އަލިފާން

ހާލުގައި ޖެހުނު 20 މީހަކު ވަގުތީ ހިޔާގައި!

މއ. ކަފިދޫ ގައި ހަދާފައި ހުރި ގުދަނެއްގައި އިއްޔެ އަލި ރޯވެ، ގެއްލުންވި ގެތަކުގެ 20 މީހަކު ވަގުތީ ހިޔާތަކުގައި ބައިތިއްބާފައިވާ ކަމަށް ޑިސާސްޓާ މެނޭޖްމަންޓުން ބުނެފި އެވެ.

ޑިސާސްޓާ މެނޭޖްމަންޓުގެ ޕްރޮޖެކްޓް ޑިރެކްޓާ ހިސާން ހަސަން މިއަދު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިއްޔެ ރޯވި އަލިފާނުގެ ސަބަބުން ގެއްލުންވި ގެތަކުގެ 26 މީހަކަށް ވަގުތީ ހިޔާވަހިކަން ދީފައި ވަނީ މާލޭގެ ގެސްޓް ހައުސްތަކުން ކަމަށެވެ. ނަމަވެސް ސަލާމަތީ ކަންކަން ބެލުމަށް ފަހު އޭގެ ތެރެއިން ހަ މީހަކު މިހާރު އެ މީހުންގެ ގެއަށް ބަދަލުކޮށްފައި ކަމަށާއި މިހާރު 20 މީހަކު އެކި ގެސްޓް ހައުސްތަކުގައި އެބަތިބި ކަމަށެވެ.

"ގެސްޓް ހައުސްތަކުގައި ތިބި ފަރާތްތަކަށް ބޭނުންވާ އާންމު ހުރިހާ ހަރަދުތައް އަޅުގަނޑުމެން އެބަ ބަލަހައްޓައިދެން. އެ މީހުން ވީހާވެސް އަވަހަކަށް ގެތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން މި އަންނަނީ،" ހިސާން ވިދަޅުވި އެވެ.

ކަފިދޫގައި ހުރި ބްރަދާ ހުޑްގެ ގުދަނުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ކައިރީ ހުރި ފަސް ގެޔަކަށް ބޮޑެތި ގެއްލުންވި އެވެ. ހިސާން ވިދާޅުވީ ގެއްލުންވި ގޭގެއަށް ލިބިފައިވާ ގެއްލުމުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ރިޕޯޓު މެދުވެރިކޮށް ލިބުނު ގެއްލުމުގެ އަދަދާއި އެ ގެއްލުން ރިކަވާ ކުރެވޭނެ މުއްދަތެއް ވެސް އެނގޭނެ ކަމަށެވެ.

އިއްޔެގެ އެ އަލިފާނުގައި ރޯވި ގުދަނުގައި ހުރީ ގިނަ އަދަދެއްގެ ބޮޑީ ސްޕްރޭ އާއި ކަރަންޓް ސާމާނެވެ. އެ ގުދަން އެކަށް އަދައިގެން ދިޔުމުން 40 މިލިއަން ރުފިޔާގެ ގެއްލުމެއް ބްރަދަހުޑް ކުންފުންޏަށް ލިބުނެވެ. އަދި އިއްޔެ އަލިފާން ނިންވަން އުޅުނު ސިފައިންގެ ދެ މީހަކަށް ވެސް އެކިވަރުގެ އަނިޔާވިއެވެ. އޭގެ ތެރެއިން އެކަކު މިހާރު ވަނީ އިތުރު ފަރުވާއަށް ސްރީލަންކާއަށް ފޮނުވާލައިފައެވެ.