ތާރީހީ ކަމްބެކް އަކާއި އެކު ޓޮކްޔޯ އޮލިމްޕިކްސް 2020 ގައި ފްރާންސްގެ ފުްޓްބޯޅަ ޓީމުން ސައުތު އެފްރިކާ ބަލިކޮށްފައި ވާއިރު، މިއީ ފްރާންސަށް ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވަނަ ބުރަށް ދާން ލިބުނު ރަނގަޅު ފުރުސަތެކެވެ.
ގްރޫޕް ސްޓެޖުގެ ފުރަތަމަ މެޗުގައި މެކްސިކޯ އާއި ވާދަކޮށް ފްރާންސް ބަލިވީ 4-1 ގެ ނަތީޖާ އަކުންނެވެ. އޭގެ ފަހުން މިދިޔަ އާދީއްތަ ދުވަހު ސެއިޓާމާ ސްޓޭޑިއަމްގައި ކުޅުނު މޮޅުވަން ނުވަތަ އެއްވަރު ކުރަން މަޖުބޫރު މެޗުން ފްރާންސް މޮޅުވީ 4-0 އިންނެވެ. މި މެޗުގައި ފްރާންސްގެ ކެޕްޓަން އެންޑްރިއޭ ޕިއެރާ ތިން ގޯލާއި އެކު ހެޓްރިކް ހެދި އިރު، ދުނިޔޭގެ ޗެމްޕިއަން ޓީމަށް އަނެއް ގޯލު ކާމިޔާބު ކޮށްދިނީ ޓެޖީ ސަވޭނިއާ އެވެ.
ފްރާންސުން ޓޯކްޔޯ އޮލިމްޕިކްސްގައި މޮޅު ކަމްބެކްއެއް ހަދާފައި ވާއިރު، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު އޮލިމްޕިކްސްގައި މިހާތަނަށް ޓީމު ތަކުން ހަދާފައިވާ ތާރީހީ ކަމްބެކް ތަކަށް ނަޒަރު ހިންގާލާނަމެވެ.
1. ނެދަލެންޑްސް 5-4 ސްވިޑެން، 1920
ޖުމްލަ ނުވަ ގޯލު ފެނިގެން ދިޔަ ވާދަވެރި މި މެޗުގައި ބާނާޑަސް ގްރޫސްޖޯހަންގެ ގޯލުން ނެދަލެންޑްސް އިން ލީޑު ނެގީ މެޗުގެ 10 ވަނަ މިނެޓުގަ އެވެ. ނަމަވެސް ސްވިޑެން އިން ވަނީ ފުރަތަމަ ހާފުގެ 16 އިން 32 ވަނަ މިނެޓާއި ދެމެދު ތިން ގޯލު ޖަހައި މެޗުގެ އޮއެވަރު ބަދަލު ކޮށްލާފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމްނެ މިނެޓަކަށް ވެފައި ވަނިކޮށް ނެދަލެންޑްސްއިން ގޯލެއް ޖަހައި ފަރަގު ކުޑަ ކުރި އެވެ.
ދެވަނަ ހާދު ފެށިގެން މާގިނަ އިރެއް ނުވަނީސް ނެދަލެންޑްސް ޓީމުން ގޯލެއް ޖަހައި އެއްވަރު ކުރި ނަމަވެސް 72 ވަނަ މިނެޓުގައި ސްވިޑެން އިން ގޯލެއް ޖަހައި އަނެއްކާ ވެސް ލީދު ނެގި އެވެ. ނެދަލެންޑްސް އިން އަނެއްކާ ވެސް ނަތީޖާ ހަމަ ކުރީ މެޗުގެ 88 ވަނަ މިނެޓުގަ އެވެ.
ދެޓީމު އެއްވަރުވެ ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެހާފު ކުޅެގެންނެވެ. ނެދަލެންޑްސް މޮޅުވީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް 115 ވަނަ މިނެޓުގައި އެޓީމުން ކާމިޔާބު ކުރި ލަނޑަކުންނެވެ.
2. ގްރޭޓް ބްރިޓަން 4-3 ނެދަލެންޑްސް، 1948
1920 ވަނަ އަހަރު ސްވިޑެން އަތުން މޮޅުވި މެޗާއި ހިލާފަށް މިފަހަރު ނެދަލެންސް ވަނީ ގްރޭޓް ބްރިޓަން އަތުން 3-4 އިން ބަލިވެފަ އެވެ. މެޗުގެ 20 ވަނަ މިނެޓުގައި ނެދަލެންޑްސް އިން ލީޑު ނެގި ނަމަވެސް ގްރޭޓް ބްރިޓަން އިން ވަނީ އޭގެ ދެ މިނެޓު ފަހުން ނަތީޖާ ހަމަ ކޮށްފަ އެވެ.
ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ބްރިޓަން އިން ނެގީ މެޗުގެ 58 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. އޭގެ ފަހުން މާ ގިނަ އިރެއް ނުވެ 63 ވަނަ މިނެޓުގައި ނެދަލެންޑްސް އިން ނަތީޖާ ހަމަ ކުރި އެވެ. ނަމަވެސް ހިތްވަރު އެލުވާ ނުލައި 77 ވަނަ މިނެޓުގައި ބްރިޓަން އިން އަލުން ލީޑު ނެގި ނަމަވެސް 81 ވަނަ މިނެޓުގައި ނެދަލެންޑްސް އިން ނަތީޖާ ހަމަ ކުރި އެވެ. މި މެޗުން ބްރިޓަން ކުރި ހޯދީ އިތުރު ވަގުތުގެ 111 ވަނަ މިނެޓުގައި ގޯލު ޖަހައިގެންނެވެ.
3. ހަންގޭރީ 6-5 ޔުގޯސްލާވިއާ، 1964
އޮލިމްޕިކްސް ފުޓްބޯޅައިގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި އެއް މެޗަކީ 1964 ވަނަ އަހަރުގެ އޮލިމްކްސް ފުޓްބޯޅައިގެ ރަން މެޑަލް ކާމިޔާބު ކުރި ހަންގޭރީ އާއި ޔޫގޯސްލާވިއާ ބައްދަލު ކުރި މެޗެވެ. ޖުމްލަ 11 ލަނޑު ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ މިނެޓުގައި ޔޫގޯސްލާވިއާ އިން ލީޑު ނެގި ނަމަވެސް 11 މިނެޓު ތެރޭގައި ދެ ގޯލު ޖަހައި ހަންގޭރީން މެޗުގެ އޮއެވަރު ބަދަލު ކޮށްލި އެވެ. އޭގެ މިނެޓެއް ފަހުން ޔޫގޯސްލާވިއާ އިން އަނެއްކާ ވެސް ނަތީޖާ ހަމަ ކުރި އެވެ.
ހަންގޭރީން މެޗުގެ 18 އަދި 25 ވަނަ މިނެޓުގައި ދެ ގޯލު ޖަހައި 4-2 ގެ ނަތީޖާ އަކުން އަލުން ލީޑު ނެގި އެވެ. ނަމަވެސް 31 ވަނަ މިނެޓާއި 35 މިނެޓުގައި ދެ ގޯލު ޖަހައި ޔޫގޯސްލާވިއާއިން ނަތީޖާ ހަމަ ކުރި އެވެ.
4. ބްރެޒިލް 3-3 ނައިޖީރިއާ، 1968
އޮލިމްޕިކްސް 1968 ގައި ބްރެޒިލް އިން ވަނީ ތާރީހީ ކަމްބެކް އެއް ހަދާފަ އެވެ. ފުރަތަމަ ހާފު ނިމުނު އިރު ނައިޖީރިއާ އޮތީ ތިން ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފަ އެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ފުރަތަމަ 20 މިނެޓުގެ ތެރޭގައި ބްރެޒިލް އިން ވަނީ ތިން ލަނޑު ޖަހައި ނަތީޖާ ހަމަ ކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގެ މި މެޗުގައި ބްރެޒިލް އިން އެއް ޕޮއިންޓް ހޯދީ ތަފާތު މޮޅު ކުޅުމަކާއި އެކުގަ އެވެ.
5. ކޮލަމްބިއާ 3-4 އެޖީޕްޓް، 1992
މެޗުގެ ފުރަތަމަ 14 މިނެޓުގައި ދެ ގޯލު ޖަހައި ލީޑު ނެގީ ކޮލްމަބިއާ އިންނެވެ. ނަމަވެސް މެޗުގެ 27 އަދި 47 ވަނަ މިނެޓުގައި ގޯލު ޖަހައި އެޖީޕްޓުން ވަނީ ނަތީޖާ ހަމަ ކޮށްފަ އެވެ.
މެޗު ނިމެނިކޮށް 84 ވަނަ މިނެޓުގައި އަނެއްކާ ވެސް ކޮލަމްބިއާ އިން ލީޑު ނަގައި މެޗުން މޮޅު ވުމާއި ގާތަށް ޖެހިލި އެވެ. ނަމަވެސް ދެވަނަ ހާފުގެ އިތުރު ވަގުތުގެ 91 އަދި 94 ވަނަ މެޗުގައި އެޖީޕްޓުން ގޯލު ޖހައި މެޗުން މޮޅުވީ ޑްރަމަޓިކް ގޮތަކަށެވެ. މިއީ ގްރޫޕް ސްޓޭޖް މެޗެއްގައި އެޖީޕްޓުން ހޯދި ތާރީހީ މޮޅެކެވެ.