ތަޅައި މަރައިގެންނެއް އެކަމެއް ނުވާނެ އެވެ. ވީމާ އެކަމަށް އޮތް ހައްލަކީ ނުވަތަ ފޯމިއުލާއަކީ ކޮބައި ހެއްޔެވެ؟
މިސާލަކަށް އޮފީހުގައި އުޅެނިކޮށް، މިސްވާތީ ކަމަށް ބުނެ ދަރިފުޅު ގުޅައިގެން ބައްޕަ ލައްވައި ވާހަކައެއް ކިޔުއްވަން އުޅުމުން އެ ކުއްޖާއާ ދިމާލަށް އޮފީހާއި މަސައްކަތުގެ ވަރުބަލިކަމުން ހަޅޭފަޅޭއްޖަހައިގަތީމާ ދެން ދެއްކޭނީ ކޮން ނަމޫނާއެއް ހެއްޔެވެ؟ ނުވަތަ ފޫހިވެފައި ގޭގައި އިން ކުއްޖާ އަށް އިހްސާސްކޮށްދެވޭނީ ކޮން ލޯތްބެއް ހެއްޔެވެ؟ މަންމަ އާއި ބައްޕަ އޮފީހަށް ދިޔައީމަ ގޭގައި އެކަނިވެ ފޫހިވެފައިހުރި ކުއްޖާ އަށް އިތުރު މައްސަލަތަކެއް ކުރިމަތިވުން ނޫން ކަމެއް ނުވާނެކަން ޔަގީނެވެ.
ބިޒީކޮށް އުޅެނިކޮށް ވެސް އަމިއްލަ ދަރިއެއްގެ ކޯލެއް އަތުވެއްޖެ ނަމަ ވީހާ ވެސް ބޮޑު ސަމާލުކަމެއް ދިނުން އެއީ އެންމެ ރަނގަޅު ގޮތެވެ. ކޮންމެ ގޮތެއްވިޔަސް ފުރަތަމަ ސަމާލުކަމާއި އަހައްމިއްޔަތުކަން ދޭން ޖެހޭ ފަރާތަކީ އެ ކުއްޖާ އެވެ.
އެހެންވީމަ ދަރިން ތަރުބިއްޔަތުކުރުމުގައި ޗެމްޕިއަނަށް ބަދަލުވާނީ ކިހިނެތް ހެއްޔެވެ؟ -- މިހެންނެވެ!
ތައުރީފުކުރާށެވެ! އެކަމަކު މާ މޮޅު ނުކުރާށެވެ!
އާދައިގެ ކަމެއްގައި ވެސް ދަރިފުޅު ކުރި ހޯދައި މޮޅުވެއްޖެ ނަމަ އެ ކުއްޖަކަށް ތައުރީފުކުރާށެވެ. އޭނާ އެ ކަމެއް ކާމިޔާބުކަމާ އެކު ނިންމާލައި އަމިއްލަ އަށް އަތް ޖަހަން ފެށުމުގެ ކުރިން އޭނާ އަށް އަތް ޖަހައި ތައުރީފު އޮއްސައިލާށެވެ. މިއީ އާދައިގެ ކަމެއް ނުވަތަ ކިތަންމެ ބޮޑު ކަމެއްގައި ވެސް ކުރިއަށް ދިއުމަށް ހިތްވަރު ލިއްބައިދޭނެ ކަމެކެވެ.
އެކަމަކު ތައުރީފުކުރާއިރު ވިސްނައި ސަމާލުވާން ޖެހޭ ކަމެއް ވެސް އެބައޮތެވެ. ދަރިފުޅުގެ ހިތްވަރަށް ތައުރީފުކުރިކަމުގައިވިޔަސް މިކަން މައިންބަފައިން އާދައަކަށް ހަދާނެ ކަމެއް ނެތެވެ. މާ ގިނައިން ތައުރީފުކޮށް އަތްޖަހަންވެއްޖެ ނަމަ އެ ކުއްޖަކު "ސްޕޮއިލް" ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އާދައިގެ ކަމަކުން ވެސް ހިފެހެއްޓުމެއް ނެތް ތައުރީފުލިބޭ ނަމަ އެ އަށް ވުރެ މައްޗަށް ދާހިތެއް ނުވެދާނެ އެވެ. އެހެންވީމަ އެންމެ ބުއްދިވެރި ގޮތަކީ ދަރިފުޅަށް ތައުރީފުކުރުން ވެސް ވަކި ހަމައެއްގައި ހިފެހެއްޓުމެވެ.
ދަރިންކޮޅު ރަނގަޅަށް ނިދާތޯ ބަލަން ޖެހޭނެ!
މިއީ ވަރަށް ވެސް މުހިންމު ކަމެވެ. މުހިންމުވަނީ ކިހާ ވަރަކަށްކަން އެނގޭ ހެއްޔެވެ؟
ހަމަނިދިނުލިބުމަކީ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު އެތައް ގޮތަކުން ކުރާނެ ކަމެކެވެ. މިސާލަކަށް ގްރޭޑް ހައެއްގައި ކިޔަވާ ކުއްޖަކަށް ގަވާއިދުން ނުނިދި، އެއް ގަޑިއިރުގެ ނިދި ގެއްލިއްޖެ ނަމަ އެ ކުއްޖެއްގެ ވިސްނުމުގެ ގާބިލުކަން ގްރޭޑް ހަތަރެއްގެ ކުއްޖެއްގެ ވިސްނުމާއި އުޅުމަށް ބަދަލުވެ ދެ އެވެ.
އަނެއްކޮޅުން ހަމަ ނިދި ނުލިބި އެކަން އާންމު ކަމަކަށް ބަދަލުވެއްޖެ ނަމަ ސިއްހީގޮތުން ބަލާއިރު ދާއިމަށް ފަރުވާ ހޯދަން ޖެހިދާނެ ފަދަ މައްސަލަތަކެއް ވެސް ދަރިފުޅަށް ކުރިމަތިވުމުގެ ބިރު ބޮޑެވެ.
ނިދީގެ މައްސަލަތަކަށް ބަލާއިރު ހަފުތާ ބަންދާ ދިމާކޮށް ނުވަތަ އެ ނޫން ވެސް ގަވާއިދުން ބަންދެއް އަންނަ ދުވަސްތަކަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ގިނައިރު ހޭލާ ތިބުމުގެ މިނިވަންކަން ދިނުމަކީ ވެސް ސިއްހީ މައްސަލަތައް ދަރިފުޅަށް ކުރިމަތިކުރުވާނެ ކަމެކެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުން މިއީ ކުދިންގެ އައިކިއުގެ ގާބިލުކަން ދަށްކޮށްދޭ ކަމެކެވެ.
ދަރިފުޅު ދޮގު ހެދިޔަސް ނޭނގިދާނެ!
އެކަމަކު ބައެއް ބެލެނިވެރިން މި ވާހަކައެއް ގަބޫލުނުކޮށްފާނެ އެވެ. ތިމަންނަމެންގެ ދަރިން ދޮގުހަދާ ނަމަ ތިމަންނަމެންނަށް އެނގޭނެއޭ ކިޔާފައި މޫނު ކުނިކޮށްލަފާނެ އެވެ. ނަމަވެސް ހަގީގަތަކީ މިއީ އެވެ.
ދަރިން ދޮގުހެދިޔަސް މައިންބަފައިންނަށް ނޭނގި ހިނގައިދާނެ އެވެ. ރޭކާ ވެސް ނުލާ ފެންވަރަށް ބައެއް ކުދިން އެމީހުންގެ ވާހަކަތަކަށް ފޮނިތޮށިކާފޫރުތޮޅި އަޅައިގެން ގެނެސްދީފާނެ އެވެ. އެހެންވީމަ ދަރިންގެ މި މިޒާޖު ބަދަލުކޮށްލާނީ ކިހިނެތް ހެއްޔެވެ؟
އެންމެ ފުރަތަމަ ކަމަކީ ކަންވީ ގޮތަށް ކިޔައިދިނުމަކުން އެ ކުއްޖަކަށް އެއްވެސް ގެއްލުމެއް ނުވަތަ އަދަބެއް ނެތް ކަމުގެ ޔަގީންކަން ދިނުމެވެ. އަދި ތެދުތެދަށް ހަގީގަތް ކިޔައިދިނުމަކީ މަންމަ އާއި ބައްޕަ ނިކަން އުފާވާ ކަމެއްކަން ދަރިފުޅަށް ގަބޫލުކުރެވޭނެ މިންވަރަކަށް ކިޔައިދީ ބޮލަށް ވިސްނައިދީފައި އޮތުމެވެ.
ދަރިންނަށް ވެސް ގަވާއިދު ހަދާށެވެ!
އެކަމަކު ވެސް ތަޅައިމަރަން ޖެހޭ ހިސާބަށް މި މައްސަލައެއް ގެންދަން ހަދާނެ ކަމެއް ނެތެވެ. ގަވާއިދުތަކެއް ހަދައި އާންމުކުރިޔަސް ދަރިފުޅު ފޫހިވެ ރުޅިއަންނަ ޒާތަށް ކަންކަންކުރުމުގެ ބޭނުމެއް ނެތެވެ.
މާ ބޮޑަށް ކޮންޓްރޯލްކުރާ ނަމަ މައިންބަފައިން މަތިން ކުދިން ފޫހިވުމުގެ ފުރުސަތު ބޮޑެވެ. މައިންބަފައިން މަތިން ފޫހިވީމަ އެ ކުދިން ދެން ހޯދާނީ އެހެން އެކުވެރިންނެވެ. މަސްތުވާތަކެއްޗަށް ގޮސް ބައެއް ކުދިން ހަލާކުވުމުގެ އެއް ސަބަބަކީ ވެސް މިއީ އެވެ.
ކުޑަކޮށް ޒުވާބުކޮށްލައިގެން މައްސަލަ ހައްލުކުރިޔަސް އޯކޭ!
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެއްވެސް ވަރަކަށް ޒުވާބުކޮށްގެން ނުވާނެ ކަމަށެވެ. އަދި ޒުވާބުކުރާ މަންޒަރު ކުދިންނަށް ފެނުމަކީ ވެސް މުޅިން ގޯސްކަމެއް ކަމަށެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ކުއްޖާ ހެދި ބޮޑުވަމުން އަންނައިރު ޒުވާބަކީ ވެސް ކުރެވެން ޖެހޭ ތަޖުރިބާއެކެވެ.
ނުވަތަ އެ ކުއްޖަކަށް ވިސްނިފައި އޮންނާނީ ދިރިއުޅުމުގައި ހުރިހާ ކަމެއް ވެސް އޮންނަނީ ވަރަށް ފަސޭހަކޮށް ނުވަތަ ހުރިހާ ކަންކަމަކީ ވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ނުވަތަ ހާސިލުކުރެވިދާނެ ކަންކަން ކަމަށެވެ. އެހެންކަމުން ދިރިއުޅުމުގައި ދިމާވާ ނުވަތަ ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމުގެ ތަޖުރިބާ ދިނުމަށް ވެސް ކުދިން ޒުވާބަކަށް ގެންދިއުން މުހިންމެވެ.
ޒުވާބުކުރުމަކީ ހަމައެކަނި އެއިން ނޭދެވެ އަސަރުކުރާ ކަމެއް ނޫނެވެ. މައްސަލަ ހައްލުކޮށް މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމުގެ ގާބިލުކަން ވެސް ކުދިންނަށް ދަސްވެ އެވެ.