ޓޯކިޔޯ އޮލިމްޕިކްސް 2020ގެ ފުޓްބޯޅައިގެ ފައިނަލަށް ބްރެޒިލް އާއި ސްޕެއިން ދަތުރު ކޮށްފި އެވެ.
ބްރެޒިލް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި މެކްސިކޯ ބަލިކޮށްގެންނެވެ. މި މެޗުގައި 120 މިނެޓު ކުޅެގެން ވެސް ނަތީޖާ ނުނެރެވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެނެންވެ. ފުރަތަމަ ހާފުގައި ބްރެޒިލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ.
ޕެނަލްޓީ ޖަހައިގެން ބްރެޒިލް މޮޅުވީ 4-1 އިންނެވެ. މެކްސިކޯ އަށް ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީ އެކެވެ.
މި މޮޅާއި އެކު ބްރެޒިލް އިން ފައިނަލަށް ދަތުރުކޮށްފައިވާއިރު، މިއީ 2002 ވަނަ އަހަރު ޖަޕާނުގައި އޮތް ވޯލްޑް ކަޕަށް ފަހު އޭޝިއާ ސަރަހައްދުގައި މުބާރާތެއް ކާމިޔާބު ކުރަން ބްރެޒިލް އަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ސްޕެއިން އާއި މުބާރާތް ބާއްވާ ޖަޕާނު ބައްދަލު ކުރި މެޗުން ސްޕެއިން މޮޅުވީ 1-0 އިންނެވެ.
މިއީ މި މުބާރާތުގައި ޖަޕާނު ބަލިވި ފުރަތަމަ މެޗެވެ. ޖަޕާނަކީ މި މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވެގެން ސެމީ ފައިނަލަށް ދަތުރު ކުރި ހަމަ އެކަނި ޓީމެވެ. ފޭވަރިޓުންގެ ގޮތުގައި މުބާރާތާއި ކުރިމަތިލި ނަމަވެސް އަމިއްލަ ގައުމުގައި އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ޖަޕާނަށް މިހާރު މިވަނީ ގެއްލިފަ އެވެ.
ނަމަވެސް ތިންވަނަ ހޮވާ މެޗުގައި ބްރެޒިލް އަތުން ބަލިވި މެކްސިކޯ އާއި ވާދަކޮށް ލޯމެޑަލް ހޯދުމުގެ ފުރުސަތު ޖަޕާނަށް އަދިވެސް އެބައޮތެވެ.
ބްރެޒިލް އާއި ސްޕެއިން ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހަތެއް އޯގަސްޓްވާ ހޮނިހިރު ދުވަހު އެވެ.