ސިއްހަތު

ދުޅަހެޔޮ ސިއްހަތާއި ބައިސްކަލާއި އޮތީ ކޮން ގުޅުމެއް؟

Nov 30, 2016

ކުރިއާ އަޅާބަލާއިރު، އަހަރެމެންގެ ތެރޭގައި ބައިސްކަލު ދުއްވާލެއް މަދެވެ. އަހަރެމެންގެ ކަންނެތް ދިރިއުޅުމުގެ ތެރެއަށް ސައިކަލާއި ކާރު ވަތް ފަހުން ބައިސްކަލުގެ މުހިންމުކަން ކެނޑިއްޖެ އެވެ. ނަމަވެސް ބައިސްކަލަކީ ހަމައެކަނި ތަންތަނަށް ދިއުމަށް އޮތްފަސޭހައެއް ނޫންކަން އެނގޭ ހެއްޔެވެ؟ މިއީ އަހަރެމެންގެ ސިއްހަތަށް ވެސް ވަރަށް މުހިންމު އެއްޗެކެވެ. ދިވެހިންގެ ކަންނެތް ދިރިއުޅުމުގެ ސަބަބުން ދުޅަހެޔޮކަން ދަށްވެ، ފަލަވުމުގެ ސަބަބުން އެތަށް ބަލިތަކަކަށް މީހާގެ ހަށިގަނޑު ހުށަހެޅި ގައިންގަޔަށް ނާރާ ބަލިތަކުގެ ޝިކާރައަކަށް އަހަރެމެން ދިވެހިން މިއަދު މިވަނީ ވެފަ އެވެ. މިކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ ތެރެއަށް ބައިސްކަލު ލާންވީނޫން ހެއްޔެވެ؟ އަދި މިގޮތަށް ދުވާލުގެ ކޮންމެވެސް އެއްވަގުތެއްގައި ބައިސްކަލު ދުއްވުމުންވާފައިދާ އެނގޭހެއްޔެވެ؟

ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ.

ގަވައިދުން ބައިސްކަލު ދުއްވުމުން މީހާގެ ހިތަށް ލޭ ފޯރުވައިދޭ މިންވަރު އިތުރުވެ ހިތުގެ މަސައްކަތް އަވަސްވެ ރަނގަޅުވެ އެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކާއި ހާޓްއެޓޭކް ޖެހުމާއި ދުރުވެ އެވެ. އަދި މިއީ ލޭމައްޗަށް ދިއުން ފަދަ ބަލިތަކާ ދުރުކޮށްދޭ ކަމެކެވެ.

ހަކުރު މައްޗަށް ދިއުން ކޮންޓްރޯލު ކޮށްދޭ.

ހަކުރުމައްޗަށް ދިއުމަކީ ސްޓްރޯކް ޖެހުމާއި ހަމާއި ކިޑްނީ ބަލިތަކުގެ އިތުރުން ތަފާތު އެކި ކަހަލަ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. ބައިސްކަލު ދުއްވުމަކީ ހަކުރު ކޮންޓްރޯލު ކުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ. ސަބަބަކީ ހަށިގަނޑުގެ ލޭހިނގުން އަވަސްވެ ހަކުރު ހުންނަ މިންވަރު ކޮންޓްރޯލުކޮށްދީ މީހާގެ ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދެ އެވެ.

ސްޓްރެސް ވުމާއި ދުރުކޮށްދޭ.

މިއީ މީހާގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ހުރުމުގެ އިތުރަށް ސްޓްރެސް ވުމާއި ދުރުކޮށްދޭ ކަމެކެވެ. އެކްސްޕާޓުން ވިދާޅުވާ ގޮތުގައި ފިޒިކަލް ކޮންމެ ކުޅިވަރެއް ކުޅެލުމަކީ ވެސް މީހާގެ ހަށިގަނޑު ސްޓްރެސްއާ ދުރުކޮށްދޭ ކަމެކެވެ. އަދި މިއީ ޑިޕްރެޝަންގެ މައްސަލަ ހުންނަ މީހުންނަށް ވެސް އެއްވަރަކަށް ފައިދާ ކުރާނެ ކަމެކެވެ.

ކެންސަރުޖެހުމާއި ދުރުކޮށްދޭ.

މިހާގެ ހަށިގަނޑު ކަންނެތް ވުމަކީ އެންމެގިނަ ބަލިތަކުގެ ޝިކާރައަށް ހުށަހެޅޭ ކަމެއްކަން ޔަގީނެވެ. ވީމާ ކެންސަރު ފަދަ ބަލިތަކުން ސަލާމަތްވުމަށް ވެސް އޮތް އެންމެ ރަނގަޅު ފަރުވާއަކީ މީހަގެ ހަށިގަނޑު ވީހާވެސް ބޮޑަށް ފިޒިކަލް އެކްޓިވިޓީސް ތަކުގެ ތެރެއަށް ވެއްދުމެވެ. މިގޮތުން ބައިސްކަލް ދުއްވުމަކީ މިކަމަށް ވެސް އޮތް ހައްލެކެވެ. ހާއްސަކޮށް ބަލިވުމުގެ ކުރިން މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ބައިސްކަލު ދުއްވުމަކީ ވަރަށް ރަނގަޅު ކަމެކެވެ.

ބަރުދަން ލުއި ކުރުމަށް

ބައިސްކަލު ދުއްވުމަކީ ހަށިގަނޑުގައި ހުންނަ ބޭކާރު ކެލޮރީސްތައް ވިރުވާލުމަށް ވަރަށް ރަނގަޅު ކަމެކެވެ. ގަވައިދުން ބައިސްކަލު ދުއްވާނަމަ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދީ މީހާގެ ހަށިގަނޑުގެ މަސްތައް ރީތިކޮށްދޭނެވެ. މީގެ އިތުރުން ބައިސްކަލު ދުއްވުމަކީ ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެކެވެ.