ބޮލީވުޑް

"މޭހޫނާ" ގެ ސީކުއަލްއެއް އުފައްދާކަށް ނޫޅެން: ފަރާ ޚާން

Nov 30, 2016

މަޝްހޫރު ކޮރިއޮގްރާފާ އަދި ޑައިރެކްޓަރު ފަރާ ޚާން އަލަށް ޑައިރެކްޓްކުރި ފިލްމު "މޭހޫނާ" އަކީ 2004 ވަނަ އަހަރު ނިކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ.

ޝާހްރުކް ޚާން އާއި ސުޝްމީތާ ސިންގް އަދި ޒައިދް ޚާން އާއި އަމްރިތާ ސިންގް މުހިންމު ރޯލުތަކުން ފެނިގެން ގޮސްފައިވާ މިފލްމުގެ ދެވަނަ ފިލްމަކަށް ބެލުންތެރިން ކެތްތެރިކަމެއްނެތި އަންނަނީ އިންތިޒާރުކުރަމުންނެވެ.

މިފަހުން ފަރާ ވަނީ "މޭހޫނާ" ގެ ސީކުއަލް އުފެއްދުމަށް ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު ފަރާ ވަނީ އޭނާ ސްކްރިޕްޓެއްގެ މަސައްކަތްކުރަމުން އައި ނަމަވެސް އެއީ "މޭހޫނާ" ގެ ދެވަނަ ބައި ނޫންކަމަށް ބުނެފަ އެވެ.

"އެއްވެސް އިރެއްގައި އަހަންނެއް އޮފިޝަލީއެއް ނުބުނަމް "މޭހޫނާ" ގެ ދެވަނަ ބައި އުފައްދާ ކަމަކަށް" ފަރާ ބުނެފައިވެ އެވެ.

ފަރާ ވަނީ މިހާރު އޭނާ މަސައްކަތްކުރަމުން އަންނަ ސްކްރިޕްޓްގެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި އެފިލްމަކީ އޭނާ މިހާތަނަށް އުފައްދާފައިވާ ފިލްމުތަކާއި ވަރަށް ތަފާތު ފިލްމެއް ކަމަށާއި އަދި އެފިލްމުގައި ބޮޑު ތަރިއެއް ފެނިގެން ނުދާނެ ކަމަށް ވެސް ފަރާ ވަނީ ބުނެފަ އެވެ.

"މޭހޫނާ" ގެ ދެވަނަ ފިލްމެއް އުފެއްދުމަށް ޝައުގުވެރިވޭތޯ އެހުމުން ފަރާ ވަނީ މިސިލްސިލާގެ ފިލްމެއް އުފައްދާނަމަ ފުރަތަމަ ފިލްމުގެ ވާހަކަ އާއި ކޮންމެވެސް ގުޅުމެއް އޮންނަން ޖެހޭނެ ކަމަށާއި އެގޮތުން އެފިލްމުގައި ޝާހްރުކް ކުޅެފައިވާ ރާމް ޕްރަސާދް ޝާރްމާގެ ރޯލު އެފިލްމަށް ވެސް ގެންދަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އެހެންކަމުން އަދި މިސިލްސިލާގެ ދެވަނަ ފިލްމެއް އުފެއްދުމުގެ ފަރާގެ ހިޔާލެއް ނެތް ކަމަށްވެ އެވެ.