ބޮލީވުޑް

ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅުވެސް ބޮލީވުޑަށް

Nov 29, 2016

މިދިޔަ އަހަރު ނިކުތް ފިލްމު "ހީރޯ" އިން ސޫރަޖް ޕަންޗޯލީ އާއެކު ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ވެސް ވަނީ ބޮލީވުޑަށް ތައާރަފުވެފަ އެވެ.

އާތިޔާގެ ދެވަނަ ފިލްމު ކަމަށްވާ "މުބާރަކަން" ގެ ޝޫޓިން މިހާރު ފެށިގެން ކުރިއަށްދާއިރު، އޭނާގެ ކޮއްކޮ އަހާން ޝެޓީ ވެސް އަންނަނީ ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުންނެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން އަހާން ބޮލީވުޑަށް ނިކުންނަނީ ޕްރޮޑިއުސަރު ސާޖިދް ނަޑިއަޑްވާލާ އުފައްދާ ފިލްމަކުންނެވެ. އެގޮތުން ސާޖިދް ވަނީ އަހާން އަށް އެކްޓިންގެ ތަމްރީނުތައް ދިނުމުގެ ގޮތުން އޭނާ ލަންޑަނަށް ފޮނުވާލާފަ އެވެ.

ބޮލީވުޑްގެ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އަހާން މިހާރު އަންނަނީ އެކްޝަން ސްޕެޝަލިސްޓެއްގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ހަދަމުންނެވެ. ކުރިއަށް އޮތް ހަމަަސް ދުވަހަށް އާހާން ލަންޑަންގައި މަޑުކުރުމަށް ހަމަޖެހިފައިވާއިރު އޭނާ މާޝާލް އާޓްސްއިން ތަމްރީނުތަކެއް ހަދާނެ އެވެ.

އަހާން ބޮލީވުޑަށް ނިކުންނަ ކަމުގެ ވާހަކަތައް ދެކެވެމުން ދަނިކޮށް ސުނިލް ޝެޓީ ކުރި ޓްވީޓެއްގައި ވަނީ އޭނާގެ ފިރިހެން ދަރިފުޅަށް ވަނީ ފިލްމީ ދުނިޔެއަށް މަރުހަބާ ކިޔާފަ އެވެ. އަދި ދަރިފުޅަށް އޭނަ ދީފައިވާ ނަސޭހަތަކީ އަބަދުވެސް ހިތްތިރިކޮށް ހުރުމަށް އެދިފަ އެވެ.

އަހާން ބޮލީވުޑަށް ނިކުންނަ ފިލްމު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށްވާއިރު އެފިލްމުގެ ސްކްރިޕްޓްވެސް ތައްޔާރުވެފައިވާ ކަމަށްވެ އެވެ. ފިލްމުގެ ޕްރޮޑިއުސަރު ސާޖިދް ބޭނުންވަނީ މިއެކްޝަން ރޮމޭންސް ފިލްމުގެ ލީޑްރޯލުން މުޅިންއާ މޫނުތަކެއް ދައްކާލުމަށެވެ.

އަހާން ބޮލީވުޑަށް ނިކުންނަކަން އޭނާގެ ބައްޕަ ސުނިލް ޝެޓީ އިއުލާންކުރި ހިސާބުން ބޮލީވުޑްގެ އެކި ފަރާތްތަކުން އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ. ޑައިރެކްޓަރު ކަރަން ޖޯހަރު ކުރި ޓްވީޓެއްގައި ވަނީ އަހާން އަކީ ވިދާލާނެ ތަރިއެއް ކަމަށް ބުނެފަ އެވެ.