ކުޅިވަރު

އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް މުބާލް ފަތައިފި

ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމް މިހާރު ކުރިއަށްދާ ޓޯކްޔޯ އޮލިމްޕިކްސް 2020 ގައި ފަތައިފި އެވެ. މިއީ އޭނާ އޮލިމްޕިކްސްގައި ވާދަ ކުރި ފުރަތަމަ ފަހަރެވެ.

އުމުރުން 20 އަހަރުގެ މުބާލް އޭނާ ވާދަ ކުރި ހީޓު ނިންމީ ހަވަނައިގަ އެވެ. އެ ހީޓުގައި ޖުމްލަ ހަތް ފެތުންތެރިން ވާދަ ކުރި އެވެ. މުބާލް ރޭސް ނިންމާލީ 58.37 ސިކުންތުންނެވެ. ރޭހުގެ އެންމެ ފުލުގައި އޮތީ ސޮލޮމޮން އައިލެންޑްސްގެ އެޑްގާ ރިޗާޑްސަން އީރޯ އެވެ. އޭނާގެ ރޭސް ނިންމީ 1:00.13 އިންނެވެ.

މުބާލްގެ އިތުރުން ރާއްޖެ ތަމްސީލު ކުރަން މިފަހަރުގެ އޮލިމްޕިކްސް ގައި އައިޝަތު ސާޖިނާ ވެސް ވަނީ ފަތާފަ އެވެ. ބްރެސްޓްސްޓްރޯކް އިވެންޓުގެ 100 މީޓަރު ފެތުމުގެ ހީޓު އެކެއްގައި ވާދަކޮށް ސާޖިނާ ރޭސް ނިންމީ ހަވަނައިގަ އެވެ. ޖުމްލަ ހަ ބައިވެރިން ވާދަކުރި މިރޭސް ސާޖިނާ ނިންމީ އެއް މިނެޓާއި 33.59 ސިކުންތުންނެވެ.

ނަބާހާ ވަނީ ބެޑްމިންޓަންގައި އޭނާ ވާދަ ކުރި ދެ މެޗުން ބަލިވެފަ އެވެ. ދުނިޔޭގެ ފެންވަރުގެ މަތީ ފަޑީގައި ހިމެނޭ ކުޅުންތެރިންނާއި ވާދަކޮށް ނަބާހާ ވަނީ ރަނގަޅު ތަޖުރިބާއެއް ހޯދާފަ އެވެ.

ރާއްޖެއިން އޮލިމްޕިކްސްއަށް ދިޔަ ހަތަރު އެތުލީޓުންގެ ތެރެއިން މިހާރު ވާދަ ނުކޮށް އޮތީ ސާއިދު އެކަންޏެވެ.

ޖަޕާނުގެ ޓޯކްޔޯ އޮލިމްޕިކްސް ގައި މިފަހަރު ރާއްޖެއިން ވާދަ ކުރީ ހަތަރު އެތުލީޓުންނެވެ. އެއީ ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މުބާލް އައްޒާމް އިބްރާހީމް އާއި އައިޝަތު ސާޖިނާގެ އިތުރުން ބެންޑްމިންޓަން ކުލުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް އާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.