ކައުންސިލްތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓްގެ ދަތިކަން ކަމަށް އެލްޖީއޭގެ ސީއީއޯ އަހުމަދު ޝުކުރީ ވިދާޅުވެއްޖެ އެވެ.
ސިޓީ އަދި އަތޮޅު ކައުންސިލްތަކަށް އަމާޒުކޮށްގެން ބޭއްވި މަހާސިްނތާ ނިންމުމުގެ ރަސްމިއްޔާތުގައި ޝުކުރީ ވިދާޅުވީ ކައުންސިލްތަކަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓްގެ ދަތިކަން ކަމަށެވެ. އޭނާ ވިދާޅުވީ އިދާރީ ގޮތުނާއި ސިޔާސީ ގޮތުން ލާމަރުކަޒީވުމާއެކު މާލީ ގޮތުން ވެސް ލާމަރުކަޒީ ވާންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތްތަކަށް އުނދަގޫތަކެއް މި އަންނަނީ ފައިސާއާ ހިސާބުން. އަޅުގަނޑުމެން ގަބޫލު ކުރަނީ ފިނޭންސް މިނިސްޓްރީއަކީ މި [ފައިސާގެ] ތަފާތު ނައްތާލުމަށާ ދިމާވެފަ އޮތް ދަތިތައް ނައްތާލުަމަށް މުހިއްމު މުއައްސަސާއެކޭ،" އޭނާ ވިދާޅުވި އެވެ.
މިގެ އިތުރުން އޭނާ ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކާއި ގާނޫނީ އިދާރާތަކާއެކުއެކު މި މަހާސިންތާގަ މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ހައުސިން މިނިސްޓްރީއާ އިސްލާމިކް މިނިސްޓްރީއާ ފިޝަރީޒް މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީއާއެކުވެސް މަޝްވަރާ ކުރުމަށް ސެޝަންތަކެއް ބޭއްވުނު ކަމަށް ޝުކުރީ ވިދާޅުވި އެވެ.
ޝުކުރީ ވިދާޅުވީ މިގޮތަށް ބޭއްވޭ ފުރަތަމަ މަހާސިންތާގެ ތެރެއިން ގޮންޖެހުންތައް އެއްކޮށް ނައްތާ ނުލެވުނު ނަމަވެސް އެދެވޭ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ކުރިއަށް އޮތްތާގަ ކޮންމެ އަހަރަކު މިފަދަ މަހާސިންތާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެ ދުވަހުގެ މުައްދަތަށް ބޭއްވި އެ މަހާސިންތާގައި ރާއްޖޭގައި އޮންނަ ދެ ސިޓީ ކައުންސިލުންނާއި 19 އަތޮޅެއްގެ އަތޮޅު ކައުންސިލް ތަކުގެ ރައީސުންނާއި ޒިންމާދާރު ވެރިނާއެކު ޖުމްލަ 48 ބޭފުޅުން ބައިވެރިވި އެވެ.