ޖަޕާނުގައި މިހާރު ކުރިއަށްދާ ޓޯކްޔޯ އޮލިމްޕިކްސް 2021ގެ ފުޓްބޯޅައިގެ ސެމީ ފައިނަލުގައި ބައްދަލުކުރާނެ ހަތަރު ޓީމު މިހާރު ވަނީ ކަށަވަރު ވެފަ އެވެ.
އެގޮތުން މުބާރާތް ބާއްވާ ގައުމު ޖަޕާނާއި ސްޕެއިން ސެމީ ފައިނަލުގެ އެއް މެޗުގައި ބައްދަލު ކުރާއިރު، އަނެއް މެޗުގައި ބައްދަލުކުރާނީ 2012 ވަނަ އަހަރުގެ ޗެމްޕިއަން މެކްސިކޯ އާއި 2016ގެ ޗެމްޕިއަން ބްރެޒިލް އެވެ.
އޯގަސްޓް ތިނެއްވާ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލުގެ މެޗުތަކަށް ފަހު ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި ހަތަރު ޓީމަކީ ވެސް ވަރުގަދަ ހަތަރު ޓީމެވެ. މުބާރާތް ކާމިޔާބު ކުރާނެ ބައެއް އަންދާޒާ ކޮށްލަން ދަތި އިރު މިފަހަރުގެ މުބާރާތުގެ އޮއެވަރަށް ބަލައި އެއްބަޔަކު ގަބޫލު ކުރާ ގޮތުގައި މުބާރާތުގެ ފޭވަރިޓުންނަކީ އޮލިމްޕިކްސް ބާއްވާ ޖަޕާނެވެ. ނަމަވެސް ސްކޮޑްގެ ވަރުގަދަ ކަމަށް ބަލައި ސްޕެއިން މުބާރާތުގެ ތަށި އުފުލާލާނެ ކަމަށް ގަބޫލު ކުރާ ބަޔަކުވެސް ވަކި މަދެއް ނޫނެވެ.
ސްޕެއިން
ސްޕެއިނުން އޮލިމްޕިކްސް 2020ގެ ކުއާޓާ ފައިނަލަށް ދަތުރު ކުރީ ވަރުގަދަ މެޗަކަށް ފަހު އެވެ. އައިވަރީ ކޯސްޓާއި ބައްދަލުކޮށް އެ މެޗުން ސްޕެއިން މޮޅުވީ އިތުރު ވަގުތުގެ ދެހާފު ކުޅެގެންނެވެ.
މި މޮޅުގެ އިތުރުން މިފަހަރުގެ އެންމެ ވަރުގަދަ ސްކޮޑް އޮތީ ސްޕެއިން ޓީމުގަ އެވެ. އެގޮތުން ސްޕެއިންގެ ސްކޮޑުގައި ޕައު ޓޮރެސް، ޕެޑްރީ، ޑެނީ އޮލްމޯގެ އިތުރުން މަކޯ އެސެންސިއޯ ހިމެނެ އެވެ. ހަމަ އެހެންމެ އައިވަރީ ކޯސްޓް މެޗުގައި ހެޓްރިކް ހަދާފައިވާ ރަފާ މިރް ފާހަގަކުރެވިފައި ވަނީ މިފަހަރުގެ ސްޕެއިންގެ އެންމެ ވަރުގަދަ ކުޅުންތެރިޔާގެ ގޮތުގަ އެވެ.
ބްރެޒިލް
މި މުބާރާތުގައި ބްރެޒިލްގެ ފަރާތުން އުންމީދު ކުރާ ވަރުގެ ތަފާތު މޮޅު ކުޅުމެއް އަދި ފެނިފައެއް ނުވެ އެވެ. ބްރެޒިލް ސެމީ ފައިނަލަށް ދަތުރު ކުރީ މިސްރާ ބައްދަލު ކުރި ފޯރި ގަދަ މެޗުން 1-0 އިން މޮޅު ވެގެންނެވެ.
ސައުދީ އަރަބިއާއާ ވާދަކޮށް މޮޅު ކުޅުމެއް ދެއްކި ނަމަވެސް މިސްރު މެޗުގައި ބްރެޒިލްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެނުނެވެ. މިސްރާއި އެކު ކުޅުނު އުނދަގޫ މެޗުން މޮޅުވި ނަމަވެސް ބްރެޒިލް ވަނީ އައިވަރީ ކޯސްޓާ އެއްވަރު ވެފަ އެވެ.
މުބާރާތުގައި މިހާތަނަށް އުންމީދު ކުރި ވަރުގެ ކުޅުމެއް ބްރެޒިލްގެ ފަރާތުން ފެނިފައި ނުވި ނަމަވެސް ޑަގްލަސް ލުއިޒް، މަލްކޮމް އަދި ރިޗާލްސަން ފަދަ ކުޅުންތެރިންނާއި އެކު އެޓީމުގެ އުންމީދަކަށް ވާނީ 2016 ވަނަ އަހަރުގެ ރިއޯ އޮލިމްޕިކްސްގައި ހޯދި ފަދަ ރަން މެޑައްޔެއް މިފަހަރުވެސް ހޯދުމެވެ.
ޖަޕާން
އަމިއްލަ ގައުމުގައި މިހާރު ކުރިއަށްދާ މުބާރާތުގައި ޖަޕާނުން ވަނީ އެމީހުންގެ ސަޕޯޓަރުން އުފާ ވާނެ ފަދަ ރަނގަޅު ނަތީޖާ ތަކެއް ނެރެފަ އެވެ.
ކުއާޓާ ފައިނަލުގައި ނިއުޒިލެންޑް ބަލި ކުރަން ޕެނަލްޓީ ޖަހަން ޖެހުނު ނަމަވެސް ގްރޫޕް ސްޓޭޖުގައި ޖަޕާނުން ވަނީ މޮޅު ކުޅުމަކާއި އެކު ރަނގަޅު ނަތީޖާ ތަކެއް ނެރެފަ އެވެ. އެގޮތުން ޖަޕާނަކީ މި މުބާރާތުގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅު ވެގެން ދެވަނަ ބުރަށް ދަތުރު ކުރި ހަމަ އެކަނި ޓީމެވެ.
ޖަޕާނު ޓީމުގެ ފަޅިއަކުން ކުރިއަށް ކުޅޭ ޓާކަފޫސެ ކިއުބޯގެ މޮޅު ކުޅުމާއި އެކު އެޓީމުގެ އުންމީދަކީ އަމިއްލަ ގައުމުގައި މިފަަރުގެ މުބާރާތް ކާމިޔާބު ކުރުމެވެ. ކޮންމެ ޓީމެއްވެސް ބަލި ކުރެވޭނެ ފެންވަރު އޮތް ޖަޕާނުގެ ކިއުބޯއަށް މިހާރު ރެއާލް މެޑްރިޑުން ވެސް އަންނަނީ ކަޅި އަޅަމުންނެވެ.
މެކްސިކޯ
ކުއާޓާ ފައިނަލުގައި 6-3 އިން ސައުތު ކޮރެއާ ބަލިކޮށް މެކްސިކޯ އިން ވަނީ މި މުބާރާތުގައި ތަފާތު ދައްކާފަ އެވެ. މެކްސިކޯ އިން މި މުބާރާތުގައި މިހާތަނަށް 14 ގޯލު ޖަހާފައި ވާއިރު، އެމީހުންގެ ބައިކޮޅަށް ވަދެފައި ވަނީ އެންމެ ހަތަރު ގޯލެވެ.
ސެމީ ފައިނަލުގައި ބްރެޒިލް އާއި ވާދަކުރަން ޖެހޭ ވަރުގަދަ މެޗެއް ކުރިމަތީގައި އޮތް ނަމަވެސް، އެމީހުންގެ އުއްމީދަކީ 2012 ވަނަ އަހަރު އޮތް ލަންޑަން އޮލިމްޕިކްސްގައި އެމީހުން ހޯދި ފަދަ ރަން މެޑައްޔެއް މިފަހަރު ވެސް ހޯދުމެވެ.