ބޮލީވުޑް

"ސިންގަލްކޮށް ހުންނަން ފޫހި، ވަރަށް އަވަހަށް ލޯބިވެރިޔަކު ހޯދާނަން"

Nov 29, 2016

މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ބަތަލާ ކެޓްރީނާ ކައިފް އާއި ހައަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރުޅިވިފަހުން އެދެތަރިންގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން އަންނަނީ ފާޅުކަން ބޮޑުކޮށް ވާހަކަދައްކަމުންނެވެ.

ކެޓްރީނާ އާ ރުޅިވެ، އޭނާ އަކީ ރަންބީރު ހަޔާތުގައި އެންމެ ހާއްސަ އަދި އެންމެ ނުފޫޒުގަދަ އެކަކު ކަމަށް ވެސް މިފަހުން ރަންބީރު ދޭ އިންޓަވިއުތަކުުގައި އަންނަނީ ބުނަމުންނެވެ.

ކެޓްރީނާ އާއި ރުޅިވިފަހުން ވެސް ރަންބީރާއި އެހެނިހެން ބަތަލާއިންނާ ލޯބީގެ ގޮތުން ގުޅުނު ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން އަރާއިރު މިހާތަނަށް ވެސް އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޑައިރެކްޓަރު - ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅާ ސެލެބްރިޓީ ޗެޓް ޝޯގެ މިހާރު ދައްކަމުން އަންނަ ސީޒަންގައި މެހެމާނެއްގެ ގޮތުގައި އެކްޓަރު ރަންވީރު ސިންގް އާއެކު ބައިވެރިވެ ވާހަކަދައްކަމުން ވަނީ މިވަގުތު ހަޔާތުގައި އެއްވެސް ބައިވެރިއަކު ނެތް ކަމަށާއި އޭނާ ހުރީ ހުސްހަށިބައިކޮށް ކަމަށް ބުނެފަ އެވެ.

ރަންބީރު ވަނީ ސިންގަލްކޮށް ހުރުމަކީ ވަރަށް އެކަނިވެރިވެ އަދި މާޔޫސްވާ ކަމެއް ކަމަށް ވެސް ބުނެފަ އެވެ. އަދި ޝޯގެ ހޮސްޓް ކަރަން ރަންބީރު ކުރެން އޭނާ އަކީ ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭއިރު އެގުޅުމާ މެދު އެއްވެސް ވަރަކަށް އިތުބާރު ހިތުގައި ނޯންނަ މީހެއްތޯ އެހުމުން އޭނާ އަކީ ކަހަލަ މީހެއް ނަމަވެސް އޭނާގެ ލޯބިވެރިޔާ ކުރާ ހުރިހާ ކަމެއް ނުބަލާ ކަމަށެވެ.

އިތުރަށް ރަންބީރު ވަނީ ހަޔާތުގެ އެކި ކަންތައްތައް ހިއްސާކުރާނެ ބައިވެރިއަކު މިހާރު ނެތުމުން އެފަޅުކަން އިހުސާސްވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އިންތިހާ އަށް ލޯބިވާ އެހެން ލޯބިވެރިޔަކު ހޯދާނެ ކަމަށް ވެސް ބުނެފަ އެވެ.

ރަންބީރު މިހާތަނަށް ލޯބީގެ ގޮތުން ވަނީ ބަތަލާ ދިޕިކާ ޕަދުކޯން އާއި ކެޓްރިނާއާ ގުޅިފަ އެވެ. ކެޓްރީނާ އާއި ލޯބީގެ ގޮތުން ރަންބީރު ގުޅިފައިވަނީ އެދެތަރިން އެކުގައި ކުޅުނު "އަޖަބް ޕްރޭމްކީ ގަޒަބް ކަހާނީ" ގެ ޝޫޓިންގެ ތެރެއިންނެވެ. ކެޓްރީނާ ދެކެ ލޯބިވެވި، ރަންބީރު ވަނީ އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިޕިކާއާ ރުޅިވެ ކެޓްރީނާއާ ރައްޓެހިވެފަ އެވެ.