ރާއްޖެ ކުޅިވަރު

މިވަގުތު ރެއާލް މެޑްރިއަށް މޮރީނިއޯ ނުގެންނާނެ: ޕްރޭޒް

ޗެލްސީގެ ކޯޗުކަމުން އިއްޔެ ވަކިކުރި ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ މިވަގުތު އެކުލަބަށް ނުގެންނާނެ ކަމަށް ރެއާލްއިން ބުނެފި އެވެ.

ކުލަބުގެ ރައީސް ޕްލޮރެންޓީނޯ ޕްރޭޒް ބުނީ މޮރީނިއޯ އަކީ ރެއާލް އަށް ކާމިޔާބު ހޯދައިދިން ކޯޗެއް ކަމަށާއި ނަމަވެސް މިވަގުތަކީ އޭނާ އަލުން ގެންނަންޖެހޭ ވަގުތު ނޫން ކަމަށެވެ. ޕެރޭޒް މިހެން ބުނީ ރެއާލްގެ މިހާރުގެ ކޯޗު ރަފާ ބެނީޓޭޒްއާ މެދު ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިން ހިތްހަމަނުޖެހޭތީވެ މޮރީނިއޯ އަލުން ރެއާލް ގެންދާނެ ކަމަށް މީޑިޔާތަކުން ވާހަކަ ދައްކަން ފެށުމުންނެވެ.

"އެއްވެސް މީހަކަށް ކުރިމަގުގައި ކަންކަންވާނެ ގޮތެއް ނޭނގޭނެ. އެކަމަކު މިވަގުތު އޭނާ ރެއާލް މެޑްރިޑަށް ނާންނާނެ. އޭނާގެ ކޯޗުކަމުގައި މި ކުލަބުން ނެރުނު ނަތީޖާތައް ގޯހެއްނޫން. އޭނާ ވަނީ އަހަރުމެންނަށް ކާމިޔާބު ހޯދާދީފައި،" ޕްރޭޒް ބުންޏެވެ.

އިޓަލީގެ އިންޓަމިލާނަށް 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށްފަހު ރެއާލް މެޑްރިޑާ ހަވާލުވެ 2013 ވަނަ އަހަރާ ހަމައަށް މޮރީނިއޯ އެކުލަބުގައި ހުއްޓެވެ. އޭނާގެ ދުވަސްވަރު ރެއާލް ހޯދި އެންމެ ބޮޑު ކާމިޔާބީކީ ސްޕެނިޝް ލީގު ނުލިބި ހަތަރު ވަންދެން ދިގުދެމިގެންދިޔަ ސިލްސިލާ އަށް ނިމުން ގެނައުމެވެ. މޮރީނިއޯ ވަނީ ރެއާލް އަށް ސްޕެނިޝް ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ. އޭނާ އެކުލަބާ ވަކިވެ އަލުން ޗެލްސީއާ ގުޅުނީ ރެއާލްގެ ކުރީގެ ކެޕްޓަން އަދި ގޯލްކީޕަރު އިކާ ކަސިޔާސްއާ މައްސަލަޖެހިގެންނެވެ.

ޗެލްސީ އަށް އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ހޯދައިދިންތާ އެންމެ ހަތް މަސް ފަހުން މޮރީނިއޯ ޗެލްސީގެ ކޯޗުކަމުން ވަކިކުރީ އެކުލަބުގެ ނަތީޖާތައް މި ސީޒަނުގައި ގޯސްވުމުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެ ޓީމު އޮތީ 15 ޕޮއިންޓާއެކު 16 ވަނާގަ އެވެ.

ޗެލްސީގެ ތާރީހުގައި އެކުލަބުގެ އެންމެ ކާމިޔާބު ކޯޗު މަގާމުން ވަކިކުރުމުން އޭނާ އަށް ބަދަލެއްގެ ގޮތުގައި 40 މިލިއަން ޕައުންޑް ދޭންޖެހެ އެވެ. ނަމަވެސް ކުލަބުގެ ބޯޑާއި މޮރީނިއޯ ވާހަކަ ދެއްކުމަށްފަހު ނިންމީ މި ސީޒަން ނިމެންދެން އޭނާ އަށް މުސާރަދިނުމަށެވެ.