ބޮލީވުޑް

"ކްރިޝް 4" ގައި ވެސް ރިތިކް އާއެކު ޔާމީ؟

Nov 29, 2016

ރިތިކް ރޯޝަން އާއި ޔާމީ ގޯތަމް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ގާބިލް" އަންނަ ޖެނުއަރީ 26 ވަނަ ދުވަހު ސުޕަސްޓާ ޝާހްރުކް ޚާންގެ "ރައީސް" އާއެކު ބޮކްސް އޮފީހުގައި ވަރުގަދަ ކުރިމަތިލުމަކަށްދާނެ އެވެ.

"ގާބިލް" ގައި ރިތިކް އާއި ޔާމީ ލޯފަން ދެމީހުންގެ ރޯލުން ފެނިގެންދާއިރު މިފިލްމުގެ ޓްރެއިލާ ވަނީ މިހާތަނަށް އެންމެ ގިނައިން ބެލި ހިންދީ ޓްރެއިލާ އަކަށްވެފަ އެވެ.

މިފިލްމުގެ އައިޓަމް ލަވައެއް ވެސް ގިނަބައެއްގެ ސަމާލުކަން ހޯދަމުން އަންނައިރު، އިއްޔެ ޔާމީގެ އުފަންދުވަހުގެ ތަހުނިޔާ ޓްވީޓާއިން އޭނާ އަށް ފޮނުވަމުން ރިތިކް މިވަނީ އޭނާ ސުޕަހީރޯއެއްގް ރޯލުން ފެނިގެންދާ "ކްރިޝް 4" ގެ ބަތަލާގެ ރޯލުން އޭނާ އާއެކު ފެނިގެންދާނީ ޔާމީ ކަމުގެ އިޝާރާތެއްދީފަ އެވެ.

ޔާމީ އަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުން ރިތިކްގެ މެސެޖުގައި ވަނީ ދެން އެކުގައި ކުޅޭ ފިލްމެއްގައި ސުޕަހީރޯއިންގެ ރޯލު ކުޅެން އެދިފަ އެވެ.

ރިތިކްގެ މެސެޖަށް ރައްދުދެމުން ޔާމީ ވެސް ކުރި ޓްވީޓެއްގައި ވަނީ އޭނާ އަށް އުފަންދުވަހު އެންމެ ފުރިހަމަ ތަހުނިޔާއެއް ކިޔާފައިވަނީ ރިތިކް ކަމަށާއި އެކުގައި ސުޕަހީރޯގެ ރޯލު ކުޅުމަށް އެދުނު ގޮތަށް އެކަން ކުރާން އޭނާ ވެސް އެއްބަސްކަމަށް ބުނެފަ އެވެ.

ސުޕަހީރޯއެއްގެ ރޯލު އެކުގައި ކުޅެން ރިތިކް ޔާމީ ކުރެން އެދިފައިވާއިރު "ކްރިޝް 4" އުފައްދަން މަސައްކަތްކުރަމުން އަންނަ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން އުފައްދާ "ކްރިޝް" ސިލްސިލާގެ ހުރިހާ ފިލްމެއްގެ ވެސް ލީޑްރޯލުން ރިިތިކްގެ ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ފިލްމުގައި އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެންގޮސްފައިވަނީ ޕްރިތީ ޒިންތާ އެވެ. އަދި ދެވަނަ ފިލްމުގަ އާއި ތިންވަނަ ފިލްމުގައި ބަތަލާގެ ރޯލުން ފެނިގޮސްފައިވަނީ ޕްރިޔަންކާ ޗޯޕްޅާ އެވެ. ތިން ވަނަ ފިލްމުގައި ނުބައިބައި ރޯލަކުން ކަންގަނާ ރަނާވަތު އާއި ވިވޭކް އޮބްރޯއި ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

"ކްރިޝް" ސިލްސިލާގެ ތިން ވަނަ ފިލްމު ރިލީޒްވިތާ ތިން އަހަރުވެފައިވާއިރު، މިސިލްސިލާގެ ހަތަރު ވަނަ ފިލްމު އުފައްދަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ ރިތިކް ކުރި ޓްވީޓެއްގަ އެވެ. އަންނަ އަހަރުގެ ތެރޭގައި މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަަމަށް ފިލްމުގެ ޑައިރެކްޓްރު ރާކޭޝް ރޯޝަން ވެސް ބުނެފައިވާއިރު، މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުގައި ކަމަށްވެސް ވަނީ ބުނެފަ އެވެ.