ލައިފްސްޓައިލް

އުފާވެރި އާއިލާއެއް ފައްކާކުރާނީ ކިހިނެތް؟

Nov 29, 2016
1

ސްޓޫޑިއޯ އަކަށް ގޮސް އާއިލާއެއްގެ އެންމެން އެކުގައި ކެމެރާ ކުރިމައްޗަށް އަރައި ހީލާ ގޮތަކުން އެ އާއިލާއެއްގެ އުފާވެރިކަމުގެ ޗާޓް ކުރަހަން އަދި ނޭނގިދާނެ އެވެ. އަދި އެންމެ ބޮޑު ހިނިތުންވުމަކާ އެކު ފޮޓޯއަށް ހުއްޓިލައިގެން ތިބޭ އާއިލާގެ މެމްބަރުންނަކީ އެންމެ އުފާވެރި މީހުން ކަމަކަށް ވެސް އަދި ނުނިންމޭނެ އެވެ. ނަމަވެސް އުފާވެރި އާއިލާއަކަށް މަގު ކޮށުމަކީ ހަމަ ސްޓޫޑިއޯ އަކަށް ގޮސް ފެމިލީ ފޮޓޯއެއް ނަގާލުންހާ ފަސޭހަ ކަމެކެވެ.

އެހެންވީމަ އާއިލާގެ ތެރެއަށް އެ އުފާވެރިކަން ގެންނަން ހަދާނީ ކިހިނެއް ހެއްޔެވެ؟

ހަރުބަހުގައި ބުނެދީފައި އޮންނަނީ ވަކިވެގަތުމަކީ ނިކަމެތި ކަމެއް ކަމަށެވެ. އެކަތިގަނޑެއްގެ ގޮތުގައި ދެމިއޮތުމުގެ ފައިދާ ބޮޑު ކަމަށެވެ. އާއިލާގެ ތެރެއަށް މި ހަރު ބަސް ގެންނައިރު މުހިންމު ވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ބައެއް މީހުން ގަބޫލުކުރާ ގޮތުން އުފާވެރި ހަޔާތެއް ބޭނުން ނަމަ، ކައިވެންޏާ އެކު ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ އާއިލާއާ ދުރަށެވެ. އާއިލާގެ މީހުންނާ ވަކިން ދިރިއުޅުމަކީ މާ ބޮޑަށް ވެސް އުފާވެރި ކަމެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. ހާއްސަކޮށް މި ކަމަށް ތާއީދުކުރާ ޒުވާން ބައިވެރިން ގިނަ އެވެ.

އާއިލާގެ ހުރިހާ މެމްބަރުންނާ އެކު އެއް ގެއެއްގައި ދިރިއުޅުމަކީ ފަހަރެއްގައި އެހާ އުފާވެރި ކަމަކަށް ނުވެދާނެ އެވެ. ހާއްސަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި ދިރިއުޅޭ އާއިލާއެއް ނަމަ ކުރިމަތިވާނެ ގޮންޖެހުންތައް ގިނަވާނެކަން ޔަގީނެވެ. ނަމަވެސް މުސްކުޅިންގެ ވާހަކަ ގަބޫލުކުރަން ޖެހޭނެ އެވެ. ވަކިވެގަތުމަށް ވުރެ ދެރަ ކަމެއް ނޯންނާނެ އެވެ.

ކައިވެނިކޮށްގެން އަނބިމީހާ ގޮވައިގެން، ނުވަތަ ފިރިމީހާއާ އެކު އެހެން އެޕާޓްމެންޓަކަށް ބަދަލުވިޔަސް އާއިލާގެ މެމްބަރުންނާ އެކު އޮންނަ ގުޅުން ކަނޑާލައިގެން ނުވާނެ އެވެ. ވަކިން ދިރިއުޅުމަކީ އެކަނިވެރިކަމުގެ ބޮލުރިހުން ގަދަވާ ކަމެކެވެ. އާއިލާއާ ދުރުގައި ވަކިން ދިރިއުޅެން ބައެއް މީހުން ބޭނުން ނުވަނީ މި ސަބަބާ ހެދި އެވެ.

އުފާވެރި ދިރިއުޅުމަކަށް، އަމިއްލަ އާއިލާގެ މެމްބަރުންނަކީ ވަރަށް ވެސް މުހިންމު ބައެކެވެ. އެމީހުންނާ އެކު ބޭރަށް ދިއުމާއި އެކުގައި ކެއުމާއި ދަތުރު ގޮސް މަޖާކުރުމަކީ ޔަގީނުން ވެސް ގުޅުން ބަދަހިވެ، ހަޔާތުގެ ފޫހިކަން ދުރަށް ޖައްސާނެ ކަންކަމެވެ. އާއިލާގެ ހުރިހާ މެމްބަރުން އެއްކޮށްލައިގެން ކެއުމަކީ ޔަގީނުން ވެސް އުފާވެރިކަން ހޯދުމުގެ ރޭހުގައި އާއިލާއަކަށް ކުރެވޭނެ އެންމެ މޮޅު ކަމެވެ. ކާ މޭޒު ދޮށުގައި އެ ޖަހާ ސަކަރާތަކީ ހުރިހާ ގޮތަކުން ވެސް ސިއްހަތަށް ފައިދާ ބޮޑު ސަކަރާތެކެވެ. ފަހަރެއްގައި މި އާދަޔާހިލާފު ވަގުތުކޮޅަށް ނުރުހޭނީ ފަލަވެދާނެ ކަމަށް ބިރު ގަންނަ މީހުން އެކަންޏެވެ.

އެންމެން ބައްދަލުވާ ގަޑިތަކުގައި ދިރިއުޅުމުގެ އަމިއްލަ ތަޖުރިބާތަކުގެ ވާހަކަތައް ހިއްސާކުރުމަކީ ވެސް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުން އުފާވެރި އާއިލާއެއް ފައްކާކުރުމަށް ދެވޭ ބޮޑު ހިތްވަރެކެވެ. އާއިލާގެ މެމްބަރުންގެ ތެރޭގައި މަޖާކުރުމާއި އެކަކު އަނެކަކާ ދިމާކުރުން ވެސް އޮންނަން ޖެހޭނެ އެވެ. ވަކި ހައްދެއްގެ ތެރެއިން މީހަކާ ދިމާކޮށް ފޯރި ނެގުމަކީ އެއްގޮތަކަށް ވެސް މައްސަލައެއް ނޫނެވެ. އަދި ވަކިން އާއިލާއެއްގެ ތެރޭގައި މިކަން އާދަ އޮތުމަކުން ނުކުންނާނެ މައްސަލައެއް ވެސް ނެތްކަން ޔަގީނެވެ. ތިމާ އަކީ އާއިލާގެ ހަގީގީ މެމްބަރެއް ނަމަ މިކަމަށް ހިތްވަރުދޭނެ އެވެ.

ކައިވެނިކޮށްގެން އުޅޭ ނަމަ ދެ މީހުން އެކުގައި އުޅޭއިރު ދިމާވާ މަޖާ ކަންތަކުގެ ވާހަކަ އާއިލީ ބައްދަލުވުންތަކުގައި ހިއްސާކުރުމަކީ ވެސް އުފާވެރިކަމުގެ ރޯޅިތައް އާއިލާ ތެރޭގައި ގަދަވާނެ ކަމެކެވެ. ތަޖުރިބާކުރެވޭ މަޖާ ކަންތަކުގެ ވާހަކަތަކުގެ އިތުރުން ކުރިމަތިވާ މައްސަލަތަކުގެ ވާހަކަ ވެސް އާއިލާގެ މެމްބަރުންނާ ހިއްސާކުރެވިދާނެ އެވެ. ޔަގީނުން ވެސް ދުރު، ހިލޭ މީހަކަށް ވުރެ ތިމާ އަށް ހެޔޮއެދޭނީ އާއިލާގެ މީހުންނެވެ. ސިއްރުތައް އެންމެ ރަނގަޅަށް ހިފަހައްޓައިގެން އެންމެ ހެޔޮ ނަސޭހަތް ވެސް ދޭނީ އާއިލާގެ މެމްބަރުންނެވެ. ތިމާ އަށް އެމީހުން މުހިންމު ވަނީ މިފަދަ ވަރަށް ގިނަ ސަބަބުތަކުގެ ތެރެއިންނެވެ.

އަމިއްލަ އާއިލާގެ މެމްބަރުންނާ އެކު އޮންނަ ގާތް ގުޅުން ތިމާގެ އަމިއްލަ ދަރިންނާ އެކު ބޭއްވުމަކީ ވެސް އުފާވެރިކަމަށް ވަރަށް މުހިންމު ކަމެކެވެ. ދަރިންނާ އެކު ކިތަންމެ ބަދަހި ގުޅުމެއް އޮތަސް އެމީހުންގެ ކުރިމަތީގައި ތިމާގެ އަގު ވެއްޓިޔަ ދީގެން ނުވާނެ އެވެ. މިއީ ތިމާގެ އަތުން ދަރިންގެ ކޮންޓްރޯލް ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބުވެސްމެ އެވެ. އެހެންވީމަ އެމީހުންނާ ގުޅުން ބާއްވާނީ އިހްތިރާމާއި ލޯބި ދީގެން އެ ލޯތްބާއި އިހްތިރާމް އެމީހުންގެ ފަރާތުން ވެސް ހޯދައިގެންނެވެ.

ބަސް ނާހާ އުޅޭ ކުއްޖާ އަށް އަދަބު ދިނުމާއި ދަރިން ކުރިމަތީގައި މައިންބަފައިން މާރާމާރީ ހިންގުމާއި ޒުވާބުކުރުމަކީ އެއްގޮތަކަށް ވެސް ފައިދާކުރާނެ ކަމެއް ނޫނެވެ. ދަރިންނަށް އަދަބު ދިނުމާއި އެމީހުންނަށް ރުޅިގަނޑު ބޭލުމަކީ ވެސް ބޯދާ ވިސްނުމެކެވެ. އަދި ހުރިހާ ބޯދާ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ވެސް ނޫނެވެ.

ދަރިން ތިމާ ދެކެ ބިރު ގަންނަ ބަޔަކަށް ހަދަން މަސައްކަތް ނުކުރާށެވެ. އެއަށް ވުރެ އެކުވެރި ގުޅުމެއް ފައްކާކުރާށެވެ. އޭރުން ކޮންމެ ފަދަ މައްސަލައެއް ޖެހުނަސް އެ ދަރިއަކު އެންމެ ފުރަތަމަ އެ ވާހަކައެއް ހިއްސާކުރަން ބޭނުންވާނީ މަންމަ ނުވަތަ ބައްޕައާ އެވެ. އެ ދެ މީހުންނަށް ކިޔައިނުދެވޭ ވާހަކަ އޭނާ ގޮސް އެހެން މީހަކާ ހިއްސާކުރުމަކީ އޭގެ ނަތީޖާ ވަރަށް ގޯސް ވެސް ވެދާނެ ކަމެކެވެ.

އާއިލާގެ މެމްބަރުންނާ އެކު އޮންނަ ގުޅުން އަމިއްލަ ދަރިންނާ ވެސް ބޭއްވުމުގެ މުހިންމުކަން ބޮޑުވަނީ މިހެންނެވެ. އަހަރެމެންނަކީ އިންސާނުންނެވެ. ދިރިއުޅުމުގެ މަގުސަދު ހާސިލުކުރުމަށް އެކަކު އަނެކަކަށް ނުހަނު ބޭނުންވާ މީހުންނެވެ. އެކަކު އަނެކަކަށް އަބަދުވެސް ބަރޯސާވެގެން ތިބެން ޖެހޭ މީހުންނެވެ. މި ހުރިހާ ކަމެއް އުފާވެރި ކަމަކަށް ބަދަލުކޮށްލަ ދެނީ ދޭދޭ މީހުންގެ މެދުގައި މި އޮންނަ ގުޅުމެވެ.

އެ ގުޅުން ގޯސްވެއްޖެ ނަމަ ދެން އެއްވެސް ކަމެއް ރަނގަޅުވެދާނެ ކަމަށް ހީކުރުން ކުށް ހީއަކަށް ނޫނީ ނުވާނެ އެވެ.