ވިލިމާލެ

މާލެ އާއި ވިލިމާލެއާ ދެމެދުވެސް ބްރިޖެއް!

Nov 29, 2016
12
  • ވިލިމާލެ ބްރިޖް އެޅުމުގެ ވިސްނުން ރައީސްގެ އޮވޭ
  • އެ ލަފާ އަރުވާނީ ދިރާސާތަކުގެ ނަތީޖާއަށް ފަހު
  • އެކަމަށް މިހާރު ގެންދަނީ ސާވޭއެއް ހަދަމުން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވިސްނުންފުޅަކީ މާލެ އާއި ވިލިމާލެއާއި ދެމެދުގައި ވެސް ބްރިޖެއް އެޅުން ކަމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ. 

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ޒުހޫރު ވިދާޅުވީ ރާއްޖެއަށް އަންނަންޖެހޭ އެކަމަކު މިހާތަނަށް ނައިސް ހުރި ތަރައްގީތަކަަށް ރައީސް ޔާމީންގެ ވިސްނުންފުޅާއެކު އެ މަނިކުފާނުގެ ވެރި ކަމުގައި ވާސިލް ވެފައި މިވަނީ އެ މަނިކުފާނުގެ ރިޔާސީ ދައުރުން ތިން އަހަރު ތެރޭގައި ކަމަށެވެ. ރައްޔިތުންނަށް ކޮންމެހެންވެސް ބޭނުންވެފައި ހުރި ގިނަ ވަސީލަތްތައް އެއް ފަހަރާ މިހާރު ލިބެމުން އަންނަ ކަމަށެވެ.

ޒުހޫރު ވިދާޅުވީ ރައީސް ޔާމީންގެ މި ދައުރުގެ ބާކީ ބަޔާއި އަދި ކުރިޔަށް އިންތިހާބުވެ ވަޑައިގެންފިނަމަ ގެންނަވާނެ އާދަޔާ ހިލާފު އިކޮނޮމިކް ސޯޝަލް އެކްސްޕެންޝަން އަށް ވިސްނާއިރު މާލެއާއި ވިލިމާލެ ގުޅުވާލުމުގެ ވިސްނުން ރައީސް ޔާމީން ގެންގުޅުއްވާ ކަމަށެވެ. އަދި ވިދާޅުވީ އެކަން ކުރެވޭނެ ގޮތްތަކުގެ ރީސާޗުތައް ވެސް ހަދަމުން އަންނަ ކަމަށެވެ.

"ސަރުކާރުގެ ވިސްނުން އެބަ އޮތް މާލެއާ ވިލިމާލެ [ބްރިޖަކުން] ގުޅާލުމަށް ވެސް. އަދި އެއާއެކު ތިލަފުށީގައި އިންޓަނޭޝަނަލް ބަނދަރެއް އެޅުމުން މުޅި އޭރިއާ ގުޅިގެން ދާނެ ކަމަށް އަޅުގަނޑުމެންނަށް މި ބެލެވެނީ. އެހެންވީމަ މުޅި ބެލްޓް މި އަންނަނީ ޓްރާންސްފޮމޭޝަންއަކަށް. މާލެއާ ވިލިމާލެ ގުޅައިލުމަށް މި ދަނީ އެކަމަށް ބޭނުންވާ ރީސާޗުތައް ހަދަމުން،" ޒުހޫރު ވިދާޅުވި އެވެ.

މާލެއާ ވިލިމާލެ ދެމެދު އަޅާ ބްރިޖާ އުޅޭ އިތުރު ތަފްސީލެއް ޒުހޫރު ނުދެއްވައެވެ. ނަމަވެސް ބްރިޖު އަޅަން ރައީސަށް ލަފާ ދެއްވާނީ އެކަން ކުރެވޭތޯ ބަލަން ހަދާ ރީސާޗާއި ސާވޭއިން ދައްކާ ނަތީޖާއަށް ބެލުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް ކުރުމަށް އިކޮނޮމިކް ޔޫތު ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.