮތް ރެއާލްއާ ބާސާއާ ދެމެދު ހަ ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ. ރެއާލް އަށް 33 ޕޮއިންޓް ލިބިފައިވާއިރު ބާސާއަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. ސެވިއްޔާއަށް ވެސް ވަނި އެ އަދަދަށް ޕޮއިންޓް ލިބިފައެވެ. ނަމަވެސް ބާސާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ހަތަރު ވަނައިގައި އޮތީ ރޭ އޮސަސޫނާ އަތުން 3-0 މޮޅުވި އެތުލެޓިކޯ މެޑްރިޑެވެ. އެެޓީމަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. އެތުލެޓިކޯއާ އެއް ޕޮއިންޓްގެ ތަފާތުން ފަސް ވަަނައިގައި އޮތީ ސޮސިއަދާދެވެ.