ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބު ފަސްކުރަން އުޅޭތީ ކަންބޮޑުވޭ: ޔޫކޭ

ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ. އިނގިރޭސިވިލާތުން މިހެން ބުނީ އިދިކޮޅު އިއްތިހާދާ ބައްދަލުކުރުމަށްފަހު އެވެ.

އިދިކޮޅު އިއްތިހާދުގެ ބޭފުޅުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމަށްފަހު އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވީ، ކައުންސިލް އިންތިހާބު ފަސްކުރާ މައްސަލާގައި އިދިކޮޅު އިއްތިހާދުން ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ ސަފީރު ވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"ކަންބޮޑުވުންތަކަށް އަހަރަމެން އެއްބަސްވަން، ޑިމޮކްރަސީ ދެމެހެއްޓުން މުހިންމު،" ސަފީރު ވިދާޅުވި އެވެ.

އިންތިހާބު ފަސްކޮށްދިނުމަށް ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައިވަނީ ޕީޕީއެމްއިންނެވެ. އެ މައްސަލާގެ ދެކޮޅަށް މިހާރު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންދާ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމްޑީޕީ އަދި އަދާލަތު ޕާޓީން ވަނީ ތަދުއްހުލްވެފަ އެވެ.

ޕީޕީއެމްއިން ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވަނީ، ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް އެ ޕާޓީއަށް ވެވިފައިނުވާތީ ކަމަށް ބުނެ އެވެ.

ސަފީރު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވާ ގޮތުން، ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ނުދާ މައްސަލާގައި ވެސް ވަނީ އިދިކޮޅު އިއްތިހާދުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުން މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ އެވެ. ލަސްވެފައިވަނީ މަންދޫބުންގެ ނަންތައް ނުލިބިގެނެވެ.