މޫސާ ޒަމީރު

"ޖީއެމްއާރަށް ފައިސާ ދެއްކުމުން އިންވެސްޓަރުންގެ އިތުބާރު ލިބިއްޖެ"

  • އެއީ ސިޔާސީ ބޭފުޅަކަށް ފުއްދަން ދަތި ވައުދެއް
  • އިންވެސްޓްމެންޓް ކްލައިމްޓް ވަނީ ބަދަލުވެފައި
  • 50 އަހަރުން ނާންނަ ތަރައްގީ ވަނީ ގެނެސްދެއްވާފައި

ޖީއެމްއާރްއާ ގުޅޭ ގޮތުން އާބިޓްރޭޝަނުން ނިންމާ ނިންމުމާ އެއްގޮތަށް އަމަލުކޮށް އެކަން ހައްލުކޮށް ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވެ ވަޑައިގެންނެވި ވައުދު ފުއްދެވުމުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު މި ސަރުކާރަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރަން މިރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ޔާމީންގެ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ވިޔަފާރިވެރިންނަށް ފަހި މާހުލެއް ފަހިކޮށްދެއްވާނެ ކަމަށާއި އާބިޓްރޭޝަނުން ޖީއެމްއާރްއާ ގުޅޭ ގޮތުން ނިންމާ ނިންމުމާ އެއްގޮތަށް އަމަލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. މިހާރު އެގޮތަށް އާބިޓްރޭޝަނުން ޖީއެމްއާރްއާ މެދު ނިންމި ގޮތަށް ސަރުކާރުން އެ ކުންފުންޏަށް ފައިސާ ދައްކާފައިވާތީ ބޭރުގެ އިންވެސްޓްމެންޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

"މިއީ އާންމުކޮށް ޕޮލިޓީޝަނުންނަށްވެ ވަޑައިގެންނެވޭނެ ވައުދެއް ނޫން، މިއީ އާންމުކޮށް ފުއްދެވޭނެ ވައުދެއް ވެސް ނޫން، އެކަމަކު ރައީސް ޔާމީން މިވަނީ މިކަން ކޮށްދެއްވާފަ،" ޒަމީރު ވިދާޅުވި އެވެ.

ހަމައެގޮތަށް ޗައިނާގެ ސަފީރާ ރައީސް ކުރެއްވި ބައްދަލުވުމެއްގައި އެ ގައުމުގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވައިދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވައުދުވެވަޑައިގެން ކަމަށާއި އެ ވައުދު ވެސް ރައީސް ފުއްދަވާފައިވާ ކަމަށެވެ.

"މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ރައްޔިތުންގެ ކުރިމަތީގައި ފެނިގެން ވެސް އަދި ރައްޔިތުންނަށް ނުފެންނަ ގޮތަށް ވެސް ހިދުމަތް ކޮށްދެއްވީ ރައީސް ޔާމީން،" ޒަމީރު ވިދާޅުވި އެވެ.

ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖެއަށް ނާންނަ ތަރައްގީ ރައީސް ޔާމީން ގެނެސް ދެއްވާފައިވާ ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ، ގާނޫނީ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ވަރަށް ބޮޑު ލިބިފައިވާ ކަމަށެވެ. އެގޮތުން އެސްއީޒެޑްގެ ގާނޫނު މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ގާނޫނުގެ ސަބަބުން އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ އިންވެސްޓްމެންޓް ކްލައިމެޓް މިވަނީ ބަދަލުކޮށްލެވިފައި، ރާއްޖޭގެ އިގުސޯދަށް އިންގިލާބީ ބަދަލުތަކެއް މިވަނީ ގެނެވިފައި،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، އެއާޕޯޓް ކުރިއަށްދާ އެއް ބިލިއަން ޑޮލަރާ ގާތް މަޝްރޫއުގެ ސަބަބުން ރާއްޖޭގައި މިހާރު އޮތް އިގްތިސޯދު ދެގުނަ ވެގެންދާނެ ކަމަށާއި އެގޮތުން ބޮލަކަށްޖެހޭ އާމްދަނީ ވެސް ދެގުނަވެގެންދާނެ ކަމަށެވެ. ރާއްޖޭގެ އެސެޓްތަކުގެ އަގު މަތި ކުރުމަށް ރައީސް ޔާމީން ފަޅުތަކުގެ އަގަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން އެންމެ ރަނގަޅު އިންވެސްޓްމެންޓް ކްލައިމެޓެއް އޮތް ގައުމަކަށް ރާއްޖެވާނެ ކަމަށް ވެސް ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޒަމީރު ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ފައިދާއެއް އެސެޓްތަކުން ރައްޔިތުން މުޅި މި ރީޖަންގައި ވެސް ލިބޭ ގައުމަކަށް ރާއްޖެ ވާނެ ކަމަށް ބުނެފިނަމަ އެއީ ދޮގަކަށް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމުގެ ތެރެއިން ހިނގާދިޔަ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ. އެކަމުގައި ޝާމިލުވާ މީހުންގެ މައްޗަށް ދައުވާކުރެވި، ގެއްލުނު ފައިސާތަކާއި އެސެޓްތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ގެއްލުނު ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ މިހާރު ވަނީ ހޯދާފަ އެވެ. މިނިސްޓަރު ވިދާޅުވީ، މިހާރު ވެސް ބައެއް ފައިސާ އާއި އެސެޓްސް ލިބުމުގެ މަގުމަތީގައިވާ ކަމަށެވެ.