ހަބަރު

އަލިފާންގަނޑު ކޮންޓްރޯލްވީ އިރު 17 މީހަކު ހާލުގައި ޖެހިއްޖެ

Nov 28, 2016
3
  • އަނދައި ހުލިވީ ބްރަދަހުޑްގެ ގުދަނެއް
  • ދުމާއި އަލިފާނުގެ އަސަރު ފަސް އިމާރާތަކަށް
  • ސަރުކާރުން އެހީދޭން ވަނީ ނިންމާފައި

މއ. ކަފިދޫ ގައި ހަދާފައި ހުރި ގުދަނެއްގައި މިއަދު އަލިފާން ރޯވެ އެތަނުގައި ހުރި މުދަލާ އެކު އެތަން އެކީ އަދައި ހުލިވެއްޖެ އެވެ. އަދި ކައިރީގައި ޖެހިގެން ފަސް ގެއަކަށް ގެއްލުންވެ އާއިލާތަކެއް ވަނީ ހާލުގައި ޖެހިފަ އެވެ.

މިއަދު މެންދުރު 1:50 އެހާކަން ހާއިރު، ދިލްބަހާރު މަގުގައި ހުންނަ، ކަފިދޫ ގޭގައި ޓިނުން ހަދާފައި ހުރި އެ ގުދަނުގައި ރޯވި އަލިފާންގަނޑު މެންދުރު 2:40 އެހާކަން ހާއިރު ކޮންޓްރޯލް ކުރެވުނު އިރު އެ ގުދަން އެކީ އަދައިގެން ދިޔުމުގެ އިތުރަށް ކައިރީގައި ހުރި ފަސް ގެއަކަށް ވަނީ އަލިފާނުގައި އެކި ވަރުގެ ގެއްލުންތައްވެފަ އެވެ.

އަލިފާން ހިފި ވަގުތު އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނި ގޮތުގައި، ބުރަދަހުޑް އިންވެސްޓްމަންޓުން ކުއްޔަށް ހިފާފައިވާ އެ ގުދަނުގައި އަލިފާން ރޯވީ ހޮޅިޖަހައިގެން ޓިނުން ހަދާފައިވާ އެ އިމާރާތް މަރާމާތު ކުރުމަށް ވެލްޑިން މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގަ އެވެ. ވަރަށް ކުޑަކޮށް އެންމެ ފުރަތަމަ ހިފި އަލިފާންގަނޑު އެތަނުގައި ތިބި މީހުންނަށް ވެސް ކޮންޓްރޯލް ނުވެ އެންމެ ފަހުން މުޅި އިމާރާތައް ފެތުރުނީ ކަމަށް އެ މީހުން ބުންޏެވެ.

"ވަރަށް އަވަހަށް ހުޅުގަނޑު ފެތުރިއްޖެ. ބޮޑަށް ހީވަނީ އެކި ކަހަލަ ކެމިކަލް ހިމެނޭ ބޮޑީސް ޕްރޭ ކަހަލަ އެެއްޗިހި ހުރީމަހެން އެހެން އެ ދިމާވީ،" އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

އެ ސަރަހައްދުގައި ހުރި ބްރަދަހުޑް ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ބޮޑީ ސްޕްރޭ އާއި ކަރަންޓް ސާމާނު ހުރި އެ ގުދަން އަދައިގެން ދިޔުމުގެ ސަބަބުން އެ ކުންފުންޏަށް 40 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ އެވެ. އެކަމަކު އެ ގުދަން ހުރީ އިންޝްއަރެންސް ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލިފާން ނިންވަން އުޅުނު ސިފައިންގެ ދެ މީހަކަށް ވެސް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އެތަނުގެ އެއް ސިފައިންގެ މީހެއްގެ ކަންފަތް ޒަހަމްވީ، އަލިފާނުގެ ހޫނުގައި ތެޅުނު ދޮރުފަތެއްގެ ބިއްލޫރިގަނޑެއް ކަންފަތަށް ހެރިގެންނެވެ.

ސިފައިން ކުރަމުން ދިޔަ މަސައްކަތުން ވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވެ އެންމެ ފަހުން ކައިރީގައި އިމާރާތްތަކަށް ވެސް ބޯ ދުމާއި އަލިފާނުގެ އަސަރު ދިޔައީ ކުރަމުންނެވެ. އެގޮތުން އެ އިމާރާތާ އިންވެގެން ހުރި އެމްއެސް ކާޕެންޓްރީ އާއި ނޮވެލްޓީގެ ކަރުދާހާއި ދެލި ރައްކާކޮށްފައި ހުރި ގުދަނެއްގައި ވެސް އަލިފާންހިފި އެވެ. އެހެން ނަމަވެސް ސިފައިން ވަނީ މާ ބޮޑު ގެއްލުމެއް ނުވަނީސް އެ އަލިފާންގަނޑު ނިންވާލައިފަ އެވެ. އެހެން ނަމަވެސް، އެތަނާއި އިންވެގެން އަލަށް ހަދާފައި ހުރި އިމާރާތަކަށް ދުމުގެ އަސަރުކޮށް އެ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދައިފަ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓްގެ އިމަޖެންސީ ރެސްޕޮންސް ޓީމުތައް ވެސް އެ ސަރަހައްދަށް ގޮސް ވަނީ ހަރަކާތްތެރިވެފަ އެވެ. އެގޮތުން ފަސް ގެއަކުން ވަނީ މީހުން ހުސްކޮށްފަ އެވެ. އެހެން ނަމަވެސް ޑިޒާސްޓާ އިން ބުނީ، ހާލުގައި ޖެހިފައިވާ ދެ ގެއަކުން 17 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"އެހީތެރިކަމަށް މިހާތަނަށް ދެ ގެއަކުން 17 މީހަކު މި ވަނީ އެދިފައި. އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް މި ވަނީ ފަށާފައި،" ޑިޒާސްޓާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވެސް ވިދާޅުވީ، ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރަށް ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށެވެ. އެގޮތުން ވަގުތީ ހިޔާއަށް ގެންދަން ޖެހޭ މީހުންނަށް އެކަން ހަމަޖައްސައި ދިނުމާއި ގެދޮރު ކުރުމަށް ސަރުކާރުން މާލީ އެހީ ދޭން ޖެހޭ ފަރާތްތަކަށް އެ ފުރުސަތު ދޭނެ ކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ ސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު ހުރުމުން އެ ސަރަހައްދަށް މީހުން ނުދިޔުމަށް އަންނަނީ އިލްތިމާސް ކުރަމުންނެވެ. މިފަހުން މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އެގޮތުން މިއަހަރުގެ މެދު ތެރޭގައި މަޖީދީ މަގުގައި ހުރި، ކޯސްޓްލައިން ހާޑްވެއާގެ ފިހާރައެއްގައި ވެސް އަލިފާން ރޯވެ ވަނީ އެކީ އަނދައިފަ އެވެ. މަޖީދީ މަގު އަލުން ހަދާ އިރު އަލިފާން ނިންވުމަށް ފަޔަހައިޑްރެންޑް ސިސްޓަމްތައް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.