ޓޯކިއޯ އޮލިމްޕިކްސް 2020

ޑެނީ އަލްވެސްގެ އަމާޒު 43 ވަނަ ޓްރޮފީއަށް

ބްރެޒިލްގެ ލެޖެންޑް ޑެނީ އަލްވެސްގެ އަމާޒު ހުރީ އަންނަ ހޮނިހިރު ދުވަހު ކުޅޭ ޓޮކިޔޯ އޮލިމްޕިކްސް 2020ގެ ފުޓްބޯޅަ ފައިނަލުން މޮޅުވެ އޭނާގެ 43 ވަނަ ޓްރޮފީ ކާމިޔާބު ކުރުމަށެވެ.

ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ޑެނީ އަލްވެސް ވަނީ 42 ޓްރޮފީ ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން އެންމެ ގިނަ އިންޓަނޭޝަލް ޓްރޮފީ ހޯދާފައިވާ އަލްވެސް އަށް މިފަހަރުގެ އޮލިމްޕިކްސް ކާމިޔާބު ކުރެވިއްޖެ ނަމަ އޭނާގެ ޓްރޮފީގެ އަދަދު 43 އަށް އަރާނެ އެވެ.

ޑެނީ އަލްވެސް އަށް މިހާތަނަށް އޮލިމްޕިކްސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މިފަހަރު ޓޯކިޔޯގައި ބާއްވާ މުބާރާތް ކާމިޔާބު ކުރެވިއްޖެ ނަމަ އެ ވެގެންދާނީ އޭނާގެ އެންމެ ފުރަތަމަ އޮލިމްޕިކްސް ރަން މެޑައްޔަށެވެ.

އުމުރުން 38 އަހަރުގެ އަލްވެސް ބްރެޒިލްގެ ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި މިފަހަރު ފެނުނީ ޓީމުން ނުފެނި ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިހާތަނަށް ފަސް މެޗު ކުޅެ ހަތަރު މެޗުން ބްރެޒިލް މޮޅުވެފައި ވާއިރު، އަލްވެސް ވަނީ ހުރިހާ މެޗެއްގައި އެންމެ މިނެޓެއްވެސް ވައްޓާނުލައި ކުޅެފަ އެވެ.

ބްރެޒިލް ޓީމުގެ ކަނާތު ފަޅިން ފަހަތަށް ކުޅެމުން އަންނަ އަލްވެސް މިފަހަރުގެ އޮލިމްޕިކްސްގައި އޭނާގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ މެކްސިކޯ އާއި ބައްދަލު ކުރި ސެމީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެންނެވެ.

"ސްޕެއިނާއި ދެކޮޅަށް ނިކުންނައިރު އެމީހުންނަށް އަހަރެންގެ ބަލިފައި ވަރަށް ރަނގަޅަށް އެނގޭނެ. އަހަރެން ބޭނުމީ ފައިނަލުގައި ސްޕެއިނާއި ވާދަކުރަން. އެއީ އަހަރެންނަކީ އެއްފަޅި ބްރެޒިލް އަނެއްފަޅި ސްޕެއިން މީހަކަށް ވާތީ" ކެރިއަރުގެ ދެބައިކުޅަ އެއްބައި ޓްރޮފީ ސްޕެއިންގެ ބާސެލޯނާގައި ހޯދާފައިވާ އަލްވެސް އޮލިމްޕިކްސް ފެށުމުގެ ކުރިން ބުންޏެވެ.

އަލްވެސް ވަނީ ބަހާއީގައި އެއް ޓްރޮފީ، ސެވިއާގައި ފަސް ޓްރޮފީ، ބާސެލޯނާގައި 23 ޓްރޮފީ، ޔުވެންޓަސްގައި ދެ ޓްރޮފީ، ޕީއެސްޖީގައި ހަ ޓްރޮފީ އަދި ސައޯ ޕައުލޯގައި އެއް ޓްރޮފީ ކާމިޔާބު ކޮށްފަ އެވެ. އަދި ގައުމީ ޓީމަށް ހަތަރު ޓްރޮފީ އަލްވެސް ކާމިޔާބު ކޮށްދިނެވެ.

ފުޓްބޯޅައިގެ ތާރީހުގައި އެންމެ ގިނަ ޓްރޮފީ ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާގެ މަގާމުގައި މިވަގުތު ހުރި އަލްވެސް އަަށް މި މުބާރާތް ކާމިޔާބު ކުރުން ވަރަށް ހާއްސަ އެވެ. އެއީ އޭނާގެ ކެރިއަރުގެ ބޮޑު ބައެއް ހޭދަ ކުރި ސްޕެއިނާ ދެކޮޅަށް ފައިނަލުގައި ކުޅެން ޖެހުމުގެ އިތުރުން، މިއީ އޭނާގެ ފުރަތަމަ އޮލިމްޕިކްސް ރަން މެޑައްޔަށް ވާނެތީ އެވެ.