ޓޯކިޔޯ އޮލިމްޕިކްސް ފުޓްބޯޅައިގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ބްރެޒިލުން ކާމިޔާބު ކޮށްފި އެވެ.
މިއީ ބްރެޒިލުގެ ފިރިހެން ޓީމުން އޮލިމްޕިކްސް ފުޓްބޯޅަ ޖެހިޖެހިގެން ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. 2016 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ރިއޯ އޮލިމްޕިކްސް ފުޓްބޯޅައިގެ ރަން މެޑަލް ކާމިޔާބު ކުރީވެސް ބްރެޒިލް ފިރިހެން ޓީމުންނެވެ.
ސްޕެއިނާއި ވާދަކުރި ފައިނަލް މެޗުން ބްރެޒިލް މޮޅުވީ 2-1 އިންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ކޮންމެ ޓީމަކުންވެސް ގޯލެއް ޖަހައި އެއްވަރު ކޮށްފައި ވުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެހާފު ކުޅެގެންނެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި ބްރެޒިލް މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ މަލްކޮން އެވެ.
ފޯރިގަދަ މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ފުރަމަ ހާފު ނިމެނިކޮށް ބްރެޒިލުން ލީޑު ނެގީ މެތިއުސް ކުންހާ ކާމިޔާބު ކޮށްދިން ލަނޑަކުންނެވެ. އޭގެ ފަހުން ދެވަނަ ހާފުގެ މިކެލް އޮޔާޒަބަލްގެ ލަނޑަކުން ސްޕެއިން ނަތީޖާ ހަމަ ކުރި އެވެ. މެޗުގައި އަލުން ލީޑު ނެގުމަށް ބްރެޒިލަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ރިޗާލްސަން ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ.
މިއާއި އެކު ބްރެޒިލަށް އޮލިމްޕިކްސް ފުޓްބޯޅައިގެ ރަން މެޑަލް ލިބުނު އިރު ސްޕެއިނަށް ލިބުނީ ރިހި މެޑަލް އެވެ. ލޯ މެޑަލް ކާމިޔާބު ކުރީ މެކްސިކޯއިންނެވެ.
އޮލިމްޕިކްސްގައި ބްރެޒިލް އިން މި ހޯދި ކާމިޔާބީ އާއި އެކު ބްރެޒިލްގެ ކެޕްޓަން ޑެނީ އަލްވެސް ވަނީ 43 ޓްރޮފީ ކާމިޔާބު ކޮށްފަ އެވެ. މިއީ މިހާތަނަށް ފުޓްބޯޅަ ކުޅުންތެރިޔަކު ހޯދާފައިވާ އެންމެ ގިނަ ޓްރޮފީ އެވެ.