މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ފަހަރެއްގައި ގަބޫލު ކޮށްފާނެ އެވެ. ޓަޗް ލައިންގައި ހުރެ ރެފްރީންނާ ދެކޮޅަށް ގަދަ ބަސް ބުނެގެން ރެފްރީންގެ ނިނުމުންތައް ބަދަލު ކުރެވިދާނެ އެވެ. ނަމަވެސް ރެފްރީންގެ ފެންވަރު މަތިވެއްޖެ އެވެ. މިއީ 2006 ނޫން ކަން މޮރީނިއޯ ދަންނަން ޖެހޭ ކަން އިނގިރޭސި މީޑިއާތަކުން އޭނާ އަށް ހަނދާން ކޮށްދީފި އެވެ. ދެހާސް ހަވަނަ އަހަރު ޗެލްސީގެ ކޯޗްކަން ކުރިއިރު ރެފްރީންނަށް ރައްދުކޮށް ބުނެފައި ހުރި ހަރުކަށި ބަސްތަކުން ރެފްރީން ވެސް ފިޔަވަޅު އަޅަން ފަސް ޖެހިފައި އެބަހުއްޓެވެ.
ނަމަވެސް މިއީ 2016 އެވެ. މޮރީނިއޯގެ ގަދަ ބަސްތަކަށް ރެފްރީން ފަސް ނުޖެހޭނެ ކަން މިއަހަރު މިހާތަނަށް ދެ ފަހަރެއްގެ މަތިން ރެފްރީން ވަނީ މޮރީނިއޯ އަށް ސާބިތުކޮށްދީފަ އެވެ. ސީޒަން ދެ ބައި ނުވެ އުޅެނިކޮށް ދެ ވަނަ ފަހަރަށް މޮރީނިއޯ އަށް އަދަބު ދިނީ އެވެ.
އެންމެ ފަހުން ވެސްޓްހަމްއާ ދެކޮޅަށް ކުޅުނު މެޗްގައި ރެފްރީގެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ފެންފުޅިއެއްގައި ފައިން ޖަހައި ދަނޑު މައްޗަށް ފެންފުޅިއެއް ބުރުވާލުމާއެކު ބެންޗުން ފޮނުވާލުމުން މިއީ މޮރީނިއޯގެ ކޯޗިން ކެރިއަރުގައި އޭނާ އަށް އަދަބު ދިން 15 ވަނަ ފަހަރެވެ.
މީގެ އެއް މަސް ކުރިން ބަންލީއާ ދެކޮޅަށް ކުޅުނު މެޗްގައި ރެފްރީގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭކަން ދެއްކުމުން އެ މެޗްގެ ރެފްރީ މާކް ކެޓަލަންބާގް ވެސ ވަނީ މޮރީނިއޯ ދަނޑުން ފޮނުވާލާފައެވެ. އެ ފަހަރު ދެ މެޗަށް ސަސްޕެންޑް ކުރިއެވެ.
މި ފަހަރު ދަނޑަށް ވަދެވުނަސް ޓީމަށް އިރުޝާދު ދޭން ބެންޗުގައި ނުހުރެވުމަކީ އެކަށީގެންވާ ކަމަކެވެ. ބެންޗަށް ނުދެވޭ ގޮތަށް ދޭއް ނުވަތަ ތިން މެޗްގެ ސަސްޕެންޝަނެއް އަތު ވެދާނެއެވެ.
ސަސްޕެންޝަންތަކުގެ އަދަބުގެ އެއްބައިގެ ހިމެނޭ ޖުރީމަނާގެ ގޮތުގައި އޭނާ ވަނީ މިހާތަނަށް 288000 ޕައުންޑް ދައްކާފަ އެވެ. ވެސްޓްހަމް މެޗުގެ ޖޫރިމަނާއާއެކު މި އަދަދު 300000 ޕައުންޑަށް ވުރެ މަތި ވާނެ ކަމަށް ބެލެވެއެވެ.
ވެސްޓަހަމްގެ މެޗްގައި ބެންޗުން ފޮނުވާލުމުގެ އިތުރަށް މޮރީނިއޯ އަށް ވަނީ އެހެން ޕްރެޝަރެއް ވެސް ކުރިމަތިވެފައެވެ. އެއީ 1990 ވަނަ އަހަރުގެ ސީޒަންގެ ފަހުން 13 މެޗުން އެންމެ މަދުން ޕޮއިންޓް ލިބުނު ސީޒަން ކަމުގައި ވުމެވެ. ތޭރަ މެޗް ކުޅެ މޮރީނިއޯ އަށް މެން ޔުނައިޓަޑަށް ހޯދާދިފައިވަނީ 20 ޕޮއިންޓެވެ.