އެއް އިރެއްގައި ޕްރޮޓީންގެ މިންވަރާއި ޑޯޒަކީ ބޮޑީ ބިލްޑަރުންގެ މެދުގައި މަގްބޫލު އެއްޗެކެވެ. ނަމަވެސް ހިކޭނޭ ކަމަށް ހީކޮށް ނުވަތަ ބަރުދަން ލުއިކުރުމުގެ ބޭނުމުގައި ޕްރޮޓީންގެ މިންވަރު ޑައެޓްގައި އިތުރުކޮށްފައިވާ އާންމުން މިހާރު ވަރަށް ވެސް ގިނަ އެވެ. ގިނަ އަދަދަކަށް މަހުގެ ބާވަތްތަކާއި ބިހާއި ނަޓްސް އަދި ޗީޒް ފަދަ ބާވަތްތައް ކެއުމުގައި ހިމެނުން މި ވަނީ ކެއުމުގެ އާ ފެޝަނަކަށް ބަދަލުވެފަ އެވެ.
އެކަމަކު ޕްރޮޓީންގެ މިންވަރު ކެއުމުގައި މިވަރަށް މަތިކުރުމަކީ ސިއްހީ ގޮތުން ބަލާއިރު ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ އާންމުންގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޕްރޮޓީންގެ މިންވަރު އިތުރުކުރުމަކީ ފަސޭހައިން ހިކޭނެ ކަމެކެވެ.
ނަމަވެސް ބައެއް ސައިންސްވެރިންގެ ހިޔާލު މިކަމުގައި ތަފާތެވެ. ތަޖުރިބާކާރުން ބުނަނީ ޕްރޮޓީންގެ މިންވަރު ޑައެޓުގައި ގިނަކުރުމަކީ ކެންސަރާއި ހަކުރު ބަލީގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެދާނެ ކަމެއް ކަމަށެވެ. އަދި ދެބައިއުމުރަށް ނުދަނީސް ފުރާނަ އަށް ގެއްލުންވާ ވަރުގެ ސިއްހީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން ހައި ފައިބާގެ ބާވަތްތަކާއި މޭވާ އާއި ތަރުކާރީ މަދުކުރުމަކީ ހަޖަމުގެ ނިޒާމަށް ވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެހެންވީމަ، ޕްރޮޓީން ނެގޭ މިންވަރާ މެދު ސަމާލުވުމަކީ ކޮންމެހެން ވެސް ވަރަށް މުހިންމު ކަމެއްކަން މިވަރުން ވެސް އެބަ އެނގެ އެވެ.
އެކަމަކު ޕްރޮޓީން ހަށިގަނޑަށް އެއްގޮތަކަށް ވެސް ބޭނުން ނުވަނީކީއެއް ނޫނެވެ. އެއީ ވަަރަށް މުހިންމު މާއްދާއެކެވެ. ހަގީގަތީ އިންސާނާ ދުޅަހެޔޮކޮށް ގަދަވެ ސަލާމަތުން ބެހެއްޓުމުގައި ޕްރޮޓީން އަކީ މުހިންމު ރޯލެއް އަދާކުރާ މާއްދާއެއް ކަމެވެ. ވަކިން ހާއްސަކޮށް ހަށިގަނޑު ހެދިބޮޑުވުމުގަ އާއި ލިބޭ ގެއްލުތަކަށް ފަރުވާކުރުމަށް ޕްރޮޓީން މުހިންމެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން ޕްރޮޓީން ނަގާއިރު ނަގަން ޖެހޭނީ ހަށިގަނޑުގެ ބަރުދަނަށް ވާ ކޮންމެ ކިލޯއަކަށް 0.75 ގްރާމްގެ ޕްރޮޓީންގެ ރޭޓުންނެވެ. މާނަ އަކީ މިސާލަކަށް ބަރުދަނުގައި 70 ކިލޯގްރާމް ހުރެއްޖެ ނަމަ އެމީހަކަށް ދުވާލެއްގެ މައްޗަށް 52.5 ގްރާމްގެ ޕްރޮޓީން ބޭނުންވާ ކަމެވެ.
އާންމުކޮށް، ފިރިހެނަކަށް ދުވާލެއްގެ މައްޗަށް، މަދުވެގެން 55 ގްރާމްގެ ޕްރޮޓީން މުހިންމު ކަމަށް ތަޖުރިބާކާރުން ލަފާދޭއިރު އަންހެނުންނަށް 45 ގްރާމްގެ ޕްރޮޓީން ދުވާލަކަށް މުހިންމު ކަމަށް ލަފާ ދީފައިވެ އެވެ.