ބޮލީވުޑް

ސަލްމާނަށް "ޑަންގާލް" ދައްކާ ހިތުން އާމިރް ކެތްމަދުވެފައި

Nov 29, 2016

އަންނަ މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރާ ސުޕަސްޓާ އާމިރް ޚާންގެ "ޑަންގާލް" އަކީ މިއަހަރު ރިލީޒްކުރަން ބާކީ ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން އަންނަ ފިލްމެވެ.

މިފިލްމަކީ ރެސްލިންތެޅުންތެރިޔާ މަހާވިތް ސިންގް ޕޮގަތްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމަކަށްވުމުން މިއަހަރުގެ ފިތުރު އީދާ ދިމާކޮށް ނެރުނު ސަލްމާން ޚާންގެ "ސުލްތާން" އާއި މިފިލްމާ އެއްގޮތް ކަމަށް އަންނަނީ ބުނަމުންނެވެ. ނަމަވެސް "ޑަންގާލް" ގެ ޓްރެއިލާ މިދިޔަ މަހުގެ ތެރޭގަި ރިލީޒކުރުމާއެކު އެވަނީ "ސުލްތާން" އާއި މިފިލްމުގެ ވާހަކަ ތަފާތުކަން ހަމާވެގެން ގޮސްފަ އެވެ.

ބައްޕައަކު ދެއަންހެންކުދިންނަށް ގޭގައި ރެސްލިންތަޅަން ދަސްކޮށްދީގެން ތާރީހީ ކާމިޔާބީއާ ހަމައަށް ގެންގޮސްދޭ "ޑަންގާލް" އާމިރްގެ ގާތް ބައެއް ފަރާތްތަކަށް މިހާރު ދައްކާލާފައިވާއިރު އާމިރްގެ އެކުވެރި އަދި އެންމެބޮޑު ވާދަވެރިކަމެއް އޮންނަ ސަލްމާން އަށް އެފިލްމު ދައްކާލަން އޭނާ ހުރީ ކެތްމަދުވެފަ އެވެ.

އެކަކު އަނެކަކު ފިލްމުތައް ރިލީޒްވުމާ ދިމާކޮށް ސޯޝަލް މީޑިއާގައި ވެސް ޕްރޮމޯޓްކުރާތަން ފެނިގެންދާއިރު މިފަހަރު ވެސް އާމިރް ބުނަނީ ސަލްމާން އޭނާގެ ފިލްމު ޕްރޮމޯޓްކޮށްދޭނެ ކަމަށް ބުނެފަ އެވެ.

"އަހަންނަށް ޔަގީން ސަލްމާން އަހަރެންގެ ފިލްމު ޕްރޮމޯޓްކޮށްދޭނެކަން. އޭނާގެ ފިލްމުތައް ވެސް އަހަރެން އުފަލާއެކު ކޮށްދެން. ސަލްމާނަށް "ޑަންގާލް" ދައްކާލާ ހިތުން ހުރެވެނީއެއް ނޫން" އާމިރް ބުނެފައިވެ އެވެ.

ސަލްމާން ހޮސްޓްކުރާ ސެލެބްރިޓީ ރިއަލިޓީ ޝޯ "ބިގްބޮސް" އަށް އާމިރް "ޑަންގާލް" ޕްރޮމޯޓްކުރަން ދާނެކަމަށް ދެކެވޭ ވާހަކަތައް ދޮގުުކުރަމުން ވަނީ އޭނާގެ ފިލްމު މިފަހަރު އެއްވެސް ޓީވީ ޝޯއެއްގައި ޕްރޮމޯޓްނުކުރާނެ ކަމަށް ބުނެފަ އެވެ.

މިއަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމަކީ "ސުލްތާން" ކަމަށްވާއިރު އެފިލްމު ބެލުމަށްފަހު ސިނަމާއިން ރޮމުން ނިކުންނަމުން އާމިރް ވަނީ ފިލްމު ވަރަށް ރީތިވެފައި އަސަރުގަދަ ކަމަށް ބުނެފަ އެވެ.

މިހާރު ގިނަބަޔަކު މިފިލްމަށް އިންތިޒާރުކުރަމުންދާއިރު ސަލްމާންގެ "ސުލްތާން" ގެ ރެކޯޑް މިފިލްމަށް މުގުރާލެވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.