އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނަމަ އެ ތާރީހުގައި މެލޭޝިޔާ އާއި އިނގިރޭސިވިލާތުގައި ވޯޓް ފޮށި ނުބެހެއްޓޭނެ ކަމަށް އެ ގައުމުތަކުން އަންގައިފި އެވެ.
ކައުންސިލް އިންތިހާބަށް ބޭރު ގައުމުތަކުގައި ވޯޓް ފޮށި ބެހެއްޓޭނެތޯ ޔަގީން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީގައި ވަނީ އެދިފައެވެ. ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ މަޝްވަރާއަށް އެކުލަވާފައި އޮންނަ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އެ މިނިސްޓްރީން މިއަދު ވަނީ އެ ދެ ގައުމުގައި ވޯޓް ފޮށި ނުބެހެއްޓޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އެއީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.
އެ ދެ ގައުމަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ދެ ގައުމެވެ. މެލޭޝިޔާގައި ދެ ވޯޓް ފޮށި އަދި ލަންޑަންގައި ވޯޓް ފޮއްޓެއް ބަހައްޓައެވެ. މެލޭޝިޔާގައި ބަހައްޓާ ވޯޓްފޮށިތަކަށް ވޯޓްލާން އާންމު ގޮތެއްގައި 1،500 ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރެއެވެ. ލަންޑަންގައި ވޯޓްލާން 400އެއްހާ މީހުން ކުރީ އިންތިހާބުތަކުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ. އެހެން ކަމުން 2،000އެއްހާ ދިވެހިންނަށް ވޯޓްލުމުގެ ހައްގު ގެއްލޭނެ އެވެ.
މިއަދުގެ ބައްދަލްވުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމްވެސް ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނަމަ އެ ތާރީހުގައި މެލޭޝިޔާ އާއި އިނގިރޭސިވިލާތުގައި ވޯޓް ފޮށި ނުބެހެއްޓޭނެ ޔަގީންވެފައިވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.
ބަލިމަޑުކަމުގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް އިންތިހާބު ނުބޭއްވޭނެތީ އިންތިހާބު ފަސްކުރުމަށް މަޖިލީހަށް ހުށައަޅަން އިލެކްޝަންސް ކޮމިޝަނުން މިހާރުވެސް ވަނީ ނިންމާފައެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުން ދަނީ އިންތިހާބު ދެން ފަސް ކުރަން ދެކޮޅު ހަދަމުންނެވެ.