ބޮލީވުޑް

"ފޯސް 2" ނާކާމިޔާބު ވިޔަސް "ފޯސް 3" އުފައްދަނީ

Nov 28, 2016

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޖޯން އަބްރަހަމް އާއި ސޮނާކްޝީ ސިންހާ ލީޑްރޯލުން ފެނިގެންދިޔަ "ފޯސް" ސިލްސިލާގެ ދެ ވަނަ ފިލްމު "ފޯސް 2" އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް މި ސިލްސިލާގެ ތިން ވަނަ ފިލްމެއް އުފައްދަން ނިންމާފައިވާކަން ޖޯން މިވަނީ ޔަގީންކޮށްދީފަ އެވެ.

އިންޑިއާގެ ފައިސާގެ ގޮތުގައި ބޭނުން ކުރަމުން އައި 1000 އަދި 500 ރުޕީޒްގެ ނޫޓުތައް އުވާލުމާ ގުޅިގެން، އެކަމުގެ އަސަރު "ފޯސް 2" އަށް ކޮށް، އެކަށީގެންވާ ގޮތެއްގައި އެފިލްމު ނުހިނގި ނަމަވެސް މިސިލްސިލާގެ އާފިލްމެއް އުފައްދަން ޖޯން މިވަނީ އަތުކުރިއޮޅާލާފަ އެވެ.

"ފޯސް 2" ވެސް ޑައިރެކްޓްކުރި އަބިނޭ ޑިއޯ މިސިލްސިލާގެ ތިންވަނަ ފިލްމު ޑައިރެކްޓްކުރާާއިރު އެފިލްމު ޕްރޮޑިއުސްކުރާނީ ޖޯން އާއި ވިޕުލް ޝާހް އެވެ.

"ފޯސް 3" އުފައްދާނެކަން އެއީ ޔަގީންކަމެއް. އަންނަ އަހަރުގެ މެދު ތެރޭގައި އެފިލްމުގެ މަސައްކަތް ފަށާނެ" ޖޯން ބުނެފައިވެ އެވެ.

ސާޅީސް ފަސް ކްރޯޑުގެ ބަޖެޓަކުން އުފައްދާފައިވާ "ފޯސް 2" އަށް ފިލްމު ރިލީޒްކުރިތާ ހަފްތާއެއްގެ ތެރޭގައި ވަނީ އާމްދަނީގެ ގޮތުގައި 30.15 ކްރޯޑް ލިބިގެން ގޮސްފަ އެވެ.

މިފިިލްމަށް ލިބުނު އާމްދަނީއާ ގުޅިގެން ޖޯން ވަނީ ކުއްލިއަކަށް ފައިސާ އުވާލުމުގެ ސަބަބުން އެކަމުގެ އަސަރު މިފިލްމަށް ކުރި ނަމަވެސް ލިބުނު ތަރުހީބާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.

ރޯ އެޖެންޓެއްގެ ގޮތުގައި ޖޯން އާއި ސޮނާކްޝީ "ފޯސް 2" ގައި ފެނިގެންދާއިރު ނުބައިބައި މީހެއްގެ ރޯލުން ފެނިގެންދަނީ ތާހިރް ރާޖް ބަސީން އެވެ. އެފިލްމުގެ މަންޒަރުތައް އިންޑިއާގެ އިތުރުން ނަގާފައިވާ ޗައިނާގައި އާއި ބުޑަޕެސްޓުގަ އެވެ.

ފޯސް ސިލްސިލާގެ ފުރަތަމަ ފިލްމު ރިލީޒްކޮށްފައިވަނީ މީގެ ފަސް އަހަރުކުރިން 2011 ވަނަ އަހަރު އެވެ. އެފިލްމުގައި ޖޯން އާއެކު ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ޖެނެލިއާ ޑިސޫޒާ އެވެ. އެފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައިނުވި ނަމަވެސް ބެލުންތެރިންގެ މެދުގައި ވަނީ ބޮޑު މަގުބޫލު ފިލްމަކަށް ވެެގެން ގޮސްފަ އެވެ.