ދިވެހި ޖާޒީގައި ބޭރު ކުޅުންތެރިން ޓީމު ތަމްސީލް ކޮށްފައި ވަނީ ހަމަ އެކަނި ދުވުމުގައި ނޫން ކަމަށް ވިދާޅުވެ އެތުލެޓިކްސް މުބާރާތެއްގައި ރާއްޖެގެ އަންހެން ރިލޭ ޓީމަށް އިންޑިއާގެ ދުވުންތެރިއެއް ހިމަނައިގެން ދުވުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ދިފާއުކޮށްފި އެވެ.
މަރޭ ފޭސްބުކް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ވިދާޅުވީ މިދުވަސްވަރު ކުރިއަށްދާ ސިޔާސީ އެނބުރުން ގަނޑުގެ ތެރެއަށް ރާއްޖޭގެ ކުޅިވަރު އާއިލާ އާއި ކުޅިވަރު ނޫސްވެރިން ނުވަނުމަކީ އޭނާގެ އިލްތިމާސް އެއް ކަމަށެވެ.
އިންޓަނޭޝަނަލް އިވެންޓެއްގައި މިކްސް ޓީމެއް ދުވުން އެއީ އާ ކަމެއް ނޫން ކަމަށާއި ބޭނުމަކީ އިވެންޓް ތަކަށް ދާ އެތުލީޓުންނަށް ފުރުސަތު ދިނުން ކަމަށް މަރޭ ވިދާޅުވިއެވެ.
އަދި ދިވެހި ޖާޒީގައި ބޭރު ކުޅުންތެރިން ޓީމު ތަމްސީލް ކޮށްފައި ވަނީ ހަމަ އެކަނި ދުވުމުގައި ނޫން ކަން ފާހަގަކޮށް މަރޭ ވަނީ ދިވެހި ކްރިކެޓް ޓީމަށް ލަންކާގެ ފަސް ކުޅުންތެރިން ކުޅުނުކަން އެނގޭތޯ ސުވާލު ކުރައްވާފައެވެ. ކުޅިވަރު އެސޯސިއަޝަން ތަކުގެ އުސޫލު ތަކަށް ބަލައި އެފަދަ ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ އާންމު ކަމެއް ކަމަށްވެސް މަރޭ ވިދާޅުވިއެވެ. އެގޮތުން 2019 އަދި 2020 ވަނަ އަހަރު ރާއްޖޭގެ ޖާޒީ ލައިގެން ލަންކާގެ ކުޅުންތެރިން ވަނީ ކުޅެފައެ އެވެ. އޭގެ ތެރޭގައި ނިލަންތާ ކޫރޭ، ޗާންދްނާ ލިޔަނަގާ، އިހާލަ ކުމާރް އަދި ވެޑަގޭ މަލިންޑާ ހިމެނެ އެވެ.
"ކުޅިވަރަކީ ކުޅި ކުޅިވަރެއް ނޫން" މި ހޭޝްޓެގްގައި މަރޭ ކުރި ޕޯސްޓް ނިންމާލަމުން އޭނާ ބުނީ އޮލިމްޕިޒަމް އަކީ ކުލިވަރު މައިދާނުގައި ޒުވާނުން ތަމްރީނު ކޮށްގެން ސުލްހަވެރި އަމާން އެކުވެރި ދުނިޔެއެއް ހޯދުން ކަމަށެވެ.
މިދިޔަ ހަަފްތާގައި އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެގެ އަންހެން ޓީމު ރިލޭ ރޭހުގައި ދުވީ އިންޑިއާގެ އަންހެން އެތުލީޓަކު ހިމަނައިގެންނެވެ. އިންޑިއާގެ އެތުލީޓަކު ރާއްޖޭގެ ޖާޒީގައި ރާއްޖެ ޓީމަށް ދުވުމުން ގިނަ ބަޔަކުގެ ފާޑު ކިއުން ވަނީ އަމާޒު ވެފަ އެވެ.
މި ކަމާއި ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ބުނީ ރާއްޖޭގެ އެތުލީޓުން ތަމްސީލު ކުރީ ރާއްޖެ ޓީމު ނޫން ކަމަށެވެ. އަދި އިންޑިއާގެ އެތުލީޓެއް ހިމަނައި މިކްސްޑް ޓީމެއް ނެރެން ޖެހުނީ ރާއްޖޭގެ އެއް ދުވުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އޭނާ އަށް މުބާރާތުގައި ބައިވެރި ނުވެވުމުން ކަމަށެވެ. ތޮލާލް ބުނީ އެހެން ގައުމެއްގެ ދުވުންތެރިއެއް ޓީމުގައި ހިމަނައިގެން ދުވީ ރާއްޖެއިން ދިޔަ ބައިވެރިންނަށް ފުރުސަތޮ ހޯދައިދޭން ކަމަށެވެ.