އޮލިމްޕިކްސްގެ ތެރެއިން އަނިޔާވެ ޖިމްނާސްޓިކްގެ އޮލިމްޕިކް ޗެމްޕިއަން އެމެރިކާގެ ސަމޯން ބައިލްސް މިއަހަރުގެ އޮލިމްޕިކްސްގެ ޓީމް އިވެންޓުން ވަކިވެއްޖެ އެވެ.
ޖިމްނާސްޓިކްގެ އެންމެ މޮޅު އެތުލީޓުންގެ ތެރޭގައި ގުނާލެވޭ ބައިލްސް އަށް އަނިޔާވެފައިވަނީ ޖިމްނާސްޓިކް ކޮލިފިކޭޝަންގެ ވޯލްޓް އިވެންޓް ތެރެއިންނެވެ. މި އިވެންޓް ތެރެއިން އަނިޔާވުމާއެކު ބައިލްސް ވަނީ ޓީމުގެ ޑޮކްޓަރާއެކު މުބާރާތް ކުޅޭ ސަރަޙައްދުން ވަގުތުކޮޅަކަށް ދުރަށް ގޮސްފަ އެވެ.
އެއަށްފަހު ބައިލްސް އެނބުރި އައިސް ވަނީ ބެންޗުގައި މަޑުކުރަން ނިންމާފައެވެ. ބައިލްސްގެ ބަދަލުގައި "އަން އީވަން ބާރސް" އަދި "ބެލެންސް ބްރީމް" އިވެންޓް އަށް ކުޅެން އަރާފައިވަނީ ޖޯޑަން ޗައިލްސް އެވެ.
މުބާރާތުގެ ޓީމު އިވެންޓްގެ ބާކީ ބައިގައި ބައިލްސް އަށް ކުޅެވެން ނެތުމާއެކު އެމެރިކާގެ ޓީމުން ޖެހިޖެހިގެން ތިންވަނަ އޮލިމްޕިކްސް ރަން މެޑަލެއް ހޯދުމަށް އޮތް ފުރުސަތަށް މިވަނީ ހިޔަނި އެޅިފަ އެވެ.
ބައިލްސް އަށް އަނިޔާވި ވޯލްޓް އިވެންޓުގެ ތެރޭގައި ބައިލްސް މަސައްކަތްކުރީ، ފުންމާލުމަށްފަހު "އަމަނާ" ކިޔާ އުކުޅެއް ދައްކާލުމަށެވެ. 2.5ގެ "ޓާން" އެއް އެކުލެވޭ މި އުކުޅު ބައިލްސް އަށް ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ. 1.5ގެ "ޓާން" އަކަށް ފަހު ބައިލްސް ބިންމައްޗަށް ތިރިވީ އަނިޔާއަކާ އެކު އެވެ.
މި އަނިޔާގެ ތަފްސީލު އެމެރިކާގެ ޓީމުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ހަމައެކަނި ހާމަކޮށްފައިވާ މައުލޫމާތަކީ އަނިޔާވެފައިވާ މިންވަރު ބަލަމުންދާ ކަމަށާއި، ޓީމް އިވެންޓް ނުލާ ބާކީ ހުރި އިވެންޓް ތަކުގައި ބައިލްސް އަށް ވާދަކުރެވިދާނެތޯ ބަލަމުންދާ ކަމަށެވެ.
ޖިމްނާސްޓިކްގެ "އޯލް-އެރައުންޑް" ފައިނަލްގައި ޗެމްޕިއަން ސަމޯން ބައިލްސް ބުރާސްފަތި ދުވަހު ވާދަކުރުމަށް ވަނީ ތާވަލު ކުރެވިފަ އެވެ. މި އިވެންޓްގައި ބައިލްސް އަށް ވާދަކުރެވިދާނެކަމާމެދު މިހާރު މިވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.
ބައިލްސް އޮލިމްޕިކްސް 2021 ގައި ވާދަކުރީ ޖިމްނާސްޓިކްގެ ފޭވަރިޓުގެ ގޮތުގަ އެވެ. ބްރެޒިލްގައި ކުރިއަށްދިޔަ 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ބައިލްސް ވަނީ ޖުމްލަ 5 މެޑަލް ހާސިލުކޮށްފަ އެވެ. އެކަމަކު މިއަހަރުގެ އޮލިމްޕިކްސް ގައި މި އަދަދަށް މެޑަލް ހޯދުމަކީ މިހާރު ނާދިރު ކަމެކެވެ.