ހަބަރު

"އަޅުގަނޑު ހައްޔަރު ކުރުމުގެ ޒިންމާ ނަޝީދު ނަންގަވަން ޖެހޭނެ"

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ޒިންމާވާން ޖެހޭނެ ކަމަށް އަބްދުﷲ ގާޒީ ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިރޭ އަޑުއެހުމުގައި އަބްދުﷲ ގާޒީ ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކުރަން ނިންމީ ޝަރީއަތުންނެވެ.

ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ގާޒީ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިއަކީ ރައީސް ކަމަށް ވާތީ އޭނާ ހައްޔަރު ކުރުމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. އޭނާ ބަންދުގައި ހުރިއިރު އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިން ހިމެނޭ ވަފުދެއް އޭނާއާ ބައްދަލުކުރި ކަމަށާއި އެ ބައްދަލުވުމުގައި ބައެއް ހުށަހެޅުންތައް އޭނާއަށް ހުށަހަޅާފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އަދި އެ ވަފުދުގެ ވާހަކަތަކަށް ބަލާއިރު ވެސް ކަންކަން ނިންމުމުގެ ބާރު އެ ވަފުދަށް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް އަމިއްލައަށް ކަންކަމެއް ނުނިންމޭ. ކޮންމެ ފަހަރަކު ވެސް ވިދާޅުވަނީ ދަންނަވާލާނަމޭ" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ވިދާޅުވި ގޮތުގައި އޭނާ ބަންދުން މިނިވަންވާން ހަތަރު ހުށަހެޅުމެއް އެ ވަފުދުން ހުށަހެޅި އެވެ. އެއީ ގާޒީކަމުން އިސްތިއުފާ ދިނުމާއި އެހެން މަގާމަކަށް ބަދަލުވުމާއި އިނގިރޭސިވިލާތަށް ދިއުމާއި އަމިއްލަ ރަށް ކަމަށް ރ. ހުޅުދުއްފާރަށް ދިއުމެވެ.

އަބްދުﷲ ގާޒީ ވިދާޅުވީ އޭނާ ހައްޔަރުކުރި ސަބަބެއް މިއަދާ ހަމައަށް ވެސް ނޭނގޭ ކަމަށާއި އޭނާ ހައްޔަރުކުރީ ކޮން ބައެއްކަން ވެސް ނޭނގޭ ކަމަށެވެ. ހައްޔަރުކުރަން އައިސް މީހުން ތިބީ ސިފައިންނާއި ފުލުހުންގެ ޔުނީފޯމް އަޅައިގެން ކަމަށާއި ނަމަވެސް އެ މީހުން ތިބީ މޫނު ނުފެންނަ ގޮތަށް ހަދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޯޓު އަމުރު ކޮބައިތޯ އެ މީހުންނާ ސުވާލު ކުރުމުން އެއަށް ޖަވާބެއް ނުދޭ ކަމަށާއި ގަދަކަމުން އަތުގައި ހިފައިގެން ދިޔައީ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

ބަންދުގައި ހުރިއިރު ލިބެންޖެހޭ ހައްގުތައް ލިބުނުތޯ ފަނޑިޔާރުން ސުވާލު ކުރުމުން ޖަވާބުގައި އަބްދުﷲ ގާޒީ ވިދާޅުވީ ގާނޫނާއި ޚިލާފަށް ބަންދު ކުރުމަށް ވުރެ ބޮޑު ހައްގެއް ނުގެއްލޭނެ ކަމަށާއި އެކަމުގެ ސަބަބުން އޭނާއަށް ގިނަ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.

އަބްދުﷲ ގާޒީއާ ސުވާލު ކުރުމުގެ ފުރުސަތު ނަޝީދަށް ދިނުމުން ވަކީލެއްގެ އެހީ ނެތި ޝަރީއަތުގައި އިންނެވި ނަޝީދު ވަނީ ގާޒީ އާ އެއްވެސް ސުވާލެއް ނުކުރައްވައި، އެމަނިކުފާނަށް ވަކީލަކު އައްޔަން ކުރަން ފުރުސަތު ދިނުމަށް އެދިވަޑައިގެންފަ އެވެ.

ހުދު ގަމީހަކާޢި ރަތް ޓައީއެއް އަޅުއްވައިގެން ކޯޓު ފަޓުލޫނު ތުރު ކުރައްވައިގެން އިންނެވި އަބްދުﷲ ގާޒީ ޝަރީއަތުގައި ވާހަކަ ދެއްކެވިއިރު އޭނާއާ ދެތިން ފޫޓު ދުރުގައި ހުންނެވި ނަޝީދާ ދިމާލަކަށް ނުބަލަ އެވެ. ނަމަވެސް ހުދު ގަމީހަކާއި ރީނދޫ ޓައީއެއް އަޅުއްވައިގެން ހުންނެވި ނަޝީދު ހުންނެވީ އަބްދުﷲ ގާޒީ ވާހަކަ ދެއްކިއިރު އޭނާއާ ދިމާލަށް ބަލަހައްޓައިގެނެވެ.

ހެކިބަސް ދީ ނިމުމަށް ފަހު އަބްދުﷲ ގާޒީ ކޯޓު ރޫމުން ނިކުތުމަށް ހިނގައި ގަތުމުން ނަޝީދު ވަނީ ހިނިތުންވެ ވަޑައިގެން ހުންނަވައިގެން އަބްދުﷲ ގާޒީއަށް ބޮލުން އިޝާރާތް ކުރައްވައިފަ އެވެ. ޖަވާބުގައި އަބްދުﷲ ގާޒީ ވެސް ނަޝީދާ ދިމާލަށް ނިތް އަރުއްވާލެއްވި އެވެ. އަބްދުﷲ ގާޒީ ނިކުންނަ ފެށުމުން އިހްތިރާމް އަދާ ކުރުމުގެ ގޮތުން ކޮޅަށް ތެދުވަން ވެސް ނަޝީދު އުޅުއްވި އެވެ.