ދިވެހި ސިނަމާ

ގައުމީ ފިލްމު އެވޯޑްސްގެ ރޭހުގައި މިފަހަރު ވަރުގަދަ ފިލްމުތަކެއް

Nov 29, 2016

ގައުމީ ފިލްމު އެވޯޑްސްގެ ފީޗާ ފިލްމު ކެޓަގަރީގެ އެވޯޑްތަކަށް ކުރިމަތިލާފައިވާ ފިލްމުތަކަށް ބަލާއިރު މިފަހަރުގެ ރޭސް އެއްވެސް ބަޔަކަށް ފަސޭހަވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ނޮމިނޭޝަންސްތައް އަދި އިއުލާ ނުނުކުރި ނަމަވެސް މޫމިން ފުއާދުގެ "ލޫދިފާ" އާއި ރަވީ ފާރޫގްގެ "އިނގިލި" އަދި ޑާކް ރެއިން އެންޓަޓެއިންމަންޓްގެ "ފަތިސްހަނދުވަރުގެ ފެށުން" އަކީ މި ރޭހުގައި ފޯރިގަދަކޮށް ސަސްޕެންސް ދަމަހައްޓައިދޭނެ ފިލްމުތަކެއްކަން ޔަގީނެވެ.

މިފަހަރު އެވޯޑްތައް ދޭން ކަނޑައަޅާފައި ވަނީ 2011 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދުގެ ފިލްމުތަކަށެވެ. އެގޮތުން މި ޝަރުތު ހަމަވެގެން ފީޗާ ފިލްމު ކެޓަގަރީ އަށް 11 ފިލްމެއް ކުރިމަތިލާފައިވެ އެވެ. އެ ފިލްމުތަކުގެ ލިސްޓެއް ތިރީގައި އެ އޮތީ އެވެ.

  • ލޫދިފާ
  • އިނގިލި
  • ފަތިސްހަނދުވަރުގެ ފެށުން
  • ޒަހަރު
  • ދިލަކަނި
  • ސަޒާ
  • އިންސާފު
  • މިހަށިން ފުރާނަ ދަންދެން
  • ލަވްސްޓޯރީ
  • ހިތް ޔާރާ ދީފާ
  • ކުށްވެރިޔަކީ ކާކުހޭ؟

މި 11 ފިލްމަށް ބަލާއިރު ލޫދިފާ އާއި އިނގިލި އަދި ފަތިސްހަނދުވަރުގެ ފެށުން ނެގުމަށް ފަހު ދެން ވެސް މި ލިސްޓުގައި ވަނީ ފާހަގަކޮށްލެވޭ އެއްވަރުގެ ފިލްމުތަކެކެވެ. އެގޮތުން ދިލަކަނި އާއި ސަޒާ އަދި އިންސާފު އާއި ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ލަވްސްޓޯރީ އަކީ ވެސް އެހެން ފިލްމުތަކަށް ދޫކުރާނެ ފިލްމެއް ކަމަކަށް ނުބެލެވެ އެވެ.

ކުރު ފިލްމު ކެޓަގަރީ އަށް ބަލާއިރު އެވޯޑްތަކަށް ކުރިމަތިލާފައި ވަނީ ހަ ފިލްމެކެވެ. އޭގެ ތެރޭގައި މި ކެޓަގަރީއާ އެންމެ ރައްޓެހި ދެކެދެކެވެސް ޕްރޮޑަކްޝަންގެ އުފެއްދުންތައް ގިނަކަން ފާހަގަކޮށްލެވެ އެވެ.

ޑާކް ރެއިންގެ ފިލްމަކަށް "ވޫޑޫ" މި ކެޓަގަރީގައި ވާދަކުރާއިރު ދެން ކުރިމަތިލާފައިވާ ފިލްމުތަކަކީ 13 އަށް ވިސްނާ ދެހާސް، ފަހިރިބެ ތިނެއް، ސިޔާސީ ކޯޅުން، ސިޔާސީ ވެކްސިން އަދި ފަރިހިބެ ހަތަރެއް މިއެވެ.

ގައުމީ ފިލްމު އެވޯޑްސްގެ ނޮމިނޭޝަންސްތައް އަންނަ ޑިސެމްބަރު މަހުގެ 10އެއްހާ ހިސާބުގައި އިއުލާނުކުރެވޭ ވަރުވާނެ ކަމަށް މި އެވޯޑް އިންތިޒާމްކުރާ ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރުގެ އެވޯޑް ހަފުލާ ބަޔަކާ ހަވާލުކޮށްގެން އިންތިޒާމްކުރި ނަމަވެސް މިފަހަރުގެ ހަފުލާ އަށް ދަރުބާރުގޭގައި ސްޓޭޖު ނަގައި ހުރިހާ ކަމެއް ކުރުމަށް ހަމަޖެހިފައި ވަނީ ވެސް ސީދާ އެންސީއޭ އިންނެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ގައުމީ ފިލްމު އެވޯޑްސް އެނބުރި އައިސް އެވޯޑްތައް ދެމުން މި ދަނީ ކުރިން އެވޯޑްތަކަށް ފުރުސަތު ނުދެވި ހުރި ފިލްމުތަކާ ހަމައިންނެވެ.

ދަރުބާރު ގޭގައި އެވޯޑް ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ ޑިސެމްބަރު 21 އެވެ.